ރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ޒޯންގެ ތަށި ރ.އަތޮޅުގެ ފަސްގަނޑުގައި ބެހެއްޓުމަށް މީދޫއެސްސީ އާ އެކު މުޅި ރ.އަތޮޅު

މިނިވަން ޗެންޕިއަންޝިޕް 2018 އަތޮޅު މުބާރާތް ނިމި ޓީމުތައް ހިންދެމިލާ އިރު ދެން ފެނިގެންދިޔަ އެންމެ ހިތްގައިމު މަންޒަރަކީ މުބާރާތުގައި ފެނިގެން ދިޔަ ރަށު ލޯބި އަތޮޅަށް ވެސް އޮތްކަން ރ.އަތޮޅުގައި ވާދަކުރި ޓީމުތަކުން މިފަހަރުވެސް ދައްކުވައިދިން މަންޒަރެކެވެ. ރ.އަތޮޅުގެ ޗެންޕިއަންކަން ހޯދާ ޓީމުގެ ފަހަތަށް މުޅި ރ.އަތޮޅު އަރަނީ އަތޮޅުގެ ފަސްގަނޑުފައި ޒޯންގެ ތަށި ބެހެއްޓުމުގެ އަޒުމުގައެވެ. އެންމެފުރަތަމަ އަތޮޅަށް ތަށި ހޯދައިދިނުމަށް ރ.އަތޮޅުގެ ޓީމުތައް ކުރި ދަތުރުގެ ތާރީހަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

ޒޯންގެ ތަށި ރ.އަތޮޅުގެ ޓީމަކުން އެންމެ ފަހުން ހޯދާފައި ވަނީ މިނިވަން ޗެންޕިއަންޝިޕްގެ ނަމުގައި މުބާރާތް ރީބްރޭންޑްވުމުގެ ކުރިން 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ޒޯން ކާމިޔާބު ކުރީ އުނގޫފާރުގެ ހޭހަން ރިކްރިއޭޝަން ކުލަބެވެ. އެއީ ނައިފަރުގެ އައިޑިއަލް މޫމެންޓާ ވާދަކޮށް އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީގައި 5-4 ން ނައިފަރު އައިޑަލް މޫމެންޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭރު މި ޒޯންގައި ރ،ބ،ޅ ގެ އިތުރުން މިހާރު ޒޯން 2 ގައި ހިމެނޭ ނ އަތޮޅުވެސް ހިމެނެއެވެ.

އެއަށްފަހު މިނިވަން ޗެންޕިއަންޝިޕްގެ ނަމުގައި 2015 ވަނަ އަހަރު ބޭއްވުނު ފުރަތަމަ މުބާރާތުގައި ޒޯންގެ ތަށި ރ.އަތޮޅަށް ގެނައުމުގެ ފުރުސަތު ރ.ދުވާފަރަށް ލިބިގެން ދިޔައެވެ. ދުވާފާރުގެ އިތުރުން ބ.އޭދަފުށި އަދި ޅ.ހިންނަވަރު  ވާދަކުރި މި މުބާރާތް ކުރިއަށް ދިޔައީ ހޯމް އެންޑް އަވޭ އުސޫލަށް ކުޅެ އެންމެ ގިނަ ޕޮއިންޓ ހޯދާ ޓީމަކުން ޒޯންގެ ޗެންޕިއަންކަން ހޯދާ ގޮތަށެވެ. އެފަހަރު ދުވާފަރަށް ފުރުސަތު ގެއްލިގެން ދިޔައީ ދުވާފަރު އަދި އޭދަފުށި ވާދަކުރާ 2 ވަނަ މެޗަށް ދުވާފަރު ޓީމް ހާޒިރު ނުވުމުގެ ސަބަބުންނެވެ. އޭދަފުއްޓާއި އަދި ދުވާފަރު ވާދަކުރި ފުރަތަމަ މެޗުގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން އެފްއޭއެމްއިން ނިންމީ ދުވާފަރުގައި ކުޅެން ހަމަޖެހިފައިވާ މެޗު މާލޭގައި ކުޅޭ ގޮތަށެވެ. ދުވާފަރުން މެޗު ދޫކޮށްލާފައި ވަނީ މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންނެވެ. އެ މެޗުގައި ދުވާފަރު ވާދަކޮށް އޭދަފުށި ބަލިކުރިނަމަ މިނިވަންޗެންޕިއަންޝިޕްގެ ތަށި ރ.އަތޮޅުގައި ބަހައްޓާ ފުރަތަމަ ޓީމަށް ވުމުގެ ފުރުސަތު ދުވާފަރަށް ލިބިގެން ދިޔައީހެވެ.

ޖެހިގެން އައި 2016 ވަނަ އަހަރު ފައިނަލްގައި އުނގޫފާރު އެފްސީގެ މައްޗަށް ކުރި ހޯދާ ރ.އަތޮޅު ޗެންޕިއަންކަން ހޯދައި ޒޯންގެ ތަށި އަތޮޅަށް ގެނައުމުގެ ފުރުސަތު ލިބިގެން ދިޔައީ އިންނަމާދޫ އެސްސީއަށެވެ. އިންނަމާދޫ އެސްސީ އެފަހަރު ޒޯންގައި ވާދަކުރީ އޭދަފުށި އަދި ނައިފަރާ ދެކޮޅަށެވެ. އިންނަމާދޫ އެސްސީ ނައިފަރުގެ މައްޗަށް 2-0 ން ކުރި ހޯދި ނަމަވެސް އެންމެ ފަހުގެ ޗެންޕިއަން އޭދަފުށި އަތުން 4-1 ން ބަލިވެ އިންނާމާދޫ މުބާރާތުން ކަޓައި ރ.އަތޮޅަށް ތަށިގެނައުމުގެ ހުވަފެން އެފަހަރުވެސް ވީ ބިލާހަކަށެވެ.

2017 ވަނަ އަހަރު މުބާރާތުގެ ރ.އަތޮޅުގެ ޗެންޕިއަންކަން ހޯދީ އުނގޫފާރު އެފްސީއެވެ. އުނގޫފާރު އެފްސީ ޒޯން ބުރުގައި 2016 ވަނަ އަހަރު ރާއްޖޭގެ ޗެންޕިއަންކަން ހޯދި އޭދަފުއްޓާ ވާދަކޮށް ފުރަތަމަ މެޗުގައި 1-1 ން އެއްވަރުވި ނަމަވެސް ޅ.އޮޅުވެލިފުށި އަތުން ބަލިވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އޭދަފުށި އަދި އޮޅުވެލިފުއްޓެވެ. ވޭތުވެދިޔަ 3 އަހަރު ރ.އަތޮޅުގެ ޓީމުތަކުން މުބާރާތުގައި ޒޯންގެ ތަށި ރ.އަތޮޅުގައި ބެހެއްޓުމަށް ކުރި މަސައްކަތްތަށް ނާކާމިޔާބުވުމަށް ފަހު އެ ފުރުސަތު މިފަހަރު ލިބިފައި ވަނީ ރ.މީދޫ ސްޕޯޓްސް ކުލަބަށެވެ.

މިއަހަރުގެ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މީދޫ އެސްސީ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ރާއްޖޭގެ ޗެންޕިއަން އޭދަފުށި ބަލިކޮށް ބ.އަތޮޅުގެ ޗެންޕިއަންކަން ހޯދި ފެހެންދޫއާއެވެ. މިނިވަން ޗެންޕިއަންޝިޕް ޒޯން 3 މުބާރާތުގެ ތަށި ބ.އަތޮޅުން ހޯދަމުން އައި ތަރީހަށް ނިމުމެއް ގެނެސް ރ.އަތޮޅުގައި މިތަށި ބެހެއްޓުމަށް އަތޮޅުގެ ފުޓްބޯޅަ ޢާއިލާ މި ވަނީ އަތުކުރި އޮޅާލާ މީދޫ ސްޕޯޓްސް ކުލަބުގެ ފަހަތަށް އަރާފައެވެ. މީސްމީޑީއަށް ނަޒަރު ހިންގާލިޔަސް ފެންނަމުން ދަނީ މި ތަށި މިފަހަރު ރ.އަތޮޅުގެ ފަސްގަނޑުގައި ބެހެއްޓުމަށް އަތޮޅުގެ ރައްޔިތުން ކުރަމުންދާ އުންމީދާ ޝުޢޫރުތަކެވެ. މިނިވަން ޗެންޕިއަންޝިޕް 2018 ޒޯން 3 ގެ ފައިނަލް މެޗު މިއަދު ހަވީރު ޅ.ނައިފަރު ޓާފް ސްޓޭޑިއަމްގައި ކުރިއަށްދާއިރު 12 ވަނަ ކުޅުންތެރިޔާގެ ރޯލް މުޅި އަތޮޅު ވަރަށް ފުރިހަމަ އަދާކުރާނެކަން ޤައިމެވެ. އެއް އަތޮޅެއް، އެއްބައެއްގެ ގޮތުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close