ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

ވައިނޮޓް ސްޕޯރޓްސް ތަފާތުވާނެ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑެން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެއްކޮޅުން ވާދަކުރާ ޓީމަކީ ވައިނޮޓް ސްޕޯރޓްސްއެވެ.

ރަށުފެންވަރުގައި އުފެދޭ ފުޓްބޯޅަ ޓީމް ތަކުން އެރަކަށްޓަކައި ކޮއްދެވޭނެ އެންމެ އަގުހުރި މަސައްކަތަކީ ހުނަރުވެރި، އަޚްލާޤު ރަނގަޅު ކުޅުންތެރިން އުފައްދާ ރަށުތެރެއަށް ނެރެދިނުމެވެ. އުނގޫފާރުގެ މި ޖެނެރޭޝަންގެ ފުޓްބޯޅައިގެ ތަރިންނަކީ ކޮބައިތޯ އަހައިފިނަމަ ކޮންމެ މީހަކުވެސް ލިސްޓް ކޮށްލާނީ ދާދި އެއް ކުޅުންތެރިންތަކެކެވެ.

މި އޮޑީގެ ކައްޕިތާނު ޣުޒައިރު ހަސަން (ޑާޑު)، ވާދަވެރިންނަށް މައިތިރި ނުކުރެވޭ ސައުދުﷲ ހުސައިން (ސައު)، ވަރުބަލިނުވާ ހަސަން ފަޒީލް (ނަތަކިއްލާ)، ގަދަފަދަ އަހުމަދު މުޖުތަބާ (ޕްރިންޓޭ)، ލޯ ތޫނު ތާހާ ހަނީފް (ޓޮމް)، އަދި ބާރުގަދަ ރިލްވާން މުހައްމަދު (ދަޅޭ) ފަދަ ކުޅުންތެރިންނަކީ އެ ކުޅުންތެރިންނަށްޓަކައި މުޅި އުނގޫފާރު ފަޚުރުވެރިވާ ވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނެވެ.

އެންމެނަށްވެސް ފެންނަނީ މިހުރިހާ ކުދިން ދަނޑުމަތީގައި ދައްކަމުންދާ ހިތްވަރާއި ހުނަރެވެ. އެކުދިންނަށް ފުޓްބޯޅަ ދަނޑާއި ހަމައަށް ދެވުނީ ނުވަތަ އެކުދިންނަށް ދަނޑު ދެއްކީ ކާކު ކަމެއް ނޭނގެއެވެ. މިހުރިހާ ކުދިން އެކި ތަންތާ ތިއްބާ ގެނެސް އަޅި ކުލައިގެ ޖާޒީ އެއް އަޅުވާ އެއްޓީމެއްގެ ގޮތުގައި ނެރެދިން ބައްޕަ އަކީ ވައިނޮޓް ސްޕޯރޓްސް އެވެ. އަދި މީގެ އިތުރުން ދަނޑުމަތީގައި މަސައްކަތު ރޭޓް މަތި މިޑްފީލްޑަރ އަބްދުﷲ ޝަރީފް (ބުއްބޯ) އާއި ހުނަރުވެރި އާތިފް އިގްބާލް (އާތީ) އާއި އުނގޫފާރު ފުޓްބޯޅަ ޓީމުގެ ތަފާތު ދައްކާ ފޯވަރޑް ހުސައިން ރިމާޒް ވާދަވެރި ފުޓްބޯޅައަށް ނެރެދީ އާކަން ކަނޑާލަދިނީވެސް ހަމަ މި ވައިނޮޓްސްޕޯރޓްސް އިންނެވެ.

 

ވައިނޮޓް ސްޕޯރޓްސް އަކީ އިނގިރޭސި ޓީމު މެންޗެސްޓަރ ޔުނައިޓެޑް އަށް ސަޕޯރޓު ކުރާ ރައްޓެހިންތަކެއް 2001 ވަނަ އަހަރު އުފެއްދި ޓީމެކެވެ. އޭރުގައި ޓީމުގެ ނަމަކި މެންޗެސްޓަރ ފޯރސް އެވެ. 2007 ވަނަ އަހަރު ޓީމު ރީބްރޭންޑް ކޮށް ވައިނޮޓް ސްޕޯރޓްސް ގެ ނަމުގައި ނިކުމެ ކުރިން ދެންނެވުނުފަދަ ހުނަރުވެރި ކުޅުންތެރިންގެ ސްކޮޑެއް ގާއިމު ކޮށް ހުރިހާ ކުޅުންތެރިންނާއި ޓީމާއިދެމެދު އެއްބަސްވުން ތައްޔާރުކުރެވުނެވެ. މިއަދު އުނގޫފާރުގައި އުފެދިފައިވާ ޓީމުތަކުގައި ކުޅުންތެރިން ކޮންޓްރެކްޓް އުސޫލުން ގެންގުޅެން ފެށުނީ އެހިސާބުންނެވެ. އާދެ، ޓީމު ތަކުގައި ކުޅުންތެރިން ޕްރޮފެޝަނަލް ލެވެލްގައި ގެންގުޅެން ދަސްކޮށްދިނީ ވައިނޮޓްއިންނެވެ.

އުނގޫފާރު މިއަދު މިދެކޭ ޓީމުތަކުގެ ތެރެއިން އެންމެ ދިގު ތާރީޚެއް އޮތް އެއް ޓީމަކީވެސް ވައިނޮޓެވެ. 2001 ގައި އެކުލެވިގެން މިއަދާ ހަމައަށް އައިއިރު ރަށުގައި ބޭއްވުނު ގިނަ މުބާރާތްތަކެއްގައި ވައިނޮޓްއިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އުނގޫފާރުގައި މިހާތަނަށް ބޭއްވި ހަމަ އެކަނި ފުޓްސަލް ލީގު އިންލައިން ފުޓްލަސް ލީގުގައި ވައިނޮޓްގެ ފަރާތުން 2 ޓީމު ބައިވެރިކުރިއެވެ. 2009 ގައި ޕޮލިހުން ބޭއްވި ފުޓްސަލް މުބާރާތާއި 2011 ގައި ފެށި ސައިފް ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އެހެންޓީމް ތަކަށް ގޮންޖަހާލިއެވެ. 2012 ގެ އުފާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ހީނުކުރާވަރުގެ ޓީމަކާއިއެކުއެވެ.

ކޮންމެ މުބާރާތެއްގައިވެސް ވަރުބަލި ކަމެއްނެތި ވައިނޮޓް އިން ބައިވެރިވަމުންދިޔައެވެ. 2011 ގެ ސައިފް ބޮޑު މުބާރާތުގައި ބައިވެރިވުމަށްފަހު ބޮޑު މެދުކެނޑުމަކަށްފަހު 2016 ގެ ސައިފް މުބާރާތުގައި ތަފާތު ޓީމަކާއި އެކު ނިކުމެ ބޮޑެތި ޓީމުތައް ސިއްސުވާލިއެވެ. އެފަހަރު ޓީމުގެ މުގުލުގައި ހުރީ ވައިނޮޓް އަލުން ނަގާކޮޅަށް ޖަހައިދިނުމަށް ބުރަމަސައްކަތްތަކެއް ކުރަމުންދިޔަ ޒުވާނުންގެ އެކުވެރި އިބްރާހިމް މަންސޫރެވެ.

ގިނަ މުބާރާތްތަކެއްގައި ބައިވެރިފައިވީނަމަވެސް އަދި އެއްވެސް މުބާރާތެއްގެ ތަށި ކާމިޔާބުކުރުމުގެ ނަސީބު ވައިނޮޓަކަށް ލިބިފައެއްނެތެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވައިނޮޓްގެ އާކޯޗު މައުރޫފު މޫސާ މާއްޓޭ ބުނީ ކުރިއަށް މިއަންނަ މުބާރާތްތަކުގައި ވައިނޮޓްވެސް ނިކުންނާނީ އެހެންޓީމު ތަކެކޭވެސް އެއްގޮތަށް މުބާރާތުގައި ރަގަނޅު ފައިޓެއްދީ ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.

އިއްޔެ މިފެށުނު ސައިފް ގޯލްޑަން ޖުބުލީގައި ވައިނޮޓް މިއަދު ނިކުންނާނީ އެކުޅުންތެރިން ތަކެއް ވައިނޮޓުން ދަނޑުމަށްޗަށް ނެރެދީފައިވާ ކުޅުންތެރިން ހިމެނޭ އުނގޫފާރުގައި މިވަގުތުއޮތް އެއްމެ ވަރުގަދަ ޓީމު ތިޔަމަސް އާއި ދެކޮޅަށެވެ.

“ވައިނޮޓުން މިއަދު މިނިކުންނަނީ އުނގޫފާރުގައި އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް، އަހަރެމެން ތިޔަމަސް އަށް އިހުތިރާމް ކުރަން، އިރާދަ ކުރެއްވިއްޔާ ވައިނޮޓުންވެސް ރަގަނޅު ފައިޓެއް ދޭނަން، އިއރާދަކުރެއްވިއާ މަދުވެގެން އެއްޕޮއިންޓް ހޯދުން މިއަދު ޓާގެޓަކީ” ވަރަށް ކުރުކޮށްލާފަ ކޯޗު މާއްޓޭ ބުންޏެވެ.

މުބާރާތަށް ޓީމުނިކުންނައިރު ޓީމުގެ ހިތް ކަމުގައިވާ މަންސޫރު ޓީމައި ވަކިން ހުންނަން ޖެހުމަކީ ވައިނޮޓަށް ލިބިގެންދާނެ އެއްމެބޮޑު ދެރައެވެ. އަދި މީގެ އިތުރުން ގިނަ ކުޅުންތެރިން ތަކެއް ޓީމު ދޫއްކޮށް ދިޔުންވެސްވަނީ ވައިނޮޓަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށެވެ.

މިމުބާރާތަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ދާދި ފަހުންވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ޓީމާއި ގުޅުވާފައެވެ. މިގޮތުން ރ ދުވާފަރުގެ ދެކުޅުންތެރިން ކަމަށްވާ އަހުމަދު އީސާ (ކުޑަމެސީ) އާއި އިބްރާހީމް އަލީ (އައްބެ) އާއި ހުޅުދުއްފާރު އަބުދުލް މަންނާނު އިބްރާހީމް (މަންނި) ހިމެނެއެވެ. އަދި ކުރިން އެފްސީ އޯކޭ އަށް ކުޅުނު ހުސައިން ނަޒުރަތުއާއި އެއްވެސް ޓީމަކާއި ނުގުޅި ހުރި އަހުމަދު އަފްރާހު އާއި ގޯލްކީޕަރު އިބްރާހީމް ރަޝީދު (ތަފާތު) ވަނީ ޓީމަށް ގެނެސްފައެވެ.

ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ގޮސްފައިވާއިރު ޓީމާއި އަލަށް ގުޅިފައިވާ ކުޅުންތެރިންނާއެކު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވައިނޮޓް ސްޕޯރޓްސް މިފަހަރު ދަނޑުމަތީގައި ތަފާތު ފެނިގެންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close