ރިޕޯޓް

އޮޅުވެލިފުއްޓަކީ ނަމޫނާ ރަށެއް، ހަނދާނުން ފުހެލަން ދަތި ދަތުރެއް

މިނިވަން ޗެންޕިއަންޝިޕް 2017 ގެ ދަތުރުގައި ރ.އަތޮޅުގެ ޗެންޕިއަން އުނގޫފާރު އެފްސީ ޒޯން 3 ގައި ހިމެނޭ އަނެއް ދެ އަތޮޅު ކަމުގައިވާ ބ އަދި ޅ ގެ ޗެންޕިއަނުންނާ ވާދަ ކުރުމަށް ދެން ދާން އޮތް މަންޒިލަކީ ޅ.އަތޮޅު ގެ ޗެންޕިއަން އޮޅުވެލިފުށި ކަމުގައި އެފްއޭއެމް އިން ނިންމުމުން އަޅުގަނޑުމެންނަށް އެކަން ފުރަތަމަ ބަލައިގަންނަން ދަތިވިއެވެ. އަޅުގަނޑުމެން މާ ބޮޑަށް ދަންނަ ރަށެއް ކަމުގައި ނުވިޔަސް ތުންތުން މަތިން އަޑު އިވިފައިވާ ގޮތުގައި 700 އެއްހާ އާބާދީއެއް އޮންނަ އެ ރަށަކީ ވަސީލަތްތައް މަދު ދަތިތައް ނުހަނު ގިނަ ރަށެކެވެ. އެހެން ކަމުން އަޅުގަނޑުމެންގެ ހިއްތައް އޭރުވީ ނުތަނަވަސްވެ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އުނގޫފާރު އެފްސީއާއި ކައުންސިލްއާއި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު އަޅުގަނޑުމެން ނިންމާފައިވަނީ މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ގައި އުނގޫފާރު އެފްސީ ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގެ އެއް ދުވަސް ކުރިން އޮޅުވެލިފުއްޓަށް ގޮސް އެރަށުގައި ހަމަ ޖެހިލުމަށެވެ. އަދި ކުޅެންޖެހޭ 2 ވަނަ މެޗާ ހަމައަށް 4 ދުވަހު އެރަށުގައި މަޑުކުރަން ޖެހޭ ގޮތަށް ދަތުރަށް ތައްޔާރުވުމަށެވެ. އުނގޫފާރު އެފްސީގެ ސްކޮޑާއެކު އަޅުގަނޑުމެންގެ ދަތުރުގައި ޓީމުގެ އޮފިސަލުންނާއި މެނޭޖުމެންޓާއި ކައްކާއިންނާއި ލޯންޑްރީ މަސައްކަތް ކުރާނެ މީހުންނާއި ފަސްޓްއެއިޑް އަދި މީޑިއާއެކު 37 މީހުން ހިމެނިފައިވެއެވެ. ކުރިން ލިބިފައި ހުރި މައުލޫމާތު ތަކަށް ބުރަވެ އަޅުގަނޑުމެން ދަތުރަށް ތައްޔާރުވީ ފަޅު ރަށަކަށް ދާން ތައްޔާރުވާ ފަދައިންނެވެ.

ގޫގްލް މެޕްސް – އޮޅުވެލިފުށި އަދި އުނގޫފާރު ދައްކުވައިދޭ ޗާޓެއް
ގޫގްލް މެޕްސް – އޮޅުވެލިފުށި އަދި އުނގޫފާރު ދައްކުވައިދޭ ޗާޓެއް

އުނގޫފާރާއި 42 މޭލު ދުރުގައި ޅ އަތޮޅުގެ އިރުމަތީ ދުނީގައި އޮތް އޮޅުވެލިފުއްޓާ މެދު ކުރެހިފައިވާ ތަސައްވުރު ބަދަލުވީ އެރަށުގައި އަޅުގަނޑުމެންގެ ޓީމު ބަނދަރުކުރި ހިސާބުންނެވެ. އަޅުގަނޑުމެންނަށް މަރުހަބާ ކިއުމަށް އޮޅުވެލިފުށީގެ ހީވާގި ރައްޔިތުން ރަށުގެ ބަނދަރު ތައްޔާރުކޮށްފައިވަނީ ގައުމުގެ ވަލިއްޔުލް އަމުރަށް މަރުހަބާ ކިޔުމަށް ތައްޔާރުކުރާހާ ފުރިހަމަކޮށެވެ. ހިނިތުންވުމާއި މަރުހަބާގެ އަތްތިލަބަޑިތަކާއި ކަރުގައި އަޅުވާލެވުނު ގުލްހާރުތަކުގެ ވެދުމާއެކު އަޅުގަނޑުމެން އޮޅުވެލިފުއްޓަށް ފޭބީ ރަތްދޫލާގައެވެ.

1
އޮޅުވެލިފުށިން އުނގޫފާރު އެފްސީއަށް މަރުހަބާ ކިޔަނީ – ފޮޓޯ: ޠާހާ ހުސެއިން

ބަނދަރުމަތިން އަޅުގަނޑުމެންނަށް އެ ރަށު ރައްޔިތުން މަރުހަބާ ކީއިރު އެ މީހުންގެ މޫނުތަކުގައި ބީރައްޓެހިކަމުގެ އެއްވެސް އަސަރެއް ނެތެވެ. އިހުސާސް ކުރެވުނީ ބަންދެއްގައި ގާތް ރަހުމަތްތެރިންތަކެއްގެ ގާތަށް ޗުއްޓީ ހޭދަކޮށްލަން އާދެވުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ބައްދަލު މިވީ ދެކެ ފަރިތަ ބަޔަކާ ބާއޭ އަޅުގަނޑުމެން ހިތައް އެރިއެވެ. ބަނދަރުމަތީގައި އަޅުގަނޑުމެންގެ ޝަރަފުގައި އެރުވި މަރުހަބާގެ ފިނި ބުއިމަކަށް ފަހު އަޅުގަނޑުމެން ދެން މިސްރާބު ޖެހީ އަޅުގަނޑުމެން ތިބުމަށް ހަމަ ޖެހިފައިވާ ކޮޓަރިތަކަށް ދިއުމަށެވެ.

އަޅުގަނޑުމެންނަށް ލުއި ފަސޭހަކޮށް ތިބެވޭނެ ގޮތް ހެދުމަށް އެމީހުން ވަރަށް ބޮޑެތި ގުރުބާނީ ތަކެއްވެފައިވެއެވެ. އަމިއްލަ ގެދޮރުގައި ދިރިއުޅެމުން ދިޔަ ތަންތަނުން ޖާގަ ހުސްކޮށް ރަށު ފެންވަރުގައި އެންމެ ރަނގަޅު ތަންތަނުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އަޅުގަނޑުމެން ރާވާފައިވާ ގޮތަށް ކައްކާ ކައި ހެދުމަށް ޖާގަ ތަނަވަސް ބަދިގެ އަކާއި ކާގެއެއް ވަސީލަތްތަކާއެކު ބޭނުން ކުރުމަށް އަޅުގަނޑުމެންނަށް ދޫކޮށްލާފައިވެއެވެ. ފުރަތަމަ މެޗުގައި އަޅުގަނޑުމެންނާ ވާދަކުރި އޭދަފުށީގެ ޓީމުވެސް ބުރާސްފަތި ދުވަހު އެ ރަށުގައި ތިބެން ހަމަޖެހިފައިވުމުން އެ ދުވަހު ކޮޓަރިތަކުގައި ޖާގައިގެ ދަތިކަން ދިމާވި ނަމަވެސް އެކަން ވެސް ވަނީ ފަހުން ހައްލުވެފައެވެ.

2

އަޅުގަނޑުމެން ގެނައި ސާމާނުތައް އަޅުގަނޑުމެން ތިބެން ހަމަ ޖެހިފައިވާ ތަންތަނަށް ބާލާ ހަމަޖެހުމުން ދައުވަތު ލިބުނީ ރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ތައްޔާރުކޮށްފައިވާ މެންދުރުގެ ފަރިއްކޮޅަކަށް އިންސާފުކުރާށެވެ. އެތަނުގައި އަޅުގަނޑުމެންނަށް ތަފާތު މީރު ދިވެހި ރަހަތައް ތަޖުރިބާކޮށްލަން ލިބުނެވެ. ހާއްސަކޮށް އެރަށު އަންހެން ކަނބަލުންގެ ހާއްސަ ‘ރެސިޕީ’ ތައް ހިމެނުން އިރު އޭގެ މީރު ރަހަތަކަށް ތައުރީފު އޮހެމުން ދިޔައީ އެ ތައުރީފު ހައްގުވެގެންނެވެ.

އެރަށުގައި ހޭދަވީ 4 ދުވަހު އެރަށުގެ ގިނަބަޔަކާ ބައްދަލުވުމުގެ ފުރުސަތު ލިބުންއިރު އެރަށު މީހުން ފާހަގަ ކުރެވުނީ ހިތްހެޔޮ އެންމެންނާ ގުޅޭ އޯގާތެރި ބައެއްގެ ގޮތުގައެވެ. އެދޭ ކޮންމެ ކަމެއްގައި އަބަދުވެސް އަޅުގަނޑުމެންނަށް އުފަލާއެކު އެހީތެރިވުމަށް ތައްޔާރަށް ތިބޭ ބައެއްގެ ގޮތުގައެވެ. ހިނިތުންވުމާ އެކު އަޅުގަނޑުމެންނާ އެކު ބައްދަލުނުކުރާ މޫނެއް އަޅުގަނޑުމެންނަށް އެ ރަށަކުން ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް ގިނަބަޔަކާ ރައްޓެހިވެ ރަހުމަތްތެރިވެވުނެވެ. ރަށުގެ ރައްޔިތުންނާ އަޅުގަނޑުމެންނާ ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ.

ދެވަނަ މެޗުގައި އަޅުގަނޑުމެން ވާދަކުރަން އޮތީ އޮޅުވެލިފުއްޓާއެވެ. އެ ދުވަހަކީ އެމެޗަށް ފަހު އަޅުގަނޑުމެންގެ ދަތުރު ނިންމާލާ ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ކުޅިވަރުގެ ރޫހަކީ ނަތީޖާ ނުކުންނަ ގޮތުން ނުވަތަ ހިނގާ ކަމަކުން ބައެއްފަހަރަށް ރަހުމަތްތެރިންނާ ޖެހި ދެކޮޅުވެރިކަމެއް ވެސް އުފައްދަފާނެ ކަމެއް ނަމަވެސް އަޅުގަނޑުމެންނާ އެރަށާ ކުޅުނު މެޗުން އަޅުގަނޑުމެން ބަލިވުމުން ވެސް އަޅުގަނޑުމެންގެ ހިތައް ފިނިކަން ގެނުވީ އޮޅުވެލިފުށި ޓީމާއި ރައްޔިތުންގެ ހިތްތިރި ކަމާއި އޯގާތެރިކަމެވެ.

އުނގޫފާރު އަދި އޮޅުވެލިފުށި ބައްދަލުކުރި މެޗު – ފޮޓޯ: ޠާހާ ހުސެއިން
އުނގޫފާރު އަދި އޮޅުވެލިފުށި ބައްދަލުކުރި މެޗު – ފޮޓޯ: ޠާހާ ހުސެއިން

މެޗު ނިންމާލުމަށްފަހު ފުރުމުގެ ކުރިން ޓީމަށް ރަށުގެ ރައްޔިތުން އެރުވި ސައިފޮދާއި ހިސާބުން ފެށިގެން އަޅުގަނޑުމެން ފުރަންދެން އޮޅުވެލިފުށި އެފްޓީގެ ކުޅުންތެރިން އަދި ރައްޔިތުން ވަގުތު ހޭދަކުރީ އަޅުގަނޑުމެންނާ އެކުވެ. ކުޅިވަރުގައި މޮޅުވުމާއި ބަލިވުމަކީ ކުޅިވަރުގެ ފިތުރަތު ކަމުގައި ބުނެދީ އަޅުގަނޑުމެން މާޔޫސްވެ ދެރަނުވުމަށް ހިއްވަރުދީ ހެދިއެވެ. ކުރިއަށް އޮތް މެޗުގެ ނަތީޖާ ނުކުންނަ ގޮތުން އަޅުގަނޑުމެން އެނބުރި އަންނަން ޖެހިދާނެތީ އެ އުންމީދު ނަގާނުލުމަށް އަޅުގަނޑުމެންގެ ގާތުގައި ބުންޏެވެ. އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އެ އެކުވެރިކަން ހަނދާނުން ފޮހެއެއް ނުލެވޭނެއެވެ. ހަގީގަތުގައި ވެސް އޮޅުވެލި ފުއްޓަކީ ނަމޫނާ ރަށެކެވެ. ތެދެކެވެ. އެރަށުގައި ހިދުމަތްތަކާއި ވަސީލާތްތައް މަދެވެ. ނަމަވެސް އެއަށްވުރެ އަގުބޮޑު ރައުސްމާލެއް އެމީހުންގެ އަތުގައި ވެއެވެ. އެއީ އެމީހުންގެ އެ ނިއުމަތަކުން މުއްސަނދިވެގެންވާ އެމީހުންގެ އޯގާތެރި ހިތެވެ.

އަޅުގަނޑުމެންނަށް މިހިސާބުން މިނިވަން ޗެންޕިއަންޝިޕްގެ ދަތުރު ނިންމާލަން ޖެހުނަސް އަޅުގަނޑުމެންގެ ދުޢާއަކީ މި މުބާރާތުގައި ކުރިއަށް އޮތް ތަނުގައި އޮޅުވެލިފުއްޓަށް ކާމިޔާބު މިންވަރުކުރައްވާ، ވާސިލްވެވޭނެ އެންމެ ކުރިއަކަށް ވާސިލްވުމުގެ ތައުފީގު މިންވަރު ކުރެއްވުމެވެ. އަދި ދުވާއަކީ ތިޔަ އޯގާތެރި ރައްޔިތުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު އަދި ކޮންމެވެސް ދުވަހަކުން ލިބުމެވެ. މި ފުރުސަތުގައި އަޅުގަނޑު އަވަސްވެ ގަންނާނީ އެ ރަށުން ބެހެއްޓި ގާތްކާމާއި މެހެމާންދާރީ އަށް އުނގޫފާރު ޑޮޓް ކޮމްގެ ނަމުގައި އަދި އެރަށަށް ދަތުރުކުރި އަޅުގަނޑުމެންގެ ޓީމުގެ ނަމުގައި ޝުކުރު އަދާކުރަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

5 Comments on "އޮޅުވެލިފުއްޓަކީ ނަމޫނާ ރަށެއް، ހަނދާނުން ފުހެލަން ދަތި ދަތުރެއް"


Guest
mgey
1 year 12 days ago

varah ufaavejje aguvazan kuraane bayaku thibyma. unmydhu kuran mikahala fursath tha adhives libeynekama

Guest
Nadheem
1 year 7 months ago

Alhugadu menge rasha thikurevi thaureefah fahfashun shukuru dhanavan thibeyfulhun alhugadu meanaa beyvi gaaikama lh.olhuvelifushige enmehaa beyfulhunge faraathuna alhugadu amilah namuga shukuru dhanavan

Guest
karankaage finiashin
1 year 7 months ago

Thiya dhevvi thaureefah fah fadhun shukurudhanavan.

Guest
ޙުސައިން މުޙައްމަދު_09
1 year 7 months ago

އޮޅުވެލިފުށިން ކީ މަރުހަބާ އާއި މެހެމާންދާރީގެ މަތީން ހަނދާން އާކޮށް އުނގޫފާރު އެފް ސީ އަދި މުޅި އުނގޫފާރު ރައްޔިތުންވެސް އިބްރަތް ހާސިލްކޮށް، ރ އަތޮޅުގެ ޓީމްތަކަށް އުނގޫފާރުގައި ދިމާވި ހިތްދަތި މެހެމާންދާރީ ތަކާމެދު ކަންބޮޑުވާހާލު ދެން އެފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް އަޒުމް ކަނޑައެޅުމަށް އެންމެހާ އުނގޫފާރު ރައްޔިތުންގެ ކިބައިން އެދެން..

Guest
fahumee
1 year 7 months ago

Ehves kameh madheh nuvaane ki idhaane konme ehchekeyves

 
Close