ކޮވިޑް-19

[covid-19-global-overview]
ރިޕޯޓް

ޅެންވެރިންގެ ދުވަސް – އަލްމަރުހޫމް ޔޫސުފު މުޙައްމަދުފުޅުގެ ހަނދާނުގައި…

ދިވެހިރާއްޖެގެ 30 ވަނަ ޅެންވެރިންގެ ދުވަސް މިއަދު ރ.އިނގުރައިދޫގައި ޤައުމީ ފެންވަރުގައި ފާހަގަކުރާއިރު މި އަހަރުގެ ޅެންވެރިންގެ ދުވަސް ޙައްސަވާ ފަރާތަކީ ޅެންވެރިކަމާއި އަދަބިއްޔާތުގެ ބަހާރުގައި އެތަކެއް މާތަކެއް ފޮޅުވި އަދި އެ މާތަކުގެ މީރު ވަހުން ދިރުން ލިބިގެން އުފެދުނު އެތަކެއް ޅެންވެރިނެއްގެ އުސްތާޛު، އަލްމަރުހޫމް ޔޫސުފް މުޙައްމަދުފުޅެވެ. ރ.އިނގުރައިދޫއަށް އުފަން އަލްމަރުހޫމް ޔޫސުފު މުޙައްމަދުފުޅަކީ ދިވެހިރާއްޖެ ދެކެވައިވާ އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ ޅެންވެރިއެކެވެ. އަދީބެކެވެ.

12 ޖޫން 1932 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ޔޫސުފް މުޙައްމަދު ފުޅުގެ ބައްޕާފުޅަކީ ރ.އިނގުރަދޫ މުޙައްމަދު ޙަސަންފުޅެވެ. މަންމާފުޅަކީ އެރަށު ފާތިމާމަނިކެވެ. ސްކޫލް ދައުރުން ފެށިގެން ޅެންވެރިކަމުގެ ގުލްޒާރުގައި ފިޔަޖަހަން ފެށި ޔޫސުފު މުޙައްމަދު ފުޅު ޤައުމީ ޚިދުމަތް ފައްޓަވާފައި ވަނީ އުމުރުފުޅުން އެންމެ 22 އަހަރުގައެވެ. ޢިލްމީ ފުން ބަހުރެއް އަދަބިއްޔާތަށް ދޫކުރެއްވި ޔޫސުފު މުޙައްމަދު ފުޅު ފުރަތަމަ ޚިދުމަތް ކުރެއްވީ އެދުރެއްގެ ގޮތުގައެވެ. އެތަކެއް ދިވެހި ދަރިންތަކެއްގެ މުދައްރިސެއްގެ ގޮތުގައެވެ.

މަޖީދިއްޔާ ސްކޫލުން އޭރު ކިޔަވާ ވިދާޅުވެން އޮތް އެންމެ މައްޗަށް ކިޔަވާ ވިދާޅުވުމަށް ފަހު އެމަނިކުފާނު އެ ސްކޫލްގެ މުދައްރިސުކަން ކުރެއްވިއެވެ. މުދައްރިސެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލްގައި އެމަނިކުފާނު މަސައްކަތް ކުރައްވަން ފެއްޓެވީ 29 ނޮވެންބަރު 1955 ގައެވެ. އެމަނިކުފާނަކީ ޢަރަބި ބަސް ރަނގަޅަށް އުނގެނި ވަޑައިގެން ހުންނެވި ބޭފުޅެއް ކަމުން ލިބޭ އިތުރު ގަޑިތައް އިތުރު ދަރިވަރުންނަށް ޢަރަބި ބަސް ކިޔަވައިދެއްވުމަށް ހުސްކުރެއްވިއެވެ. މަޖީދިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި އެމަނިކުފާނު 2 ތިން އަހަރު ހޭދަކުރެއްވުމަށް ފަހު ވަޑައިގަތީ ސިލޯނަށެވެ.

ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ދިވެހި ޤައުމަށް ކޮއްދެވުމުން ގެންދިޔަ ޚިދުމަތަކަށް އެއްެވެސް ހުއްޓުމެއް ނައެވެ. ސްރީލަންކާއަށް ވަޑައިގެން އެޤައުމުގައި ތަޢުލީމް ޙާސިލްކުރަމުންދިޔަ ދިވެހި ދަރިވަރުންގެ އެދުރަކަށް ވެލެއްވިއެވެ. ސްރީލަންކާގައި ތިބި ދިވެހި ދަރިވަރުންނަށް އެމަނިކުފާނު ދިވެހި، އިސްލާމު ކިޔަވައިދެއްވިއެވެ.

ސްރީލަންކާގައި ޔޫސުފް މުޙައްމަދުފުޅު ފުރަތަމަ ކިޔަވާ ދެއްވީ ކޮޅުނބުގެ ސޯސަންވިލާ ގައި ތިބި ދިވެހި ކިޔަވާ ކުދިންނަށެވެ. އެއަށް ފަހު ސްރީލަންކާގެ ބައެއް ސްކޫލްތަކާ ކޮލެޖުތަކަށް ވަޑައިގެން އެތާގައި ތިބި ދިވެހި ދަރިވަރުންނަށް ކިޔަވައިދެއްވިއެވެ. އެ ގޮތުން އެމަނިކުފާނު ސީއެމްއެސް ލޭޑީޒް ކޮލެޖް އަށް ވަޑައިގެން އެ ކޮލެޖުގެ ދަރިވަރުންނަށް ކިޔަވައިދެއްވިކަން ފާހަގަކޮށްލެވެއެވެ. މެދުނުކެނޑި 11 އަހަރު ސްރީލަންކާގައި ކިޔަވަންތިބޭ ދިވެހި ކުދިންނަށް ކިޔަވައިދޭން ހުންނެވުމަށްފަހު، 1968 ވަނަ އަހަރު އެބުރި ރާއްޖެ ވަޑައިގަތެވެ.

އެއަށްފަހު އަނެއްކާވެސް މަޖީދިއްޔާ ސުކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. 1980 ވަނަ އަހަރު ޔޫސުފް މުޙައްމަދުފު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި މަސައްކަޔް ކުރައްވަން ފެއްޓެވިއެވެ. އެތަނުގައި މަސައްކަތްކުރެއްވި ދުވަސްވަރު ދަސްކުރާ ދިވެހި މުދައްރިސުންނަށް ދިވެހިބަހުގެ ގަޑިތައް ނަގައިދެމުން ގެންދިޔައެވެ. މިހާރު ތަޢުލީމީ ދާއިރާގެ މަސައްކަތް ކުރައްވާ އެތަކެއް ދިވެހި މުދައްރިސުންގެ އެދުރަކީ އެމަނިކުފާނެވެ.

ދިވެހިރާއްޖޭގެ ފަށާ ތަޢުލީމުގެ ދިވެހި މުގައްރަރު އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ލެއްވިއެވެ. ހަމަމިހެން މެދު މަދަރުސީ، ސާނަވީ، އަދި އެސްއެސްސީ ދިވެހި މުގައްރަރު އެކުލަވާލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. މީގެ އިތުރުން އިސްލާމީ ތަރުބިއްޔަތުގެ ފޮތްތައް އެކުލަވާލުމުގައި ވެސް ޔޫސުފް މުޙައްމަދުފުޅު ގެ ޚިދުމަތް ރަނުން ކިރާލެވޭނެެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދިވެހި ބަހާ އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖުލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ޅެންވެރިކަމުގެ ދުނިޔެއަށް އެމަނިކުފާނު ވެންނެވީ މަޖީދިއްޔާ ސުކޫލްގެ ގްރޭޑް 5 ގައި އުޅުއްވި ދުވަސްވަރުއެވެ. ދީނީ އަދި ޤައުމީ ޅެންތައް ހެއްދެވުމައި ކުޅަދާނަ ޤައުމިއްޔަތާއި ދީނީ ރޫޙުން ލޭ ތާޒާކުރުވާ އެތައް ޅެމެއް އެމަނިކުފާނު ހެއްދެވިއެވެ. އަދި މިނޫނަސް ކޮންމެ މުނާސަބަތެއްގައި ކޮންމެ ރޮނގަކުން ވެސް ފަސޭހަ ކަމާއެކު ޅެން ހެއްދެވުމަކީ އޭމަނިކުފާނުގެ ޚާއްޞަ ސިފައެކެވެ. ޔޫސުފް މުޙައްމަދު ފުޅުގެ ޅެންވެރިކަމުގެ އުސްތާޛަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ އެވެ. 

ދިވެހި ސަރުކާރުން ފަރާތުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމް ޅެންވެރިކަމުގެ ރޮނގުން ދެއަހަރަކު ޔޫސުފް މުޙައްމަދު ފުޅަށް ލިބިވަޑައިގެންފައި ވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލީހުގެ މެންބަރެއްގެ ގޮތުން ހުންނެވި ދުވަސްވަރު އެތަނުގެ ފަރާތުން ހިންގި ޅެންހަދަން ދަސްކޮށްދޭ ކޯސްތަކުގައި 28 މަސްދުވަހު ކިޔަވައިދެެއްވައިގެން 182 ޅެންވެރިން އުފައްދާފައި ވެއެވެ.

ޔޫސުފް މުޙައްމަދުފުޅު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާތާ 10 ވަރަކަށް މަސްދުވަސް ހޭދަވުމަށްފަހު އުމުރުފުޅުން 57 އަހަރުގައި 05 އޮކްޓޫބަރ 1990 ގައެވެ. އެމަނިކުފާނު އަަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތަކާއި ތާއަބަދު ނިމުމެއް ނުވާ ޒިކުރާތައް އަބަދުވެސް އަޅުގަނޑުމެންނާ އެކު ދެމިގެން ދާނެއެވެ. އެމަނިކުފާނައްޓަކައި ދިވެހި ރާއްޖެ، ޙާއްސާކޮށް ރ.އިނގުރައިދޫގެ ރައްޔިތުން އަބަދުވެސް ފަހުރުވެރިވާނެއެވެ. މާތްﷲ އަލްމަރުހޫމް ޔޫސުފު މުޙައްމަދުފުޅުގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާ ޖަންނަތުން ފިރުދައުސް މިންވަރުކުރައްވާށިއެވެ. އާމީން.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close