ޙަބަރުމަޖިލިސް އިންތިހާބު 2019
ޔާމީން ރަޝީދު މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑް ވޭ ޑިމޮކްރަޓިކް ޕާޓީ (އެމްޓީޑީގެ) ޓިކެޓުގައި އެ ޕާޓީގެ ނައިބް ރައީސް އަދި ނ.ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ޔާމީން ކުރެއްވި ޓްވީޓެއްގައި އެމްޓީޑީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަން ނިންމަވާ އެކަމަށް އެދި ފޯމް ހުށައަޅުއްވާފައިވާކަން ވަނީ އިއުލާން ކުރައްވާފައެވެ. މިކަމާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޔާމީން ވިދާލުވީ އެމްޓީޑީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ނިސްބަތްވާ ރ.އަތޮޅުގައި އެމްޓީޑީގެ ބާރު ގަދަ ކުރުމަކީ އެޕާޓީގެ އެންމެ ބޮޑު އެއް އަމާޒެވެ.
ރ.މަޑުއްވަރީ އަދި ރ.މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާއަށް 4 ޕާޓީއަކުން ވާދަކުރަން ނިންމާފައި ވާއިރު މިއީ މަޖުލީސް އިންތިހާބުގެ ފޯރި އެންމެ ގަދަވާނެ އެއް ދާއިރާއެވެ. މިހާރު ވެސް އެދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު އަމީތު ޖުމްހުރީ ޕާޓީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ އިރު އެމްޑީޕީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަނީ އާދަމް ޝިހާމް އެވެ. މީގެ އިތުރުން ޕީޕްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މި ދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.