ޙަބަރުރ.އަތޮޅު

ޕެރަމޯޓާރގައި އަލިފުށިން އިނގުރައިދޫއަށް ދަތުރުކޮށްފި

ޕެރަމޯޓާރގައި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ދަތުރު ފަށާފައިވާ ޕައިލެޓުންގެ ޓީމު މިއަދު ރ.އަލިފުށިން އިނގުރައިދޫއަށް ދަތުރުކޮށްފިއެވެ. ޕެރަމޯޓާރ އަކީ ބުރަކަށީގައި ހަރުކޮށްފައި ހުންނަ ބުރަފައްޗެއް ބޭނުންކޮށްގެން އުދުހޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ވައިކުޑައެކެވެ.

މި ޓީމް އަލިފުށިން އިނގުރައިދޫއަށް ދަތުރުކޮށްފައި ވަނީ މިއަދު ހެނދުނެވެ.

ދިވެހި ކުންފުންޏެއް ކަމުފަގައިވާ “ސްކައި ގައިސް” އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ޕެރަމޯޓަރ ދުއްވާ 10 ޕައިލެޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބައިނަލް އަޤުވާމީ މުބާރާތްތަކުން ރަން ވަނަތައް ހޯދާފައިވާ ޕައިލެޓުން ހިމެނެއެވެ.

ޕެރަމޯޓާރ ގައި ޕައިލެޓުން އުދުހެނީ – ފޮޓޯ: ސްކައި ގައިސް

ޕެރަމޯޓާރަ ޓީމުން އިއްޔެ ވަނީ ހއ.އަތޮޅު އަދި ހދ.އަތޮޅު ކަޑަތުކޮށްފައެވެ. މި ހަރަކާތުގައި ކޮންމެ ދުވަހަކު ވެސް 40 ކިލޯ މީޓަރާއި 60 ކިލޯ މީޓަރާ ދެމެދުގެ ދުރުމިނެއް ކަޑަތު ކުރާނެ ކަމަށް ސްކައި ގައިސް އިން މަޢުލޫމާތުދެއެވެ. ރ.އަތޮޅު ޕެރަމޯޓާރ ދަތުރުގެ ޓީމުން ލޭންޑް ކުރާ ގޮތަށް ހަމަޖެހިފައި ވަނީ އަލިފުށި އަދި އިނގުރައިދޫ އަށެވެ.

ޕެރަމޯޓާރ އިވެންޓްގެ ބައިވެރިން – ފޮޓޯ: ސްކައި ގައިސް

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ސްކައި ގައިސްގެ މެނޭޖިން ޑިރެކްޓަރ ޖާވިދު ހުސެއިން ވިދާޅުވީ މި އިވެންޓުގެ މައިގަނޑު މަޤުސަދަކީ “އެވެއާނެސް އެގެއިންސްޓް ސިންގްލް ޔޫސްޑް ޕްލާސްޓިކް” ނުވަތަ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ބެހޭ ގޮތުން ހޭލުންތެރި ކުރުމެވެ. ޖާވީދު ވިދާޅުވި ގޮތުގައި މި އިވެންޓްގައި ޓީމުން ލޭންޑް ކުރާ ކޮންމެ ރަށެއްގެ ގޮނޑުދޮށުގައި ދިރާގުން ފޯރުކޮށްދޭ ރިސައިކަލް ބޭގް ތަކެއް ބެހުމާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ކުރިއަށް ދާނެއެވެ.

ޕެރަމޯޓާރ އިވެންޓްގެ އެއް ބޭނުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް ކެންޕޭން ކުރުން – ފޮޓޯ: ސްކައި ގައިސް

ޖާވީދު އިތުރަށް ވިދާޅުވީ މި ދަތުރުގެ އަނެއް ބޭނުމަކީ ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓު ކުރުމާއި ރާއްޖޭގައި އެޑްވެންޗަރަސް ޓޫރިޒަމް ޕްރޮމީޓު ކުރުމެވެ. މި ދަތުރުގައި ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ޑޮކިއުމެންޓްރީއެއް ތައްޔާރުވެގެން ދާނެކަމަށް ޖާވިދު މަޢުލޫމާތު ދެއްވިއެވެ.

500 ފޫޓާއި 1000 ފޫޓާ ދެމެދުގެ އުސްމިނެއްގައި އުދުހޭ މި ޓީމުން ހއ.ތުރާކުނުން ފަށައިގެން އައްޑުއާ ހަމައަށް ދަތުރުކުރާ އިރު ރާއްޖޭގެ 24 ރަށަކަށް ދިއުމަށް ނިންމާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close