ޙަބަރު

ޖަނަރޭޓަރު ގެނައިތާ 6 މަސް – އަދިވެސް އިންސްޓޯލް ކޮށް ނުނިމޭ، ކަރަންޓްގެ ހާލަތު ރަނގަޅެއްނޫން!

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ

އުނގޫފާރު ކައުންސިލުން ހިންގަމުންގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމުގެ ގޮތުން ގެނެސްފައިވާ ޖަނަރޭޓަރު އަދިވެސް އިންސްޓޯލް ކޮށް ނުނިމެއެވެ. މީގެ ހަމަސް ކުރިން މިޖަނަރޭޓަރުގެނައީ  އެއިރު މިޖަނަރޭޓަރު ނުގެނެސްފިނަމަ އުނގޫފާރުގެ ކަރަންޓްގެ ހިދުމަތް މެދުކެނޑިގެން ހިނގައިދާނެކަމަށް ބުނެއެވެ.

އިންޖީނު އުނގޫފާރަށް ގެނައިތާ މިޑިސެމްބަރު 6 ވަނަ ދުވަހަށް 6 މަސްވާއިރު އިންޖީހުރީ އަދިވެސް ކަރަންޓް ދެވޭ ހާލަތެއްގައެއްނޫނެވެ. އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ އެންމެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވިއަސް އުނގޫފާރަށް ދެމުންދާ ކަރަންޓްގެ ހިދުމަތަށް ބުރޫ އަރާނެކަމަށް އިންޖީނުގެއިން މައުލޫމާތުދިން މުވައްޒަފަކު ބުނެފައިވެއެވެ.

ކުރިއަށް އޮތީ އިރުވައިމޫސުމުގެ ހޫނުގަދަ ދުވަސްތައްކަމަށްވާއިރު އުނގޫފާރުގައި ކަރަންޓް ބޭނުންކުރާ ނިސްބަތް އިންތިހާއަށް އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ.

މިކަމާއިގުޅިގެން ސުވާލުކޮށްލުމުން އުނގޫފާރު އިންޖީނުގޭގެ މެނޭޖަރ އަހުމަދު އަބްދުއްޝަކޫރު ވިދާޅުވީ އަލަށްގެނެސްފައިވާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ނުނިމިހުރީ ޕެނަލްއާއި ގުޅަންޖެހޭ ކޭބަލްއެއް ގުޅުން އެކަނި ކަމަށެވެ. ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ހަވާލުވެފައިވާ ވޮލްވޯ ކުންފުނިން މިކޮޅަށް އައިސް ކޭބަލް ގުޅާލުމުން ނިމުނީކަމަށެވެ.

“ޖަނަރޭޓަރު އެހުރީ ބެޑަށްލާ ސައިލެންސަރު ގުޅާ ފިއުލް ލައިންވެސް ގުޅާނިމިފައި. ނުނިމިހުރީ ޕެނަލް އާއި ގުޅާލުން އެކަނި. އެމަސައްކަތްވެސް ވަރަށް އަވަހަށް، ހަފްތާއެއްހާ ދުވަސްތެރޭ ނިމޭނެ ކަމަށްމިބަލަނީ.” އަހުމަދު ވިދާޅުވިއެވެ.

އުނގޫފާރުގެ ކަރަންޓްގެ ހާލަތު ހާމަކުރައްވަމުން މެނޭޖަރު ވިދާޅުވީ މިހާރުވެސް ދުވާލުގެ ވަގުތުގައި އެންމެ ދައްވެގެން 750 ކިލޯވޮޓްގެ ލޯޑް ނަގާކަމަށެވެ. ކުރިއަށް އޮތީ އިރުވައިމޫސުން ކަމަށްވުމާއި އަދި ވަރަށްކައިރީ ރޯދަމަސް އޮތުމާއެކު ކަރަންޓްގެ ޑިމާންޑް ވަރަށްބޮޑުތަން މައްޗައްދާނެ ކަމަށެވެ.

އިންޖީނުގެއަށް ޖަނަރޭޓަރު ގެންނަނީ

“އަޅުގަނޑުމެން މިހާރު މެނޭޖު ކުރަންހުރީ 450 އާއި 350 އާއި 270 ކިލޯވޮޓްގެ ޖަނަރޭޓަރު އަދި 114 ކިލޯވޮޓްގެ ސޯލާ ހަކަތަ ، އޭގެތެރެއިން ސްކޫލްގައި ބަހައްޓާފައިހުރި 17 ކިލޯވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު މިވަގުތު ހުރީ މައްސަލަޖެހިފައި، އަދި ސިންކްރަނައިޒްގެ މައްސަލައެއް އުޅޭތީ އެއް ޖަނަރޭޓަރު ބޭނުންކުރުންވަނީ ވަރަށްބޮޑު ދަތިކަމަށްވެފައި”

590 ކިިލޯވޮޓްގެ މި ޖަނަރޭޓަރު އުނގޫފާރަށް ގެނެސް އެޖަނަރޭޓަރުން ބޭނުން ކުރެވޭ ހާލަތަށް ނުގެނެސް މިހާގިނަދުވަސް ވެގެންމިދަނީ އިތުރު ޖަނަރޭޓަރަކަށް ސީރިއަސް މައްސަލައެއް މިދުވަސްތަކުގައި ދިމާވަމުން ނުދާތީކަމަށް ބެލެވެއެވެ. ނަމަވެސް ބޮޑު މައްސަލައެއް ދިމާނުވިނަމަވެސް ޖަނރޭޓަރު ތަކުގެ ހާލަތުވަރަށް ދައްކަމަށް މައުލޫމާތު ލިބެއެވެ.

އިންޖީނުގެއަށް ޖަނަރޭޓަރު ވައްދަނީ

އިންޖީނުގޭގެ ހާލަތު ބުނެދެމުން އެތަނުގެ މުވައްޒަފަކު ބުނީ މިހާރު ހިންގަމުންދާ  ޖަނަރޭޓަރުތަކުންކުރެ އެންމެ ޖަނަރޭޓަކަށް މައްސައެއް ދިމާވިއަސް ކަރަންޓްގެ ހިދުމަތް ދިނުމަށް ބުރޫއަރާނެކަމަށާއި މިއިކީ ހިތްހަމަ ޖައްސާލައިގެން ތިބެވޭނެ ހާލަތެއް ނޫންކަމަށެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close