ޙަބަރު

ބެލެނިވެރިންނަކީ ނަމާދަށް ފަރުވާތެރިވުމުގައި ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ – ޕްރިންސިޕަލް

2019 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ކަންކޮޅުތަކުގައި މިއަދު މި ވަނީ ފެށިފައެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާއިރު މުޅިން އަލަށް ތައާރަފުކުރާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގުރާމްވެސް މިއަދު މި ވަނީ ބައެއް ސްކޫލްތަކުގައި ފެށިފައެވެ. އާ ކަންތައްތަކަކާއި އާ އުންމީދު ތަކަކާ އެކު މިދުވަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށިފާ ވާއިރު މިއަރުގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ދަރިވަރުންނަކީ އިސްލާމްދީން އަޅައިދިން ރިވެތި ބިންގަލުގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުމެވެ.

މިއަދު ފެށުމުގެ ގޮތުން އުނގޫފާރު ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވަނީ މިކަމުގެ މައްޗަށް އަލި އަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ޕްރިންސިޕަލް ވިދާޅުވީ މިއަދު މިފެށޭ ދިރާސީ އާ އަހަރާ ގުޅިގެން ބެލެނިވެރިންނަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ ބެލެނިވެރިންނަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށާއި ނަމާދަށް ފަރުވާތެރިވުމާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމެވެ. މި ގޮތުން ބެލެނިވެރިން ނަމާދަށް ދާ އިރު ދަރިވަރުން ގޮވައިގެން ދިއުމުގެ ދިއުމުގެ މުހިންމުކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ދަރިވަރުންނަށް ނަމާދަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވާއިރު ބެލެނިވެރިން ވެސް ނަމާދު ވަގުތުގައި އަދާކޮށް ދަރިވަރުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެއެވެ.
މީގެ އިތުރުން ޕްރިންސިޕަލް ވަނީ ދަރިވަރުންގެ ކިބާގައި ޝުކުރުވެރި ވުމުގެ ރީތި އާދަ އަށަގެންނެވުމަށް ބެލެނިވެރިން އެކުދިންނަށް ނަމޫނާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. އެގޮތުން ޕޮޒިޓިވް ކަންކަން ހެޔޮހިތުން ބަލައިގަނެ އިހުތިރާމާއެކު އެކަންކަމަށް ޝުކުރުވެރިވާ ބައެއްކަމުގައި ދަރިވަރުން ހެދުމަށް ޕްރިންސިޕަލް ގޮވާލެއްވިއެވެ.

ޕްރިންސިޕަލް އިތުރަށް ފާހަގަކުރެއްވީ ބެލެނިވެރިން ދަރިންނާ މެދު ހިތްހަމަޖެހޭ ވަގުތުތަކުގައި އާއި ހިތްހަމަނުޖެހޭ ވަގުތުތަކުގައި ވެސް ބެލެނިވެރިން ދަރިވަރުންނާ މުހާތަބު ކުރުމުގައި އެންމެ ރީތި އަދި އެންމެ މާތް ބަހުރުވާ ބޭނުންކުރުމަށާއި މަޑުމައިތިރިކަމާއި އެކު ރިވެތި ގޮތުގައި މުޢާމަލާތްކުރުމުގެ މުހިންމުކަމެވެ. “އޭގެ ސަބަބުން ދަރިވަރުންގެ ކިބާގައި އިހުތިރާމު ކުރުމުގެ ރިވެތި ސިފަ އަށަގަންނާނެގެން ދާނެ” ޕްރިންސިޕަލް ވިދާޅުވިއެވެ.

މި ފެށުނު ދިރާސީ އާ އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރަކަށް ހެދުމަށްޓަކައި އިސްލާމް ދީނުގެ ރިވެތި އާދަތަށް ދަރިވަރުންގެ ކިބާގައި އަަށަގެންނެވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޙާއްސަކޮށް ނަމާދަށް ފަރުވާތެރިވުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. ފަލާޙާއި ނަސީބު ލިބުން ގުޅިފައި ވަނީ ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް ކަމުގައި ވާތީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close