ޚަބަރުރ.އަތޮޅު

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އިނގުރައިދޫގައި ބާއްވައިފި

ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ އިނގުރައިދޫގައި ބާއްވައިފިއެވެ. މި ޖަލްސާގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބުލް ޔުމްނާ މައުމޫން އާއި ދިވެހި ބަހުގެ އެކަޑެމީއާއި ސަރުކާރު ބައެއް މުއައްސަސާ ތަކުގެ އިސްވެރިންނާއި ރާއްޖޭގެ މަސްހޫރު ބައެއް ޅެންވެރިން ބައިވެރިވެ ވަޑައިގަތެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގުރައިދޫގައި ވަނީ ވަރަށް ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންސްފައެވެ. މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައި ގަތުމަށް ދިވެހި ބަހުގެ އެކަޑެމީގެ ޙާއްސަ ޓީމަކާއި ޅެންވެރިންގެ ޓީމެއް ވަނީ އިނގުރައިދޫއަށް ވަޑައިގެންފައެވެ. މި ޓީމުތަކަށް އިނގުރައިދޫން ވަނީ ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ.

ޅެންވެރިންގެ ދުވަހުގެ ޙާއްސަ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ސްކޫލް ދަރަިވަރުންނަށް އަމާޒުކޮށްގެން ޅެން ހަދަން ދަސްކޮށްދޭ ޙާއްސަ ކުލާސްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ޙާއްސަ ކުލާސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވި މި ކުލާސްތައް ނަގައިދެއްވީ ދިވެހިބަހުގެ އެކަޑެމީގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންނެވެ. އެގޮތުން ޅެން ހަދަން ދަސްކޮށްދޭ ކުލާސްތައް ނަގައިދެއްވީ އަލްފާޟިލް ޙަސަން ޝާކިރާއި އަލްފާޟިލް އަބްދުﷲ އަފީފެވެ. ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކުލާސް ނަގައިދެއްވީ އަލްފާޟިލް ހުސެއިން ސަލާހް ޔޫސުފެވެ. މީގެ އިތުރުން ކުލާސްތަކުގެ ބައިވެރިން ހެދި ޅެންތަކުގެ މައްޗަށް އެކުލެވޭ ޙާއްސަ ޅެންފޮތެއް ވެސް ވަނީ ނެރެފައެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަސް އިނގުރައިދުއަށް އުފަން އަލްމަރުހޫމް ޔޫސުފް މުޙައްމަދުފުޅު (އެންމެން ދަންނަ ނަމުން ނަމަ އެދުރުބެ) އަށް ޙާއްސަކޮށްފައިވާ އިރު އިނގުރައިދޫގައި ވަނީ އެދުރުބެ ހަވީރަކާއި ޅެންވެރިންގެ ގުލްޒާރެއް ބާއްވާފައެވެ. ޅެންވެރިންގެ ގުލްޒާރުގައި ތަފާތު ޅެންތަކާއި، ރައިވަރާއި ބަނދި ހުޅައަޅައިދިން އިރު އެދުރުބޭގެ ހަވީރުގައި ސްކޫލް ކުދިންނާއި އާންމުންގެ ހަރަކާތްތައް ފެނިގެން ދިޔައެވެ. ޅެންވެރިންގެ ގުލްޒާރުގައި ޅެންވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރާ ޒުވާން ޅެންވެރިންނާއި ދެމެހެއްޓެނިވި ގޮތުގައި މި ދާއިރާއަށް ޚިދުމަތްކުރާ ޅެންވެރިންގެ އަގުވަޒަންކޮށް ދިވެހިބަހުގެ އެކަޑެމީގެ ފަރާތުން ދޭ ހަނދާނީ ލިއުން ދިނުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން އިއްޔެ ވަނީ އިނގުރައިދޫއަށް ވަޑައިގެން އެންމެހާ ބޭފުޅުންނާއި އިއްޒަތްތެރިންގެ ޝަރަފުގައި އެރަށު ރައްޔިތުންގެ ފަރާތުން ޙާއްސަ ޖާފަތެއްވެސް އަރުވާފައެވެ. ޅެންވެރިންގެ ދުވަހުގެ ޙާއްސަ ހަރަކާތެއްގެ ގޮތުގައި ބޭއްވުނު މި ޖާފަތުން ތަފާތު އެކިވައްތަރުގެ ދިވެހި ރަހަތައް ފެނިގެން ދިޔައެވެ. ޅެންވެރިންގެ ދުވަހުގެ ޙާއްސަ ހަރަކާތްތައް ނިންމާލެއްވުމަށްފަހު ދިވެހިބަހުގެ އެކަޑެމީން ވަޑައިގެންނެވި ބޭފުޅުން ފުރާވަޑައިގަންނަވާނީ މިއަދުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close