ޙަބަރުދުނިޔޭގެ ކުޅިވަރު

ފޯރިގަދަ ކުޅުމަކަށް ފަހު އާސެނަލް އިން ޓޮޓެންހަމް ބަލި ކޮށް 4 ވަނަ އަށް ޖެހިލައިފި

އިންގްލިޝް ޕްރިމިއަރ ލީގް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި އާސެނަލްއިން ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް، ލީގުގެ 4 ވަނަ އަށް ޖެހިލައިފި.

ރޭ އާސެނަލް ހޯމްގައި ކުޅުނު މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިމެޖުގައި ފުރަތަމަ ކުރި ހޯދީ ލިބުނު ޕެނެލްޓީއަކުން އާސެނަލްއެވެ. އާސެނަލްއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިނީ ޕިއާ އެމްރިކް އަބަމަޔާންއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެރިކް ޑަޔާއި ހެރީ ކޭންގެ ގޯލްއިން ޓޮޓެންހަމް ކުރިހޯދިއެވެ.

ދެވަނަ ހާފަށް އާސެނަލް ނުކުތީ ބަދަލުތަކާއެކުގައެވެ. އާސެނަލްއަށް ދެވަނަ ހާފްގައި ގެނައި ބަދަލުތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ. 56 ވަނަ މިނެޓުގައި ރަމްސީ ތަނަވަސްކޮށްދިން ފުރުސަތާއެކު އަބަމަޔާންގެ އޭނާގެ ދެވަނަ ގޯލް ކާމިޔާކޮށް، އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި 74 ވަނަ މިނެޓު ލަކަޒެޓް ވަނީ އާސެނަލްއަށް ލީޑުވެސް ނަގައިދީފައެވެ. މެޗުގައި އާސެނަލްގެ ހަތަރުވަނަ ގޯލް ޖަހައިދިނީ، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދު ލޫކަސް ޓޮރޭރާއެވެ. ރޭގެ މެޗުން މޮޅުވެ އާސެނަލް ވަނީ ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް، ގޯލްގެ ތަފާތުން ގަދަ ހަތަރަކަށްވެސް އަރާފައެވެ.

މި މެޗްގެ އިތުރުންވެސް ރޭ ވަނީ ދެ ޑާބީ މެޗް ކުޅެފައެވެ. އިރާކޮޅު ކުޅުން ފުރަމަ މެޗުގައި ބައްދަލުކުރީ ޗެލްސީ އާއި ފުލްހަމްއެވެ، މިމެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެ ތާވަލްގެ 3 ވަނަ އަށް ވަނީ ޖެހިލާފައެވެ. ފަހު މެޗުގައި ބައްދަލުކުރީ ލިވަޕޫލް އާއި އެވަޓަން އެވެ. މިމެޗުން ލިވަޕޫލް މޯޅުވީ 1-0 ން ނަތީޖާއަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އޮރީގީ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 14 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 36 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ އިއްޔެ ފުލަމް އަތުން 2-0 އިން މޮޅުވި ޗެލްސީ އެވެ. ޗެލްސީ އަށް 14 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 4-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ހަތަރަކަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލާއި ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް 14 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. އާސެނަލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

Leave a Reply

Be the First to Comment!


 
Close