ޙަބަރުރ.އަތޮޅުރިޕޯޓްކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ރ އަތޮޅު މުބާރާތް – ދެންވާނީ ކިހިނެތް؟

މިނިވަން ޗެމްޕިއަންޝިޕް 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ އަހަރު އަތޮޅު މުބާރާތް ކުރިއަށްދިޔައީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައްކުޅެ މުބާރާތް ކުރިއަށްގެންދާ ގޮތަށެވެ. މުބާރާތުގެ ފުރަތަމަ އަހަރު ދިމާވި ކަންކަމަށާއި ތަޖުރިބާއަށް ބަލައި އޭގެފަހުން މުބާރާތްތައް ކުރިއަށްގެންދަނީ ކޮންމެވެސް އެއްރަށެއްގައެވެ. މިގޮތުން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅަނީ އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ހުށައެޅުމަށް ބަލައިގެންނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރުގެ މެޗުތައް ކުޅެން ޕްރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ހުޅުވާލުމުން މިފަހަރު ކުރިމަތިލީ ރ އަތޮޅުގެ ދެރަށަކުންނެވެ. އެއީ އަލިފުށްޓާއި މީދޫ އިންނެވެ. ފާއިތުވެ ދިޔަ ދެއަހަރު ވެސް މުބާރާތް ބޭއްވި އުނގޫފާރުން މިކަމަށް އެދި ކުރިމަތި ނުލުމުން މިކަން ވެގެން ދިޔައީ ގިނަބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ.

ރ އަތޮޅުން ހުށައެޅި ދެ ހުށައެޅުމަށް ބަލައި މުބާރާތް ބާއްވަން ފުރަތަމަ ނިންމީ ރ އަލިފުށީގައެވެ. އެފް އޭއެމް އިން އަލިފުށީގައި މުބާރާތް ބޭއްވުމަށް ނިންމައި 27 ފެބްރުއަރީ 2018 ވީ ބުދަ ދުވަހު އެކަން ސިޓީއަކުން އަލިފުށީ ކައުންސިލަށް އެންގުމާއެކު ރަށުގެ ރައްޔިތުންނަށް ހީވީ ބޮޑު އީދެއް އައިހެންނެވެ. ރަށްޔިތުން އެކުގައި ނިކުމެ މުބާރާތަށް އަލިފުށި ތައްޔާރު ކުރުމުގެ މަސައްކަތް ފެށިއެވެ.

މިނިވަން ޗެމްޕިއަންޝިޕަށް އަލިފުށި ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން — ސަން ފޮޓޯ

އަލިފުށީގައި މުބާރާތް ބޭއްވުމަށް ނިންމުމާއި ގުޅިގެންނާއި އަދި އެނިންމުން ރަސްމީކޮށް ރަށްރަށް އެންގުމުގެ ކުރިންވެސް މިކަމަށް ދެން ވާދަކުރި ރ މީދޫންވަނީ ހިތްހަމަނުޖެހުން ތަކާއެކު ތަފާތު ގިނަގޮތްގޮތައް އެމީހުންގެ ޝުއޫރުތައް ފާޅުކުރަން ފަށާފައެވެ. މިގޮތުން މީދޫގައި ހިންގާ އޮންލައިން ނޫހެއްގައި ބުނެފައިވަނީ އަލިފުށީގައި މުބާރާތް ބޭއްވުމަށް ނިންމަން އުޅޭކަމަށާއި އަދި މިކަމަކީ ސިޔާސީ ނުފޫޒުން ނިންމާފައިވާ ކަމެއްކަމަށެވެ. އަދި ސިޔާސީ ގޮތުން މީދޫގެ މައްޗަށް އަލިފުށި ކުރިހޯދުމަކީ ޤަބޫލުކުރަން ފަސޭހަ ކަމެއްނޫންކަމަށެވެ.

“އެގޮތުން ރ. އަލިފުށިން މުބާރާތް އެރަށަށް ގެންދިޔުމަށްޓަކައި ސިޔާސީ ފަރާތްތައް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިތުބާރުހުރި ގޮތަކަށް “އެމް.ޓީ”އަށް ވަނީ މަޢުލޫމާތުލިބިފައެވެ. މީދޫއަކީ ވެރިކަންކުރާ ޕާޓީ ޕީ.ޕީ.އެމްގެ ތާއީދު ބޮޑޫ ރަށަކަށް ވާއިރު އަލިފުށްޓަކީ އެމް.ޑީ.ޕީ ރަށެކެވެ. އެހެންކަމުން ސިޔާސީ ބޭފުޅުން މީގެ ތެރެއަށްވަދެ އަލިފުށްޓަށް މުބާރާތް ގެންދަން މަސައްކަތް ކުރުމަކީ އެތަކެއް ސުވާލުތަކެއް އުފެދޭ ކަމެކެވެ.” މީދޫ ޓައިމްސް ގައި ލިޔެފައިވެއެވެ. މީގެ އިތުރުން މުބާރާތް ބޭއްވުމަށް ހުރިހައި ގޮތަކުންވެސް އަލިފުއްޓާ ބަލާއިރު އެންމެ އެކަށީގެންވާ ރަށަކީ މީދޫކަމަށް މީދޫޓައިމްސްގައި ބުނެފައިވެއެވެ.

އަލިފުށިން ތައްޔާރުވަމުންދިޔަ ގޮތުގެ ކުރެހުމެއް

މީގެ އިތުރުން މީދޫގެ ބައެއް ރައްޔިތުންގެ ފަރާތުން އެފްއޭއެމްގެ ރައީސް ބައްސާމްއަށް ބަހުގެ ހަމަލާތަކެއްވެސް އަމާޒުވެފައިވާ ކަމަށާއި އަލިފުށީގައި ހޮސްޓްކުރަން ނިންމީ ސިޔާސީ ގޮތުން ޕްރެޝަރެއް އައިސްގެން ކަމަށް ބުނެ، މީސް މީޑިއާ މެދުވެރިކޮށް ބައްސާމްގެ އިސްތިއުފާއަށް ވެސް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށް ސަން އޮން ލައިންގައި ރިޕޯޓްކޮށްފާވެއެވެ.

އެފް އޭއެމްގެ މިނިންމުން މީދޫ އަށް ވެގެންދިޔައީ ބަލައިގަންނަން އުނދަގޫވި ހިތްދަތިވި ނިންމުމަކަށެވެ. އަދި މިނިންމުން ބަދަލުކުރެވޭތޯ ތަފާތު އެކި ގޮތްގޮތައް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު މީސް މީޑިއާގެ އެކި ފޯރަމް ތަކުގައި ދައުރުވަމުން ދާންފެށިއެވެ.

މުބާރާތުގައި ބައިވެރިވި އެހެން ރަށްތަކުން ހުށައަޅާފައިވާ މައްސަލަތައް ބެލުމަށްފަހު ކަމަށްބުނެ މުބާރާތް އަލިފުށިން މީދޫއަށް ބަދަލުކުރިކަން ލިޔުމުން އެފްއޭއެމް އިން ކައުންސިލްތަކަށް އެންގިއިރު އެހާތަނަށް އައިއިރު އަލިފުށިންވަނީ މުބާރާތް އަލިފުށީގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއްކޮށްފައެވެ. މުބާރާތް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތަށްބަލާއިރު އަށްޑިހަ އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށް އަލިފުށިން ބުނެފައިވެއެވެ.

އަލިފުށީ ކައުންސިލުން ފޮނުވާފައިވާ ސިޓީއެއް

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން މުބާރާތް ބާއްވާނެ ރަށަކާއިމެދު އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާތީ ކަމަށްބުނެ  މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކުގެ ކައުންސިލްތަކަށް 1 މާރިޗު 2018 ގައި ވަނީ ސިޓީއެއްފޮނުވާފައެވެ. އެސިޓީގައި މުބާރާތް ވަކިމުއްދަތެއްނެތް ގޮތަށް ފަސްކުރިކަމަށް ބުނެފައިވެއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް 5 މާރިޗު ގައި އޮންނާނެ ކަމަށާއި މިބައްދަލުވުމުގައި ބައިވެރިވުމަށް ކޮންމެ ރަށެއްގެ ކައުންސިލުގެ ދެ މެމްބަރުންނަށް ފޮނުވައި ދިނުމަށް އެދިފައިވެއެވެ.

އެފްއޭއެމް އިން ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީއެއް

މައުލޫމާތު ލިބިފައިވާ ގޮތުން މުބާރާތް ބޭއްވުމުގެ ތައްޔާރީތަކަށް އަލިފުށިން ކުރި ހަރަދުގެ ބަދަލު އަލިފުށްޓަށް ދޭގޮތައްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގައި ވާދަކުރުމަށް އަލިފުށީ ޓީމު ރަށުންބޭރަށްކުރާ ދަތުރުތަކުގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދެއްވާފައެވެ.

ދެފަހަރު ދެރަށުގައި ނިންމުމާއި ގުޅިގެން ނާއި އަދި ވަކި މުއްދަތެއްނެތް ގޮތަށް މުބާރާތް ފަސްކުރުމާއި ގުޅިގެން މުބާރާތުގެ ރ އަތޮޅު ބުރުގެ ކުޅުން ކުރިއަށްދާނެ ރަށަކާއި މުބާރާތް ފެށޭނެ ދުވަހެއް އަދި މިވަނީ ނޭގުމެއްގެ ތެރޭގައެވެ.

ވެދިޔަ ކަންތައްތަކާ މެދު އެފްއޭއެމްއިން ވަރަށްބޮޑަށް ވިސްނާ ކުރިއަށް އޮތްތަނުގައި ނިންމާ ނިންމުންތަކަކީ މިފަދަ ކަންކަން ކުރިމަތި ނުވާނެ ނުވަތަ މައްސަލަތައް މަދުވާނެ ގޮތަކަށް ނިންމާ ނިންމުންތަކަށް ވާނެކަމަށް އުއްމީދުކުރަމެވެ. ބަލަންވާވަރަށް ރަގަޅަށް ނުބަލައި ނުވަތަ ވަކިފަރާތެއްގެ ނުފޫޒުން ހޮސްޓްކުރާ ރަށްތައް ކަނޑައަޅައި އިއުލާންކުރުމަށް ފަހު، ފަހުން ރަށް ބަދަލުކުރުމުން އެކަމުގެ ނުރަނގަޅު އަސަރު ކުރުމަކީ އެއްވެސް ފަރާތަކުން ބޭނުންވާނެ ގޮތެއްނޫންކަން ޔަޤީނެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

2 ޙިޔާލު - "ރ އަތޮޅު މުބާރާތް – ދެންވާނީ ކިހިނެތް؟"


ކިޔުންތެރިއެއް
އަލިފުށީ ސޮރު
6 މަސް 8 ދުވަސް ކުރިން

ވާންވީގޮތް ހަމަޖެހި ނިމުނީމަ އެވާހަކަވެސް ލިޔެލަން ޖެހޭދޯ؟ މިހާ ތަފްޞީލުކޮށް ރިޕޯރޓު ގެނެސްދޭ ނޫހަކުން.

ކިޔުންތެރިއެއް
Zanaa
6 މަސް 12 ދުވަސް ކުރިން

Varah bias liyumeh.

 
Close