ރިޕޯޓްޓެކުނޮލޮޖީ

ސައިބަރ ކްރައިމްގެ ޝިކާރައަކަށް ނުވުމަށް ހޭލުންތެރިވަމާ

މިޒަމާނަކީ ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް ހުރިހާ އެންމެންވެސް ބަރޯސާވާ ޒަމާނެވެ. ކޮމްޕިއުޓަރައިޒްޑް އާލާތްތަކާއި ސްމާޓް ފޯނާއި އިންޓަރނެޓަކީ މިއަދު އެއާނުލާ ނޫޅެވޭ އެއްޗިއްސަށް ވެފައިވާއިރު މިފަދަ ވަޞީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތައް އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަން ދަނެ އެއަށް ސަމާލުވާންޖެހެއެވެ.

ސައިބަރ ކްރައިމް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ޖިނާޢީ މައްސަލަތައް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ނުވުމަށް ހޭލުންތެރިވުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ. ސައިބަރ ކްރައިމަށް ހުށަހެޅެނީ ކިހިނެތްކަމާއި ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރާނެ ގޮތްތައް ކޮންމެ މީހަކަށްވެސް އެނގުން މުހިއްމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެންމެ އާންމުކޮށް ހިނގާ މައްސަލަތަކުގެ ތެރޭގައި ހެކްކުރުމާއި، ޑިސްޓްރިބިއުޓިވް ޑިނައިލް އޮފް ސަރވިސް (ޑީޑޮސް) އެޓޭކްސް ދިނުމުގެ އިތުރުންވެސް ޝޯޝަލް މީޑިއާތަކުގެ ޒަރީއާއިން އިންޒާރުދިނުމާއި ބިރުދެއްކުމާއި އޮންލައިން ޑެބިޓް އަދި ކްރެޑިޓް ކާރޑް ފްރޯޑް ފަދަ ކުށްތައްވެސް ފާހަގަ ކުރެވެއެވެ.

މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ބެލެނިވެރިންނަށް ޚާއްސަ ދައުރެއް އަދާކުރެވިދާނެއެވެ. އެގޮތުން ކުދިން އިންޓަރނެޓްގައި ހޭދަކުރާ ވަގުތުތަކުގައި އެކުދިން ކުރަނީ ކީއްތޯއާއި ވަދެއުޅޭ ސައިޓްތައް މޮނިޓަރ ކުރެވިދާނެއެވެ. އަދި އެކަހެރި ތަންތަނުގައި އިންޓަރނެޓް ބޭނުން ކުރުމުގެ ބަދަލުގައި ސިޓިންގ ރޫމް ފަދަ ގިނައިން މީހުންއުޅޭ ހާމަތަންތަނުގައި އެފަދަ ވަޞީލަތްތަކުގެ ބޭނުން ހިފުމަށް އާދަކުރުމަށާއި ނުދަންނަ މީސްމީހުންނާއި ވާހަކަ ނުދެއްކުމަށާއި ގޮތްނޭނގޭ ލިންކްތަކާއި ފިޝިންގ ލިންކްސްތަކަށް ސަމާލުވުމަށް ބުނެދެވިދާނެއެވެ.

މީގެ އިތުރުންވެސް އިންޓަރނެޓް މެދުވެރިކޮށް މުޢާމަލާތްކުރާއިރުގައާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައިވެސް ރައްކާތެރިވާންޖެހެއެވެ. އެގޮތުން ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ގިނަގިނައިން ޕާސްވޯޑް ބަދަލުކުރުމާއި އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ލުން ވަރަށް މުހިއްމެވެ. މާނައަކީ ޕާސްވޯޑުގެ އިތުރުންވެސް ލޮގިންވާ ކޮންމެ ފަހަރަކު ވަންޓައިމް ކޯޑެއް ލެވޭ ގޮތަށް ހެދިދާނެއެވެ. މީގެ އިތުރުންވެސް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމެވެ.

އިންޓަރނެޓް މެދުވެރިކޮށް ހިންގާ ބައެއް ކަހަލަ ކުށްތަކަކީ އެހާ ސީރިއަސް ނޫން މައްސަލަތަކެއް ކަމަށް ބައެއް ފަރާތްތަކުން ހީކޮށްފާނެއެވެ. ކޮމްޕިއުޓަރާއި ރައްޓެހި ނުވަތަ ކޮމްޕިއުޓަރުގެ ޢިލްމު ދަންނަ ފަރާތްތަކުން ބައެއް ފަހަރު މަޖަލަކަށް ނުވަތަ ތިމާގެ މޮޅުކަން ދެއްކުމަށްވެސް ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން ހެކްކުރުމާއި، ފިޝިންގގެ އެހީގައި މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމާއި ބްލެކް މެއިލް ކުރުން ފަދަކަންކަން ކުރެއެވެ.

އެހެނަސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ސައިބަރ ކްރައިމްސްތަކަކީވެސް ސީރިއަސް ޖިނާޢީ ކުށްތަކެވެ. ސައިބަރ ކްރައިމްއަށް ޚާއްސަ ޤާނޫނެއް ރާއްޖޭގައި ހެދިފައި މިވަގުތު ނެތްނަމަވެސް އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށްވެސް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން ވެސް އަދަބު ދެވޭނެއެވެ. މީހެއްގެ އަގު ބޮޑު މުދަލެއް ވަގަށް ނެގުން ވައްކަމުގެ ކުށަކަށް ވާފަދައިން އިންޓަރނެޓް ސައިޓްތައް ހެކްކޮށްގެން މީހުންގެ މުހިއްމު މަޢުލޫމާތުތައް ނެގުންވެސް ވާނީ ވައްކަމުގެ މައްސަލައަކަށެވެ.   އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ޑިޕާރޓްމަންޓުން މިފަދަ ބައެއް މައްސަލަތައް ތަހްޤީޤްކޮށް މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ޕްރޮސެކިއުޓްކުރުމަށް ފޮނުވާފައިވާކަންވެސް ފާހަގަކުރަމެވެ.

ކޮންމެއަކަސް ހުޅުވާލެވިފައިވާ މިފަދަ ޒަމާނެއްގައި އިންޓަރނެޓްގެ ބޭނުން އެންމެންވެސް ކުރާނެއެވެ. އަދި އެއިން ފައިދާ ލިބިގަންނައިރު އޭގެ ނާޖާއިޒް ބޭނުންހިފާ މީހުންނަށް ސަމާލުވުމަކީވެސް ކޮންމެހެން މުހިއްމުކަމެކެވެ. އެކަމަށް ބޭނުންވަނީ ހޭލުންތެރިކަމެވެ.

މަސްދަރު: http://www.policelife.mv/page/124289

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

Be the First to Comment!


 
Close