ޙަބަރުރ.އަތޮޅުމިނިވަން ޗެމްޕިއަންޝިޕް

3 ވަނަ ފައިނަލަށް 2 ޓީމުން ވެސް ތައްޔާރު – ކިހިނެތް ވާނެބާ؟

މިހާރު ރ.މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މިނިވަން ޗެންޕިއަންޝިޕް 2018 ރ.އަތޮޅު ބުރުގެ ފައިނަލްގައި ކުރީއަހަރުގެ ޗެންޕިއަން އުނގޫފާރު އެފްސީ އަދި އެފަހަރުގެ ރަނަރަފް މީދޫ އެފްސީ ވާދަކުރާ ފޯރިގަދަ އަދި ތާރީހީ މެޗު މިއަދު ހަވީރު އޮންނާނެއެވެ. މި މެޗަށް 2 ޓީމާއި ސަޕޯޓަރުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ތާރިހުގައި އަތޮޅު ބުރުގެ ފައިނަލްގައި 2 ޓީމުން ވެސް ވާދަކުރާ މިއީ 3 ވަަނަ ފަހަރެވެ. މީދޫ އެފްސީ އަށް ބަލާއިރު 2015 ވަނަ އަހަރު މިނިވަން ޗެންޕިއަންޝިޕް ރ.އަތޮޅު ބުރުގެ ފައިނަލްގައި އެޓީމުން ވަނީ ދުވާފަރާ ދެކޮޅަށް ވާދާކޮށްފައެވެ. މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލްގައި އުނގޫފާރު އެފްސީ ޖެހިގެން އައި 2016 ވަނަ އަހަރު ވަނީ އިންނަމާދޫ އެފްސީއާ ދެކޮޅަށް ވާދަކޮށްފައެވެ. މި 2 ފަހަރު 2 ޓީމަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އެއާއެކު މިދިޔަ އަހަރު އުނގޫފާރުގައި ކުރިއަށް ދިޔަ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ މި 2 ޓީމެވެ. މި މެޗްގައި އުނގޫފާރު އެފްސީ 1-0 ގެ ނަތީޖާއަކުން މީދޫ އެސްސީ ބަލިކޮށް އެ ޓީމުން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ. 2 ޓީމްގެ މި ތަޖުރިބާތަކަށް ފަހު މިފަހަރު އަނެއްކާވެސް މި ވަނީ ފައިނަލްގައި 2 ޓީމުން ވާދަކުރަން ޖެހިފައެވެ. ތަށި ދިފާއުކުރަން އުނގޫފާރު އެފްސީ އަތުކުރި އޮޅާލާފައި ވާއިރު މީދޫ އެސްސީން މުބާރާތުގެ ފައިނަލްގައި ބަލިވުމުގެ ހިތި ތަޖުރިބާ 3 ވަނަ ފަހަރަށް ކުރާކަށް ބޭނުނެެމެއް ނޫނެވެ.

މުބާރާތުގެ ފައިނަލަށް މިއަދު 2 ޓީމުން ނުކުންނަ އިރު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މި 2 ޓީމުން ވަނީ ވާދަކޮށްފައެވެ. އެ މެޗް މީދޫއެސްސީން ވަނީ 3 -1 ގެ ނަތީޖާއަކުން އުނގޫފާރު އެފްސީގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ މީދޫއެސްސީ އަތުން އުނގޫފާރު އެފްސީ ބަލިވި ފުރަތަމަ ފަހަރެވެ. މާޒީގެ ތަޖުރިބާތައް ކޮންމެ ގޮތަކަަށް ހުރިކަމުގައި ވިޔަސް އެކަން އެއްފަރާތް ކުރުމަށްފަހު މިއަދުގެ ފައިނަލްގައި 2 ޓީމުން ވެސް ފެނިގެން ދާނީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަން ގައިމެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި އުނގޫފާރު އެފްސީއަށް އޮތް ހޯމް އެޑްވާންޓޭޖް މިފަހަރު މީދޫއެފްސީއަށް ލިބިފައި ވާއިރު އެޓީމަށް މިފަަހަރު ތާރީހު ބަދަލުކޮށްލެވޭނެ ބާއެވެ؟ ނުވަތަ ޗެންޕިއަން އުނގޫފާރު އެފްސީއަށް ތަށި ދިފާއުކުރެވޭނެބާއެވެ؟ މި ސުވާލުތަކުގެ ޖަވާބު ލިިބިގެން ދާނީ މިއަދުގެ މެޗްގެ ފަހު ކަށިގަނޑު ރެފްރީ ފުމެލުމާއެކުއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދުގެ ތަށި މިވަނީ 2 ރަށުގެ ވެސް ރައްޔިތުންގެ ވިންދާއި އުންމީދާ ގުޅިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close