ރ.އަތޮޅު

އުނގޫފާރު ސްކޫލްގެ ކޮންމެ ދަރިވަރަކަށް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓެއް

އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ ކިބާގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން އެ ސްކޫލުން ޙާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ޕި ޕްރޮގްރާމާ ބެހޭގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު މުޖުތަބާ ވިދާޅުވީ މި ޕްރޮގްރާމަކީ ދަރިވަރުންނަށް ފަހަށް ރައްކާ ކުރުމުގެ މުހިންމުކަން ވިސްނައިދީ މިކަމުގެ އާދަ ދަރިވަރުންގެ ކިބާގައި އަށަގެންނެވުމުގެ ގޮތުން ފަށާފައިވާ ޙާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ސްކޫލްގެ ފަރާތުން ކޮންމެ ދަރިވަރަކު ގޭގައި ބެހެއްޓުމަށް ކޮއިން ބޮކްސް އެއް ދޭން ނިންމާފައިވާ ކަމަށް އަޙުމަދު މަޢުލޫމާތު ދެއްވިއެވެ. މި ކޮއިން ބޮކްސްގެ ބޭނުމަކީ ދަރިވަރުންނަށް ލިބޭ ވަކިލާރި އަދި ފައިސާ އެއަށް އަޅާ ރައްކާކުރުމެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އުނގޫފާރު ސްކޫލާއި ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗް ގުޅިގެން ދަރިވަރުންނަށް “ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް” ހުޅުވުގެ ޙާއްސަ ޕްރޮގްރާމެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އުނގޫފާރު ސްކޫލްގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

އުނގޫފާރު ސްކޫލް އަދި ބީއެމްއެލް އުނގޫފާރު ބްރާންޗް ގުޅިގެން ހިންގި ކިޑްސް ސޭވާ އެކައުންޓު ހުޅުވުމުގެ ޕްރޮގްރާމް – ފޮޓޯ: އިބްރާހިމް ޒަޔާން

ބީއެމްއެލްގެ އިސްލާމިކް ކިޑްސް ސޭވާ އެކައުންޓަކީ 18 އަހަރު ނުވާ ކުޑަކުދިންނަށް ޙާއްސަކޮއްގެން ބޭންކުން ތައާރަފުކޮށްފައިވާ އިސްލާމީ ޝަރީއާ ހުއްދަކުރާ މުޢާމަލާތެއް ކަމުގައިވާ “ވަކާލަ ބިލް އިސްތިސްމާރް” ގެ މައްޗަށް ބިނާވެގެންވާ އެކައުންޓެކެވެ. މި އެކައުންޓަށް ޖަމާކުރާ ފައިސާ ޝަރީއާ ހުއްދަކުރާ ކަމަކަށް ބޭންކުރުން އިންވެސްޓް ކޮށް އެއިން ލިބޭ ފައިދާ އެކުއްޖެއްގެ އެކައުންޓަށް ކޮންމެ އަހަރަކު ވެސް ޖަމާކުރާނެއެވެ.

ކުޑަކުއްޖައިގެ ނަމުގައި ހުޅުވާ މި އެކައުންޓު އެ ކުއްޖެއްގެ އުމުރުން 18 އަހަރު ވަންދެން އޮޕެރޭޓު ކުރާނީ ކުއްޖާގެ ބެލެނިވެރިޔާއެވެ. މި އެކައުންޓް މެދުވެރިކޮށް ދަރިވަރުންގެ މުސްތަޤުބަލަށްޓަކައި ފަހަށް ރައްކާކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close