ޙަބަރުރ.އަތޮޅު

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ދުވާފަރުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަނީ

2018 ވަނަ އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ޤައުމީ ފެންވަރުގައި ރަސްމީކޮށް ރ.ދުވާފަރުގައި މާދަން ފާހަގަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. ކޮންމެ އަހަރަކު ވެސް ޑިސެންބަރު 26 ވަނަ ދުވަހު ފާހަގަކުރާ މި ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ރޭވިފައެވެ.

މި ހަރަކާތްތަކާ ގުޅޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަޞީރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް މާދަމާގެ ފަތިހު ފަތިސް ނަމާދަށް ފަހު އޮންނާނީ ދުވަހާ ގުޅޭ ގޮތަށް ޖަރީކުރެވިފައިވާ ދޯނިތަކެއްގައި ރ.އަތޮޅުގެ ރަށްރަށުން ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ ބޭފުޅުން ބަލާ ފުރުމެވެ. އެބޭފުޅުންނާ އެކު ދުވާފަރަށް ލަފާ ދޯނިތަކަށް މަރުހަބާ ކިޔުން ހެނދުނު 8:00 ގައި ދުވާފަރު ބަނދަރު ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށާއި އެއަށްފަހު އެބޭފުޅުންގެ ޝަރަފުގައި އެރުވޭ ހެނދުނުގެ ނާސްތާއެއް އޮންނާނެ ކަމަށް ނަޞީރު މައުލޫމާތުދެއްވިއެވެ.

ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މާދަމާ ހެނދުނު ދުވާފަަރަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޞާލިހަށް ދުވާފަރު ބަނދަރުން މަރުހަބާ ދެންނެވުން އޮންނާނީ ހެނދުނު 10:30 ގައެވެ. އެއަށްފަހު ދުވާފަރަށް ވަޑައިގެން އެންމެހާ ބޭފުޅުންނަށް އޮންނަ މެންދުރުގެ ފަރިކޮޅެއް އޮނާނެ ކަމަށް ނަޞީރު މަޢުލޫމަތުދެއްވިއެވެ.

މެންދުރުފަހުގެ 10:30 ގައި އޮންނާނީ ދުވަހުގަ ރަސްމީ ޖަލްސާއެވެ. ޖަލްސާއަށްފަހު ރައީސް ޞާލިހު ދުވާފަރުން ފުރާވަޑައިގަތުމާއި ރަށްރަށުން ވަޑައިގެން ބޭފުޅުން ދުވާފަރުން ފުރުން އޮންނާނެއެވެ.

އޭގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ޢާއިލީ ހަވީރެއް މާދަމާ ހަވިރު ދުވާފަރު ބަނދަރު ސަރަހައްދުގައި އޮންނެއެވެ. އެންމެ ފަހު ހަރަކާތެއްގޮތުން އޮންނާނީ ދުވަސް ނިންމުމާއި ޝުކުރު ދެންނެވުމުގެ ގޮތުން އެރޭ ބާއްވާ ހަފުލާއެކެވެ. ހަމަ އެއާއެކު ދުވާފަރު ރައްޔިތުންނަށް އޮންނަ ޙާއްސަ ބާބެކިއު އެއް ވެސް އެރޭ ކުރިއަށް ދާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމާ ގުޅިގެންނެވެ. ސުނާމީ ކާރިސާގައި ރާއްޖެއަށް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އެއްބަޔަކީ ދުވާފަރުގެ ރައްޔިތުންނެވެ. ދުވާފަރަކީ ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށް ކަމުގައިވާ ރ.ކަނދޮޅުދޫގެ ރައްޔިތުން އާބާދުކުރުމަށް ބިނާކުރި ރަށެކެވެ.

ސުނާމީއާ ގުޅިގެން އުޅެބޮޑުވި އުފަން ރަށް ދޫކޮށް ދާން މަޖުބޫރުވި ދުވާފަރުގެ ގާތްގަނޑަކަށް 4000 އެއްހާ ރައްޔިތުން 4 އަހަރު ވަންދެން ދިރިއުޅުނީ ރ.އަތޮޅުގެ އެކިރަށް ރަށުގައި އަޅާފައިވާ ވަގުތީ ހިޔާތަކުގައި ރ.އަތޮޅު އެކި ރަށްރަށުގެ ގޭގޭގައެވެ. ސުނާމީއާ ގުޅިގެން ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ބޭއްވި ގާތް ގުޅުން އެންމެ ބޮޑަށް އިހުސާސްކުރި އެއްބަޔަކަށް ވާނީ ސުނާމީގައި އެތަކެއް ވޭނެއް ތަހައްމަލު ކުރަން ޖެހުނު ދުވާފަރުގެ ރައްޔިތުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close