ރ.އަތޮޅު
މާދަމާއަކީ އުނގޫފާރު ސްކޫލްގެ މަސައްކަތު ދުވަސް

އުނގޫފާރު ސްކޫލްގެ މިއަހަރުގެ މަސައްކަތު ދުވަސް 02 ފެބްރުއަރީ 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ސްކޫލުން ނިންމައިފިއެވެ. އުނގޫފާރު ސްކޫލްގެ ހަތަރު ހައުސް ކަމުގައިވާ، ނިކަ، ހިރުނދު، ފުނަ އަދި ކާނިހައުސްގެ މެދުގައި ކުރިއަށް ގެންދެވޭ ވާދަވެރި ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާ މި މަސައްކަތު ދުވަހުގެ މަޤުސަދަކީ ސްކޫލްގެ ކުޅިވަރު ހަރަކާތްތަކާ، އިލްމީ ހަރަކާތްތަކާ އަދި އެހެނިހެން ހަރަކާތްތަކަށް ބޭނުންވާ ފައިސާ އެއްކުރުމެވެ.
އުނގޫފާރު ސްކޫލުން ބެލެނިވެރިންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި މިފަހަރު ވެސް ހަމަޖެހިފައި ވަނީ ކުރީ ފަހަރުތަކޭ އެއްފަދައިން ދަރިވަރުންނާ ހަވާލުކުރާ މަސައްކަތުގެ ފައިސާ ދަރިވަރުންގެ އަތަށް ދިނުމުގެ ބަދަލުގައި ދަރިވަރުން އަތުގައިވާ ކަރުދާހެއްގައި ފައިސާގެ އަދަދަދާއި ހަވާލުކުރި މަސައްކަތުގެ ތަފްޞީލް ޖެހުމަށް ފަހު ސޮއެކުރާ ގޮތަށެވެ. އަދި ފަހުން އެ ހައުސްއަކާ ހަވާލުވެ ހުންނަ މުދައްރިސާއި ހައުސްގެ އިސްދަރިވަރަކު އެ ފައިސާއާ ހަވާލުވާ ގޮތަށެވެ.
އުނގޫފާރު ސްކޫލްގެ މަސައްކަތު ދުވަހަކީ ސްކޫލުން ބާއްވާ އެންމެ ކާމިޔާބު އެއް އިވެންޓެވެ. އަދި މި އިވެންޓުގައި ގިނަ ބައެއްގެ އެހީތެރިކާ އެއްބާރުލުން ކޮންމެ އަހަރަކު ވެސް ލިބިގެންދެއެވެ. އުނގޫފާރު ސްކޫލުން ފޮނުވި ސިޓީގައި މިކަން ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.