ޙަބަރު

އާރަށް ރިސޯޓުގެ އޯޕަންޑޭ މިއަދު އުނގޫފާރުގައި އޮންނާނެ

ހެރިޓެންސް އާރަށް ރިސޯޓު މޯލްޑިވްސްގެ އޯޕަންޑޭ މިއަދު އުނގޫފާރުގައި އޮންނާނެއެވެ. މި އޯޕަންޑޭ އޮންނާނީ މިއަދު މެންދުރު ފަހު 14:00 ން ހަވީރު 16:00 އަށް އުނގޫފާރު ސްކޫލްގައެވެ.

އާރަށް ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި އޯޕަންޑޭގައި އެ ރިސޯޓުގެ ފްރޮންޓް އޮފީސް، ހައުސްކީޕިން، ކިޗެން، އިންޖިނިއަރިން، އެފް އެން ބީ، އެކައުންޓްސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަފާތު އެތަށް ވަޒީފާތަކަކަށް ފުރުސަތު ހުޅުވާލާނެއެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކާ އެކު މި އޯޕަންޑޭގައި ބައިވެރިވުމަށް އާރަށް ރިސޯޓުގެ މެނޭޖުމެންޓުން އެދެއެވެ.

މީގެ އިތުރުން އެ ރިސޯޓުގެ އިއުލާނުގައި ވާގޮތުން ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތު ހަމަނުވާ ނުވަތަ ބޭނުންވާ ތަޖުރިބާ ލިބިފައި ނެތްފަރާތްތަކުން އިތުރު ތަމްރީނު ހޯދުމަށް އެ ރިސޯޓުގެ އެޕްރެންޓިސް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާނެއެވެ.

އާރަށް ރިސޯޓުގެ އޯޕަންޑޭ މީދޫ، މަޑުއްވަރީ، ރަސްމާދޫ އަދި އިނގުރައިދޫގަ ވެސް ވަނީ ބާއްވާފައެވެ. އަދި މިއަދު ހެނދުނު 10:00 ން މެންދުރު 12:00 އަށް ދުވާފަރުގައި ވެސް އޯޕަންޑޭ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރ.އާރަށުގައި ތަރައްޤީކުރާ ރިސޯޓަކީ “އާދާރަން” ބުރޭންޑުގެ ދަށުން ރާއްޖޭގައި ރިސޯޓު ހިންގާ ސުރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އެއިޓްކެން ސްޕެންސް ހޮޓެލްސް އެންޑް ރިސޯޓްސް އިން އެކުންފުނީގެ އަނެއް ބުރޭންޑު ކަމުގައި “ހެރިޓެންސް” ބުރޭންޑުގެ ދަށުން ތަރައްޤީކުރާ 5 ތަރީގެ ލަކްޒަރީ ރިސޯޓެކެވެ. އެކުންފުނީގެ “ހެރިޓެންސް ހޮޓެލްސް” ވެބުސައިޓުގައި ބުނެފައިވާ ގޮތުގައި އާރަށުގައި އެކި ވައްތަރުތަކުގެ 85 ވޯޓާ ވިލާ އާއި 75 ބީޗް ވިލާ ހުންނާނެއެވެ.

އާރަށް ރިސޯޓު ހުޅުވޭނެ ކަމަށް އެކުންފުނިން ލަފާކޮށްފައި ވަނީ ފެބްރުއަރީގައެވެ. އެކުންފުނިން އަދާރަން ބުރޭންޑުގެ ދަށުން ރ އަތޮޅު މީދުއްޕަރުގައި ހިންގާ އާދާރަން ސެލެކްޓް މީދުޕައްރު ހިމެނޭ ގޮތަށް ރާއްޖޭގައި އެ ބުރޭންޑުގެ 6 ރިސޯޓު ހިންގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close