ކޮވިޑް-19

ހާއްސަ ލިޔުންދިރިއުޅުން

ޓްރައި ޓްރައި ވަންޑޭ ޔޫ ކޭން ފްލައި

ހަދާނުގެ ސަފުހާތަކުން ދެވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމެވެ. މިނިވަން ފަންސާސް ފުޓުބޯޅަ މުބާރާތުން އުނގޫފާރު ފުޓުބޯޅަ ޓީމް ހިތިގޮތަކަށް ކަޓައިގެން ދިޔަ ދުވަހެވެ. މާޔޫސްކަމާއި ހިތްދަތިކަމުން ފުރިގެންދިޔަ ދުވަހެކެވެ. ޓީމް ކުރި ހިތްވަރާއި ދެއްކި ފަންވަރުންވެސް ކާމިޔާބު ނުލިބި ނާކާމިޔާބީގެ ޝިކާރައަކަށްވި ދުވަހެވެ. ކަރުއެލުވާލާ މޮޅިވެ ގޮތްހުސްވެފައިވާ ހިތަކާއި އެކު ކުޅުންތެރިން ތިއްބާ ޓީމްގެ ކޯޗް އައިސް ކުޅުންތެރިންނަށް ހިތްވަރުގެ ބަސްތައް ދީ މޮޅިވެފައިވާ ހިތްތަކަށް ހިތްވަރުދޭން ފަށައިފިއެވެ. ނާކާމިޔާބީއަކީ ކިތަންމެ މަސައްކަތް ކުރިޔަސް ކުރިމަތިލާން ޖެހޭނެ އެއްޗެއްކަން ހަނދާންކޮށްދިނެވެ. އަދި މިއީ ނާކާމިޔާބީ އެއް ނޫން ކަމާއި ތެދުވެ އަންނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރަން އަތުކުރި އޮޅާލާ މަސައްކަތް ފަށަންވީކަން އަންގައިދިނެވެ. އަދި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުވާނެ އެއްކަމެއްވެސް ނޯންނާނެ ކަމަށް ބުނަމުން އިނގިރޭސި މި ހަރުބަސް އިއްވާލިއެވެ. “ޓްރައި ޓްރައި ވަންޑޭ ޔޫ ކޭން ފްލައި”. އާދެ މިއަދުވެސް އެބަސްކޮޅު ކަންފަތުގައި ގުގުމަ ގުގުމާ ހުންނަ ފަދައެވެ. ހަގީގަތުގަވެސް ކޯޗް އެބުނީ ވަރަށްވެސް އަގުހުރި މުހިންމު ވާހަކައެކެވެ. ކޮންމެ ކަމަކަށްވެސް ހިތްވަރާއި ގަދަ އަޒުމަކާއި އެކު މަސައްކަތްކޮށްފިނަމަ އެކަމެއް ކާމިޔާބު ވާނެއެވެ.

ކޮންމެ އިންސާނަކީވެސް އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހޭނެ މީހެކެވެ. ކިޔެވުމުގެ ތެރެއިން ނުވަތަ ވަޒީފާގެ ތެރެއިން ވިޔަސް ނުވަތަ ޒަވާޖީ ހަޔާތުގެ ދަތުރުގެ ތެރިންވިޔަސް އަދި މިނޫނަސް ހަޔާތުގެ ކޮންމެ ލަނޑުދަނޑި އެއް ހާސިލްކުރަންބެލިޔަސް ނާކާމިޔާބީ އަކީ ތިމާގެ އެންމެ ބޮޑު އެއް ދުޝްމަނެވެ. މިގޮތަށް ނާކާމިޔާބީއާއި ކުރިމަތިވުމުން ކަރުއެލުވާލާ މީހުން ކިތަންމެ ގިނަޔަސް ނާކާމިޔާބީއާއި އެކު އިތުރު ހިތްވަރެއް ލާ އަނެއްކާވެސް ތެދުވެ އެ ލަނޑުދަނޑި ހާސިލް ކުރަން މަސައްކަތް ކުރާ މީހުން ވަރަށްވެސް މަދެވެ. ހަގީގީ ނާކާމިޔާބީ އަކީ ކަމަކުން ތިމާ ފެއިލްވުން ނުވަތަ ބާކީވުމެއް ނޫނެވެ. ހަގީގީ ނާކާމިޔާބު ވުމަކީ އެކަމެއް ހާސިލްކުރަން އިތުރަށް މަސައްކަތް ނުކޮށް ހުއްޓާލުމެވެ. އެ ލަނޑުދަނޑި ހާސިލްކުރަން ތިމާ މަސައްކަތްކުރާހާ ހިނދަކު ތިމާ ނާކާމިޔާބު މީހަކަށް ނުވާނެއެވެ. އޭރުން ކޮނެމެވެސް ދުވަހަކުން ތިމާއަށް އެ ލަނޑުދަނޑި އަށް ވާސިލް ވެވޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ދިރިއުޅުމުގައި ތިމާ ހާސިލްކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ހާސިލް ވަނީ ބުރަ މަސައްކަތުންނެވެ. އެތައް އެތައް ގޯސްތަކެއް ހެދި އެތައް ފަހަރަކު އެކަމެއް ހާސިލް ނުވެ ނާކާމިޔާބުވުމަށް ފަހުގައެވެ. މިގޮތަށް ނާކާމިޔާބީއާއި ކުރިމަތިވުމުން އަޅުގަނޑުމެން އެކަމުން އިބުރަތް ހާސިލްކޮށް ހެދުނު ގޯސްތައް ދެވަނަ ފަހަރަށް ތަކުރުރާރު ނުކުރެވޭތޯ އަޒުމު ކަނޑައަޅަންވީއެވެ. އެކަމަކާ ދެވަނަފަހަރަށް ވަރުގަދަ އަޒުމަކާއި ނުގުޑާފަދަ ހިތްވަރަކާއި އެކު ކުރިމަތިލާންވީއެވެ. ނާކާމިޔާބީއަކީ ކާމިޔާބީގެ ތެރެއިން ހިމެނޭ ކަމެއްކަން ދެކިގެން އަނެއްކާވެސް އެކަން ހާސިލްކުރަން ގަދައަޅާ މަސައްކަތް ކުރަންވީއެވެ. ކިތަންމެ ގޯސްތަކެއް ނުވަތަ ނުބައި ނިންމުންތަކެއް ނިންމުނަސް އެއީ ނާކާމިޔާބުވުމެއް ނޫންކަން ދަންނަނަވީއެވެ. އެއީ ކާމިޔާބީގެ ރާސްތާއަށް ތިމާ ވާސިލްކޮށްދިނުމަށް ލިބުނު ހިތަވަރެއްކަމުގައި ދަންނަންވީއެވެ. ހަމަޔަގީނުންވެސް އޭރުން ކާމިޔާބީގެ ފޮނިމީރުކަން ތިމާ ދެކޭނެކަން ޔަގީނެވެ.

ދުނިޔެ ދުއް މަޝްހޫރު ކާމިޔާބު މީހުންނަށް ނަޒަރު ހިންގާލަމާތޯއެވެ. އެފަދަ ދެވަނައެއް ނެތް ފާސްޓް ފޫޑް ރެސްޓޯރެންޓް ފްރެންޗައިސް ކޭއެފްސީގެ ފައުންޑަރ ކޮލޮނެލް ސެންޑަރސްއަށް ބަލާލަމާތޯއެވެ. އެތަށް އެތަށް ރެސްޓޯރަންޓަކުން އޭނާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ މޫނު އަނބުރާލިއެވެ. މުސްކުޅިވެ އަރާމްކުރަންވީ އުމުރުގައިވެސް އެނާކާމިޔާބީތަކުގެ ސަބަބުން ކުޑަވެސް ލޮޅުމެއް އޭނާގެ އަޒުމަކަށް ނާރައެވެ. އިތުރު ހިތްވަރަކާއިއެކު ކުރިޔަށް ދާން އަތުކުރި އޮޅާލީއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މިއަދު މުޅިދުނިޔޭގެވެސް އެންމެ ކާމިޔާބު ފްރެންޗައިސް ރެސްޓޯރަންޓް ގެ ގޮތުގައި ކޭއެފްސީ ވެގެން ދިޔުމެވެ.

ދުނިޔެއަށް ކަރަންޓު ބައްތީގެ އަލިކަމުން ރޯޝަންކަން ގެނެސްދިން މަޝްހޫރު ސައިންޓިސްޓް ތޮމަސް އެޑިސަންގެ ވާހަކައަކީ އަޅުގަނޑުމެނަށް އާވާހަކައެއް ނޫނެވެ. އިލެކްޓްރިކް  ބައްތިއެއް ހެދުމަށް އޭނާކުރި މަސައްކަތް ނުވަހާސް ފަހަރަށް ވުރެ ގިނަފަހަރު ނާކާމިޔާބު ވެފައިވެއެވެ. ނަމަވެސް އެޑިސަންވެސް އޭނާގެ އެ މަންޒިލަށް ވާސިލްވުމަށް މަސައްކަތްކުރުން ހުއްޓައެއް ނުލައެވެ. އެހާގިނަފަހަރު ނާކާމިޔާބުވުމުންވެސް އޭނާގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކާމިޔާބީ އޭނާގެ މުށުތެރޭގައި އޮތްކަމަށް އޭނާ ގަބޫލުކުރިއެވެ. ނަތީޖާއަކަށްވީ މިއަދު މުޅި ދުނިޔެ ފަހުރުވެރިވާ އިލެކްޓްރިކް ބައްތި އުފެއްދި ފުރަތަމަ މީހާއަށް އެޑިސަން ވެގެން ދިޔުމެވެ. އެތައް އެތަށް ދަރިވަރުންނަކަށް ހިތްވަރު ލިބިގެންދިޔަ ވަރުގަދަ ޝަހިސިއްޔަތަކަށް އޭނާ ވެގެން ދިޔުމެވެ. މިނޫނަސް މިފަދަ އެތައް އެތައް ޝަހުސިއްޔަތެއް އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އުޅެމުންއެބަދެއެވެ. މިއެންމެންގެވެސް ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ ނާކާމިޔާބީއާއި ކުރިމަތިލާން ފަސްނުޖެހުމެވެ. އެތައްފަހަރަކު ނާކާމިޔާބު ވިނަމަވެސް ކާމިޔާބީއަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ހިތުތެރޭގައި އޮވެ އެކަމަށް ގަދައަޅާ މަސައްކަތްކުރުމެވެ.

ކާމިޔާބީ އަކީ މަސައްކަތްތެރިންގެ ހައްގެކޭ ބުނާ އަޑު އެހީމެވެ. ޝައްކެތްވެސް ނެތްގޮތުގައި އެއީ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ކަމަކުން ތިމާ ނާކާމިޔާބުވުމުން އެކަމާ ކިތަންމެވަރަކަށް ހިތާމަކުރަން ގޭގަ އޮތަސް އެކަމެއް ތިމާއަކަށް ކާމިޔާބެއް ނުވާނެއެވެ. ކާމިޔާބުވާނީ ތެދުވެ ދެވަނަ ފަހަރަށް ކުރިއަށްވުރެ ވަރުގަދަ ހިތްވަރަކާއިއެކު އެކަމަކާ ކުރިމަތިލުމުންނެވެ. އެލަޑުދަނޑިއަކާއި ހަމައަށް ވާސިލްވަންދެން ހުއްޓާ ނުލާ މަސައްކަތް ކުރުމުންނެވެ. ކާމިޔާބީގެ ދޮރު ކުރިމަތީގައި ހުޅުވިފައި ހުރިކަން ދެކިގެން ގަދައަޅާ އެކަމަކަށް މަސައްކަތް ކުރުމުންނެވެ. މިގޮތަށް މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކީވެސް ކާމިޔާބު މީހަކަށް ވެގެންދާނެއެވެ. މެދުއުޑުގައި ފިޔަޖަހާމީހަކަށް ވެގެންދާނެއެވެ.

 

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Ibraahim Ayaan Recent comment authors
Ibraahim Ayaan
Guest
Ibraahim Ayaan

ތިޔޮތީވާވަރުގަދަ ކޭފެސީ އެށް ތިފިލްމުގެ ވާހަކަ ކަޢޭ ދައްކާތިހުރިހާތާކުވެސް މަސްއޮޑި ރިމާހު ބުރޯ

Close