ދުނިޔޭގެ ކުޅިވަރު

މޮރީނިއޯ ވަކި ކުރުމަށް ފަހު މެންޗެސްޓަރ ޔުނައިޓެޑް ތަފާތު ދައްކާލައިފި

އިންގްލިޝް ޕްރިމިއަރ ލީގް

މިސީޒަންގައި ނެރެމުން އައި ދަށް ނަތީޖާގެ ސަބަބުން މޮރީނިއޯ ވަކިކުރުމަށްފަހު ވަގުތީ ކޯޗެއްގެ ގޮތުގައި ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާ އެކު ޔުނައިޓެޑް ތަފާތު ދައްކާލއިފި .

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކާޑިފް ސިޓީ އާއި ވާދަކުރި މެޗު 5-1 ނަތީޖާއަކުން ޔުނައިޓެޑް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު ތިން ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖެހީ މާކަސް ރަޝްފާޑް އެވެ. އެޓީމުގެ ދެ ވަނަ ގޯލު ޕައުލް ޕޮގްބާ ދިން ޕާހަކުން 29 ވަނަ މިނެޓުގައި ޖެހީ އެންޑަ ހެރޭރާ އެވެ. ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ކާޑިފް އިން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ޖަހައިފައެވެ. މި ގޯލު ކާޑިފް އަށް ކާމިޔާބުކޮށްދިނީ ވިކްޓޯ ކަމަރަސާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެސޭ ލިންގާޑް ދިން ޕާހަކުން އެންތަނީ މާޝިއަލް ޖެހި ހިތްގައިމު ގޯލާއެކު އެޓީމުން ނަތީޖާ 3-1 އަށް ބަދަލުކޮށްލިއެވެ.

ދެ ވަނަ ހާފުގައިވެސް މޮޅަށް ކުޅުނު ޔުނައިޓެޑުގެ ޖެސޭ ލިންގާޑް ވަނީ ދެ ގޯލު ޖަހައި ފަސް ލަނޑު ހަމަކޮށްފައެވެ. ލިންގާޑުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 57 ވަނަ މިނެޓުގައި ޖެހިއިރު މެޗުގެ ފަސް ވަނަ ގޯލު ޕޮގްބާ ދިން ޕާހަކުން ލިންގާޑް ޖެހީ ފަހު މިނެޓުގައެވެ.

މިހަފްތާގެ އިތުރު މެޗުތަކަށް ބަލާއިރު ސިޓީއާއި ޗެލްސީ ވަނީ ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ސިޓީ ބަލިވީ ކްރިސްޓަލް ޕެލެސް އަތުން 3-2 ގެ ނަތީޖާއަކުންނެވެ. ޗެލްސީ ބަލިވެފައިވަނީ ލެސްޓާ ސިޓީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީ ބަލިވުމުން ލިވަޕޫލަށް މިވަނީ 4 ޕޮއިންޓްގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނާގައި ހަމަޖެހިލާފައެވެ.

ޗެލްސީ އަށް މޮޅުނުވެވުމުގެ ފައިދާ ލިބުނީ އާސެނަލް އަށެވެ. އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށް ހަތަރު ވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް 18 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close