ރިޕޯޓް

ދިރާސީ އާ އަހަރަށް މަރުހަބާ!

މިއަދުގެ އިރު އޭގެ ރަން ދޯދިތަކުން އާ ދުވަހަކަށް މަރުހަބާކީ ހިނދު ގިނަ ދުވަސްތަކަކަށް ފަހު މިސްކިތްމަގުގެ ކޮޅުކޮޅުމަތިން އަނެއްކާ ވެސް ފެންނަން ފެށީ ހަލަބޮލިކަމެވެ. އާދެ ދިރާސީ އާއަހަރު މިއަދު ފެށުމާއެކު އުނގޫފާރު ސްކޫލްގެ ދަރިވަރުން ފޮތް ދަބަސްތަށް ކޮނޑުގައި އަޅައިގެން ބެލެނިވެރިންނާއެކު ސްކޫލަށް ޖަމާވަމުން ދިޔަ އުފާވެރި މަންޒަރެވެ. އުނގޫފާރު ސްކޫލްގެ ޢިލްމީ ހަޔާތުން އަނެއްކާ ވެސް އާ އަހަރަކަށް އާ ހުވަފެންތަކަކާއި އާ އުންމީދުތަކެއްގައި ކުލަ ޖެއްސުމަށް މަރުހަބާ ކިޔަމުން ދިޔަ އުފާވެރި މަންޒަރެވެ.

އުނގޫފާރު ސްކޫލްގައި ދިރާސީ އާއަހަރު ފެށިގެން ދިޔައީ ދުވަހަށް ޙާއްސަ އެސެންބުއްޔަކުންނެވެ. އެއައްފަހު ދެން ކުރިއަށް ދިޔައީ އެކި ކުލާސްތަކަށާއި މުދައްރިސުންނަށް ޙާއްސަކޮށްގެން ބޭއްވުނު އޯރިއެންޓޭޝަން ސެޝަންތަކެވެ. އޭގެ އިތުރުން އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު މުޖުތަބާ އުނގޫފާރު ސްކޫލްގެ ބެލެނިވެރިންނާ ބައްދަލު ކުރައްވާ ދިރާސީ އާހަރު ފެށިގެން ދާއިރު ސަމާލުކަން ދޭންވީ ބައެއްކަންތައްތައް ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވީ މި ފެށޭ ދިރާސީ އާ އަހަރުގައި ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަން ދޭން ވީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމާ ދިނީ ވާޖިބުތައް އަދާކުރުމުގައި ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވުމަށެވެ. އެގޮތުން ބެލެނިވެރިން ނަމާދަށް ދާއިރު ދަރިން ނަމާދަށް ގެންދިއުމުގެ މުހިންމުކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

އަނެއް ކަމަކަށް ޕްރިންސިޕަން ގޮވާލެއްވީ ބެލެނިވެރިންނަކީ ކަންކަމުގައި ޝުކުރުވެރިވާ ބަޔަކަށްވެ ދަރަިވަރުންނަށް އޭގެ ރީތި ނަމޫނާ ދައްކާ ބަޔަކަށް ވުމަށެވެ. “ބެލެނިވެރިން ދަރިވަރުންނަށް ދަސްކޮށްދޭންވީ އެކުދިންނަކީ ކަންކަން ބަލައިގަނެ އެކަންކަމަށް އަދަބު އިހުތިރާމާއެކު ސުކުރުވެރިވާ ބަޔަކަށް ވުމަށް” އުނގޫފާރު.ކޮމް އާ ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް އިތުރަށް ފާހަގަކުރެއްވީ ބެލެނިވެރިން ދަރިންނާ މެދު ހިތްހަމަޖެހޭ ވަގުތުތަކުގައި އާއި ހިތްހަމަނުޖެހޭ ވަގުތުތަކުގައި ވެސް ބެލެނިވެރިން ދަރިވަރުންނާ މުހާތަބު ކުރުމުގައި އެންމެ ރީތި އަދި އެންމެ މާތް ބަހުރުވަ ބޭނުންކުރުމަށާއި މަޑުމައިތިރިކަމާއި އެކު ރިވެތި ގޮތުގައި މުޢާމަލާތްކުރުމުގެ މުހިންމުކަމެވެ. “އޭގެ ސަބަބުން ދަރިވަރުންގެ ކިބާގައި އިހުތިރާމު ކުރުމުގެ ރިވެތި ސިފަ އަށަގަނެގެންދާނެ” ޕްރިންސިޕަލް ވިދާޅުވިއެވެ.

ދިރާސީ އާ އަހަރު ފެށުމާއެކު ދަރިވަރުންނަށް ދޭން ބޭނުންވާ ޙާއްސަ މެސެޖެއް ގޮތުގައި ޕްރިންސިޕަލް ވިދާޅުވީ ދަރިވަރުން ސްކޫލަށް އަންނައިރު ފަތިސް ނަމާދުކޮށްގެން ސްކޫލަށް އައުމުގެ ރީތި އާދަ އަށަގެންނެވުމެވެ. މި އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހެއްގެ ފެށުމަކީ ފަތިސްނަމާދު ކަމުގައި ހެދުމަށް ޕްރިންސިޕަލް ނަސޭހަތްތެރިވެލެއްވިއެވެ. އަދި އެއާއެކު ދަރިވަރުންނަކީ ބޮޑެތި މީހުންނަށް އަދަބު އިހުތިރާމު އަދާކުރާ ދަރިވަރުންތަކަކަށް ވުމަށް ޕްރިންސިޕަލް ގޮވާލެއްވިއެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މިފެށޭ ދިރާސީ އާ އަހަރަކީ ހަމައެކަނި ޢިލްމު ޙާސިލްކުރުމުގެ އަހަރަކަށް ހެދުމުގެ ބަދަލުގައި އުފެއްދުންތެރި ހިޔާލުތައް މުއްސަނދި ކުރާ އުފެއްދުންތެރިކަން ކުރިއަރުވާ ކުރެއޭޓިވު އަހަރެއް ކަމުގައި ހެދުމުަށް ދަރިވަރުން އަޒުމް ކަނޑައަޅަން ޖެހެއެވެ. އެގޮތުން ދަރިވަރުން އަމިއްލައަށް އިސްނަގައިގެން އުފެއްދުންތެރި ހިޔާލުތައް ކުރިއަށް ނެރެގެން މަސައްކަތް ކުރުމަށް ޕްރިންސިޕަލް ގޮވާލެއްވިއެވެ.

ދިރާސީ އާ އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު އަހަރަކަށް ހެދުމައްޓަކައި ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލްގެ މުދައްރިސުން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި އަމިއްޔަލަ ފަރާތްތަކާއި ކުލަބު ޖަމިއްޔާތަކުގެ އެއްބާރުލުން އެހާމެ މުހިންމެވެ. މިފެށުނު ދިރާސީ އާއަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއްކަމުގައި މާތްﷲ މިންވަރު ކުރެއްވުމަށް އެދި ދުޢާކުރަމުން ދުވަހުގެ ތަހުނިޔާ އުނގޫފާރު ސްކޫލާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި، މުދައްރިސުންނާއި އަދި މެނޭޖުމެންޓަށް ފޮނުވަމަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close