ޙަބަރު

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ބަލަނީ

އަނިޔާވެރިކޮށް ޝަހީދުކޮށްލާފައިވާ ރައްޔިތުން މަޖުލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ރ.އުނގޫފާރު ގުލްފާމުގޭ ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ ދާދި ދެންމެ އަކު ކުރި ޓްވީޓެެއްގައެވެ.

މިކަން ހާމަކޮށް ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވީ ޑރ.އަފްރާޝީމް އަލީއާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އަލުން ރިވިއުކޮށް ފުލުހުންނަށް އިތުރަށް ކުރެވެން ހުރި މަސަައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 1 އޮކްޓޫބަރ 2012 ވަނަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ. މި މައްސަލާގައި ޑރ.އަފްރާޝީމް މަރާލިކަމުގެ ކުއް ސާބިތުވެ ހ.ލޮބީ ހުސެއިން ހުމާމްގެ މައްޗަށް ކުރިމިނަލް ކޯޓުން 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
ހުސެއިން ޙުމާމު އަޙްމަދުގެ މައްޗަށްކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ ޙުސައިން ޙުމާމް އަޙްމަދު ތޫނު އެއްޗަކުން ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލަދީ، ޑރ.އަފްރާޝީމް ޢަލީ ޤަސްދުގައި މަރާލާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޙުސައިން ޙުމާމް އަޙްމަދު ޤަސްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވާ ކަމަށާއި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ހ.ލޮބީ ޙުސައިން ޙުމާމް އަޙްމަދު މެރުމަށް ޙުކުމްކުރާކަމަށެވެ. އަދި މި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

އެހެން ނަމަވެސް ތަހުޤީގީ މަރުހަލާގައި އެކި ފަހަރު މަތުން މީޑިއާއަށް މަޢުލޫމާތު ދެމުން ޑރ.އަފްރާޝީމްގެ މަރުގެ ފަހަތުގައި އެކަން ރަވާ އަދި މި އަނިޔާވެރި އަމަލަށް ފަންޑްކޮށްފައިވާ ފަރާތްތަކެއް ވާކަމަށް ފުލުހުން ބުނެފައިވާތީ އެފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެއުމުގެ ކުރިން ހުމާމް މެރުމަށް އާއިލާއަށް ނުފެންނާތީ އެ ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށް އަފްރާޝީމްގެ އާއިލާގެ ފަރާތުން ސްޕްރީމްކޯޓްގައި ވަނީ އެދިފައެވެ.

ޑރ.އަފްރާޝީމްގެ މަރުގެ ތަހުގީގައި ގުޅޭ ގޮތުން މީޑީއާއަށް މަޢުލޫމާތު ދެމުން މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މި ތަހުގީގުގައި 500 އަށްވުރެ ގިނަ ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް ދިރާސާ ކޮށް، 100 އަށްވުރެ ގިނަ މީހުންނާއި ސުވާލުކޮށް މަޢުލޫމާތު ހޯދާފައި ވެއެވެ. މީގެ އިތުރުން މި ތަހުގީގުގައި 13 ހާހަށްވުރެ ގިނަ ފޯނުކޯލް އެނަލައިޒް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި އަދި މި މައްސަލައިގެ ތަޙުޤީޤަށް އެމެރިކާގެ އެފް. ބީ. އައިގެ 2 އެކްސްޕާރޓުންގެ އެހީތެރިކަން ވެސް ހޯދި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އޭރު ސިފަކުރި ގޮތުގައި އެއީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ވަރުގަދަ ޖިނާއީ ތަހުގީގެވެ. އެހެން ނަމަވެސް އެ މައްސަލާގައި ހިމެނޭ ފަރާތްތައް އަދި ވެސް ވަނީ ނުހޯދިއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close