ޙަބަރު
ޒުވާނުންތަކެއް އިސްނަގައިގެން އުތުރު ފަރާތު ގޮނޑުދޮށް ސާފުކޮށްފި

އުނގޫފާރު ޒުވާނުންގެ ބަޔަކު އިސްނަގައިގެން އުނގޫފާރު އުތުރު ފަރާތު ގޮނޑުދޮށް ސާފުކޮށްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދުގެ ހެނދުނުއެވެ.

އުނގޫފާރު އުތުރު ފާރާތު ގޮނޑުދޮށަށް ހޭރިފަށުގެ ގަސްގަހުން އެޅޭ ކުންޏާއި ފުދޭވަރަކަށް ގިނަ ޕްލާސްޓް ފުޅިއާއި ދަޅާ އެކި ބާވަތުގެ ކުނި ޖަމާވެ ވަރަށް ބޮޑަށް ވަނީ ހަޑިވެފައެވެ. ނަމަވެސް މިކަމަށް އިސްނެގި ޒުވާނުންގެ މަސައްކަތުން މިހާރު ވަނީ އެސަރަހައްދަށް އެއްވެފައިވާ ކުނިތައް ނަގައި ސާފުކޮށްފައެވެ.

މިކަމުގައި ހަރަކާތްތެރިވި ޒުވާނުންގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ސޮބާހް ބުނިގޮތުގައި ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވަނީ އެ ދިމާ ގޮނޑުދޮށަކީ ރަށުގެ ގިނަ ބަޔަކު ހިއްފަސޭހަކޮށްލަން ނިކުމެ އުޅޭ ދިމާއަކަށް ވެފައި އެ ސަރަހަދު ހަޑިކޮށް އޮންނަތަން އަބަދު ވެސް ފެންނާތީއެވެ.
ރަށުތެރެއާއި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާއަކަށް ވާއިރު މިފަދަކަމެެއްގައި ރަށުގެ ޒުވާނުން އިސްނަގާތަން ފެނުމަކީ ވަރަށް އުފާވެރި މަންޒަރެކެވެ. މުޖުތަމައުގެ ލާބަޔާ މަންފާއަށް ހިންގާ މިފަދަ ހަރަކާތްތައް ރައްޔިތުން ބަލައިގަނެ ރަށުގެ ގޮނޑުދޮށްތައް ސާފުކޮށް ބޭއްވުމުގައި އެއްބާރުލުން ދޭންޖެހެއެވެ. އަދި މިފަދަ ކަންކަމަށް ހިއްވަރުދީ ޕްރޮމޯޓް ކުރުމަކީ މިފަދަ ހަރަކާތްތަކަށް ގިނަބައެެއްގެ ސަމާލުކަން ލިބި ކުރިއަށް އޮތްތަނުގެ އިތުރު ބައެއްގެ ބައިވެރިވުން މިކަމުގައި ފެނިގެންދާނެ ކަމެކެވެ.
ވޭތުވެ ދިޔަ ހަފުތާގެ ހޯމަ ދުވަހު ހަވީރު ވެސް އުނގޫފާރުގެ ޒުވާނުންގެ ބަޔަކު ވަނީ އުނގޫފާރު ހުޅަނގު ދެކުނު ފަރާތުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މިފަދަ އިޖުތިމާޢީ ކަންކަމުގައި އިސްނަގާ ޒުވާނުން އިތުރުވެގެން ދިއުމަކީ އުނގޫފާރުގެ ކުރިމަގު އުޖާލާ ކަމުގެ ހެޔޮ ފާލެކެވެ.