ޙަބަރު

އިފުރު އެއާޕޯޓަށް އެއް އަހަރު ފުރުން ފާހަގަ ކުރަނީ

އިފުރު އެއާޕޯޓަށް އެއް އަހަރު ފުރުން މިއަދު ފާހަގަ ކުރަމުން އެބަދެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އިފުރު އެއާޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވަނީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. މިކޭކު ފެޅުން އޮތީ މިއަދު މެންދުރު 13:30 ގައި އިފުރު އެއާޕޯޓުގެ ޓާމިނަލް ކުރިމަތީގައެވެ.

މީގެ އިތުރުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ އިފުރު އެއާޕޯޓު ކުލަ ބޮކިތަކުން ދިއްލާލާނެއެވެ. އަދި މުވައްޒަފުންނަށް ހާއްސަ ފަރިއްކޮޅެއްވެސް މިރޭ އިފުރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރ.އަތޮޅު އިފުރު އެއާޕޯޓް – ފޮޓޯ: ޠާހަ ހުސެއިން
ރ.އަތޮޅު އިފުރު އެއާޕޯޓް – ފޮޓޯ: ޠާހަ ހުސެއިން

އިފުރު އެއާޕޯޓު ތަރައްގީކޮށް ނިންމާ 2015 ވަނަ އަހަރުގެ މެއު 26 ވަނަ ދުވަހު އިފުރު އެއާޕޯޓަށް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓް ފުލައިޓް ޖައްސާފައެވެ. ރ. އިފުރުގައި ތަރައްގީކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. މިއެއާޕޯޓު ހުޅުއްވާ ދެއްވީ އިފުރުގައި ބޭއްވި ކުލަ ގަދަ ރަސްމީޔާތެއްގައ ރާއްޖޭގެ ރައިސުލް ޖުމުހުރީއްޔާ އަބުދުﷲ ޔާމީނެވެ. މިރަސްމިއްޔާތުގައި އިފުރު އެއާޕޯޓު ތަރައްގީކުރި އިފުރު އިންވެސްޓްމަންޓުން އެ އެއާޕޯޓުގެ ހިންގުމުގެ ހުރިހާކަމެއް ގައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް އާ ރަސްމީކޮށް ހަވާލުކުރިއެވެ.

އިފުރު އެއާޕޯޓު ހިންގުމުގެ ހުއްދަ އައިއޭއެސްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ، އޭރު ސިވިލް އޭވިއޭޝަނާއި ރީޖަނަލް އެއާޕޯޓްސް ބަލަހައްޓަވާ އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އައިއޭއެސްގެ ފަރާތުން އެ ހުއްދައާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

ސަރުކާރުގެ ކުޑަ ހިއްސާއެއް ހިމެނޭ ގޮތަށް އެގްރޯ މެރިން ނަމަކަށް ކިޔާ ކުންފުންޏަކާ އެކު އުފެއްދި އިފުރު އިންވެސްޓްމަންޓާ އިފުރު ހަވާލުކުރީ ރިސޯޓު ތަރައްގީކުރަން ތިން ރަށެއް ދޭ ގޮތަށް މޭ، 2011ގަ އެވެ. ދަރަވަންދު އާއި ގއ. ކޫއްޑޫ އެއާޕޯޓު ވެސް ހިންގާ އައިއޭއެސް އިން އިފުރު އެއާޕޯޓު ހިންގަނީ އިފުރު އިންވެސްޓްމަންޓާ އެކު ހެދި މެނޭޖްމަންޓު އެއްބަސްވުމެއްގެ ދަށުންނެވެ.

އިފުރު އެއާޕޯޓު ހިންގަން ފެށިއިރު އިފުރު އެއާޕޯޓާއި މާލެއާ ދެމެދު ދުވާލަކު އެއް ފުލައިޓު އޮވެއެވެ. ނަމަވެސް އެއް އަހަރު ދުވަހުގެ ތެރޭގައި އިފުރު އެއާޕޯޓު ވަނީ ކާމިޔާބީތަކެއް ހޯދާ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއާޕޯޓަށްވެ ދުވާލަކު އެވްރެޖްކޮށް 4 ފުލައިޓާއި 7 ފްލައިޓާ ދެމެދުގެ އަދަދަކަށް ދަތުރުތައް ކުރަންފަށާފައެވެ. އަދި އިފުރުން ހަނިމާދޫ އަދި ދަރަވަންދޫއާ ދެމެދު ވަނީ ދަތުރުތައް ފަށާފައެވެ.

އިފުރު އެއާޕޯޓަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެއެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ ހީވާގި މުވައްޒަފުންނާއި ގައުމީ އެއާލައިނަށް ‘އުފާ’ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close