ޙަބަރު
މަރުތައް ތަހުގީޤު ކުރުމަށް އުގެއިލްގެ ފޭސްރިކޮގްނިޝަން އަދި ލައި ޑިޓެކްޝަން ސިސްޓަމް ބޭނުން ކުރަނީ

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ކޮމިޝަނުން ތަހުޤީގުކުރާ މައްސަލަތައް ބޭލުމަށް ޕްރޮފެސާރ ޙަސަން އުގެއިލް އުފައްދާފައިވާ ފޭސްރިކޮގްނިޝަން ސިސްޓަމް އަދި ލައި ޑިޓެކްޝަން ސިސްސްޓަމް ބޭނުން ކުރާނެކަމަށް އުގެއިލް ވިދާޅުވެއްޖެއެވެ. އުގެއިލް މިހެން ވިދާޅުވެފައި މިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
އުގެއިލްގެ ޓުވީޓުގައި އޭނާ ވިދާޅުވެފައި ވަނީ ފޭސް ރިކޮގްނިޝަންގެ އިތުރުން ލައި ޑިޓެކްޝަން ސިސްޓަމް ކޮމިޝަންގެ ތަހުޤީގުތަކަށް ބޭނުން ކުރާނެ ކަމަށާއި މިކަމުގެ ތަހުޤީގުގައި މިފަހަރު ނުފޮރަޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ. އަދި މިމައްސަލަތަކުގެ ހަޤީގަތް އެނގުން ނޫން ކަމެއް ރައްޔިތުން ބޭނުންނުވާ ކަމަށެވެ.
ވިޝުވަލް ކޮންޕިއުޓިން ދާއިރާގެ ސައިންސްވެރިޔާ ޕްރޮފެސަރު އުގެއިލް އަދި އޭނާގެ ޓީމުން ބޭނުންކުރަމުން އަންނަ ފޭސްރިކޮގްނިޝަން ސިސްޓަމް އަކީ ޓެކްނޮލޮޖީގެ އެހީގައި ފޮޓޯ އަދި ވީޑިއޯ ބޭނުންކޮއްގެން ކުއްވެރިން ދެނެގަނެވޭ ސިސްޓަމެކެވެ. އަދި ލައި ޑިޓެކްޝަން ސިސްޓަމަކީ ދޮގު ހަދާކަން ދެނެގަތުމުގެ ޓެކްނޮލޮޖީ ހިމެނޭ ސިސްޓަމެވެ.
ކޮމިޝަނަށް ތަހުޤީގު ކުރަމުން އަންނަ ބައެއް މައްސަލަތަކާ ގުޅޭ ވީޑިއޯ ފުޓޭޖުތައް އެކޮމިޝަނަށް ވަޑައިގެން އުގެއިލް ވަނީ ބައްލަވާލައްވާފައެވެ. މައްސަލަތައް ތަހުޤީގުކުރުމަށް އިނގިރޭސި ވިލާތުގެ ތަޖުރިބާކާރެއްގެ އެހީ ކޮމިޝަނަށް ހޯދައިދިނުމަށް ވެސް އުގެއިލް ވަނީ ނިންމަވާފައެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ގައުމުތަކުން ވެސް ބައެއް ބޮޑެތި ޖިނާއީ ތަހުޤީގުތަކަށް އުގެއިލް އީޖާދު ކުރި ފޭޝް ރިކޮގްނިޝަން ޓެކްނޮލޮޖީ އަންނަނީ ބޭނުންކުރަމުންނެވެ. އޭގޮތުން ތުރުކީގެ އިސްތަންބޫލްގައި ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގައި މަރާލި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޙާޝްގްޖީގެ ގާތިލުން ދެނެގަތުމަށް ނިއުޔޯކް ޓައިމްސް އިން ކުރި ތަހުޤީގަށް އުގެއިލްގެ ޓެކްނޮލޮޖީގެ އެހީ ހޯދާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގުކުރާ ކޮމިޝަނުން ދާދި ފަހުން ވަނީ ސަހީދު ޑރ.އަފްރާޝީމް އަލީ މައްސަލައާ ގުޅޭ ވީޑޮއޯއެއް އާންމުކޮށް އޭގައި ފެންނަ ދެމީހަކު ދެނެ ގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އުގެއިލްގެ ޓެކްނޮލޮޖީގެ އެހީގައި ޤާތިލުން ދެނެގަނެ މައްސަލަތަކުގެ އެންމެ ފުނަށް ވާޞިލްވެވޭނެ ކަމުގެ އުންމީދު އަނެއްކާ ވެސް މިވަނީ އާވެފައެވެ.