ޚަބަރު

ޕާފޯމެންސް އިންޑެކްސް 2017: އުނގޫފާރު ކައުންސިލަށް މުޅި ރާއްޖެއިން 19 ވަނަ

ލޯކަން ގަވަމެންޓް އޮތޯރިޓީން މިއަދު އާންމުކުރި 2017 ވަނަ އަހަރު ކައުންސިލްތައް މަސައްކަތް ކުރި ގޮތުގެ ޕާފޯމެންސް އިންޑެކްސް އިން އުނގޫފާރު ކައުންސިލަށް މުޅި ރާއްޖެއިން 19 ވަނަ ލިބިއްޖެއެވެ.

މިއީ 2016 ވަނަ އަހަރުގެ އިންޑެކްސް އާ އަޅާ ބަލާއިރު 70 ދަރަޖައިގެ ކުރިއެރުމެކެވެ. 2016 ވަނަ އަހަރުގެ އިންޑެކްސް ގައި އުނގޫފާރު ކައުންސިލަށް ލިބިފައި ވަނީ މުޅި ރާއްޖެއިން 89 ވަނަ އެވެ. އެހެން ނަމަވެސް މިއީ 2015 ވަނަ އަހަރު ގެ އިންޑެކްސް ގައި އުނގޫފާރު ކައުންސިލުން މުޅި ރާއްޖެއިން 2 ވަނަ ހޯދާ، ހޯދި ފަހުރުވެރި ކާމިޔާބީއާ އަޅާ ބަލާއިރު 17 ދަރަޖަ ދަށް އަދަދެކެވެ.

2017 ވަނަ އަހަރުގެ އިންޑެކްސް އަށް ބަލާއިރު ރ.އަތޮޅުގެ ރަށު ކައުންސިލް ތަކުގެ ތެރެއިން 1 ވަނަ ލިބިފައި ވަނީ ވާދޫ ކައުންސިލަށެވެ. ރ.އަތޮޅުގެ 2 ވަނަ ކިނޮޅަހު ކައުންސިލަށް ލިބިފައި ވާއިރު އުނގޫފާރު ކައުންސިލަށް ލިބިފައި ވަނީ ރ.އަތޮޅުގެ 3 ވަނައެވެ.

2017 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސްގައި ރ.އަތޮޅު ރަށު ކައުންސިލް ތަކުގެ ރޭންކިން:
1 ވަނަ: ވާދޫ ކައުންސިލް (މުޅި ރާއްޖެއިން 13 ވަނަ)
2 ވަނަ: ކިނޮޅަސް ކައުންސިލް (މުޅި ރާއްޖެއިން 14 ވަނަ)
3 ވަނަ: އުނގޫފާރު ކައުންސިލް (މުޅި ރާއްޖެއިން 19 ވަނަ)
4 ވަނަ: ރަސްމާދޫ ކައުންސިލް (މުޅި ރާއްޖެއިން 20 ވަނަ)
5 ވަނަ: އިންނަމާދޫ ކައުންސިލް (މުޅި ރާއްޖެއިން 25 ވަނަ)
6 ވަނަ: އަނގޮޅިތީމް ކައުންސިލް (މުޅި ރާއްޖެއިން 30 ވަނަ)
7 ވަނަ: ފައިނު ކައުންސިލް (މުޅި ރާއްޖެއިން 45 ވަނަ)
8 ވަނަ: މަޑުއްވަރީ ކައުންސިލް (މުޅި ރާއްޖެއިން 55 ވަނަ)
9 ވަނަ: މީދޫ ކައުންސިލް (މުޅި ރާއްޖެއިން 66 ވަނަ)
10 ވަނަ: ދުވާފަރު ކައުންސިލް (މުޅި ރާއްޖެއިން 72 ވަނަ)
11 ވަނަ: މާކުރަތު ކައުންސިލް (މުޅި ރާއްޖެއިން 97 ވަނަ)
12 ވަނަ: ހުޅުދުއްފާރު ކައުންސިލް (މުޅި ރާއްޖެއިން 127 ވަނަ)
13 ވަނަ: އަލިފުށި ކައުންސިލް (މުޅި ރާއްޖެއިން 128 ވަނަ)
14 ވަނަ: ރަސްގެތީމް ކައުންސިލް (މުޅި ރާއްޖެއިން 136)
15 ވަނަ: އިނގުރައިދޫ ކައުންސިލް (މުޅި ރާއްޖެއިން 142 ވަނަ)

2017 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސް އަށް ބަލާއިރު ރ.އަތޮޅު ކައުންސިލަށް ލިބިފައި ވަނީ މުޅި ރާއްޖެއިން 14 ވަނަ އެވެ.

އެލްޖީއޭއިން ކައުންސިލްތައް ރޭންކުރާ އިންޑެކްސް ޖުމްލަ 5 ބަޔަށް ބަހާލާފައިވެއެވެ. އެއީ ސެކްރިޓީ، އެކައުންޓެބިލިޓީ، ޕާޓިސިޕޭޝަން، އިފެކްޓިވްނެސް އަދި ލާމަރުކަޒީ ޤާނޫނަށް އަމަލުކުރާ މިންވަރު ބަލާ އިންޑެކްސް އެވެ. ޖުމްލަ އިންޑެކްސް ބަލާފައި ވަނީ މި 5 ބައިން ހޯދާ ވަކިވަކި ނަތީޖާ އެއްކޮއްލައިގެންނެވެ.

ކައުންސިލްތަކުގެ 2017 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސް އިއުލާން ކުރީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެލްޖީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެލްޖީއޭއިން ކައުންސިލްތައް ރޭންކް ކުރަން ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އަދި މިއީ އެލްޖީއޭއިން ކައުންސިލްތައް ރޭންކް ކުރާ 3 ވަނަ ފަހަރެވެ.

ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 26 ވަނަ ދުވަހަކީ އެލްޖީއޭއިން ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެލްޖީއޭއިން ވަނީ ހޮނިހިރު ދުވަހު މާލެ ރަސްފަނުގައި އައީލީ ހަވީރެއް ބާއްވާފައެވެ. އެލްޖީއޭއިން މަޢުލޫމާތުދޭ ގޮތުގައި މި އާއިލީ ހަވީރުގެ މަޤުސަދަކީ ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމާއި ކުޑަކުދިން ކުޅެލާނެ އުފާވެރި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

މީގެ އިތުތުން އާދިއްތަ ދުވަހު ހެނދުނު 8:00 ން ހަވީރު 15:00 އެލްޖީއޭ ކުރިމަތީގައި ޑެސްކް ބަހައްޓައިގެން ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ. އަދި މިރޭ 9:00 ން 10:00 އަކަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ދުވަހާ ގޫޅޭ ޙާއްސަ ފޯރަމެއް ބޭއްވުމަށް ވެސް ހަމަޖެހިފައި ވާ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close