ޚަބަރުރ.އަތޮޅު

ފޯޓީ ޕްލަސް، ފަލާހްގެ ހަރަދުގައި އިންނަމާދޫގެ އާންމު ތަނެއްގައި އަޅުވަނީ

މާރޗް 5 ވަނަ ދުވަހު ރިލީސް ކުރި ހޯރޯ ކޮމެޑީ “ފޯޓީ ޕްލަސް” އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ފަލާހުގެ ހަރަދުގައި ޓިކެޓު ގަތުމަކާ ނުލާ ރ.އިންނަމާދޫ އެންމެނަށް ފެންނަ އާންމުތަނެއްގައި އެރަށުގައި މިރޭ އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމު އަޅުވަނީ އިންނަމާދޫގެ ކުދިބޮޑު އެންމެނަށް ވެސް ފެންނާނެ ހުޅުވިފައިވާ އާންމު ތަނެއްގައެވެ.

މިކަމާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޯޓީ ޕްލަސް ޓީމްގެ ފަރާތުން އަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނި ގޮތުގައި މިކަން މި ގޮތަށް ކުރަން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުން ދާއިރާގެ ރަށްރަށުގައި އެ ފިލްމު އެޅުވުމަށް ދޫކުރުމަށް އެދެމުން ދާތީ އެކަމާ ބެހޭ ގޮތުން ފޯޓީ ޕްލަސްގެ ޓީމުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުއެވެ.

އައްޔަ ބުނި ގޮތުގައި ފޯޓީ ޕްލަސް ކެނޑިޑޭޓުންނަށް ބޭނުންތަނެއްގައި އަޅުވަން ދޫކުރަން ނިންމީ ކަނޑައެޅޭ ފީ އެއްގެ އިތުރުން ފިލްމު އަޅުވަން ރަށްރަށަށް ދާ ފޯޓީ ޕްލަސްގެ ކުރޫއިން ހުރުމާއި ކެއުމުގެ ހަރަދު ކެނޑިޑޭޓުންގެ ހަމަޖައްސައިދޭ މަތިންނެވެ. އައްޔަ ބުނި ގޮތުގައި މިއީ އެއްވެސް ސިޔާސީ ފައިދާ އެއް ހޯދަން ކުރާ ކަމެއް ނޫން ކަމަށާއި ފިލްމު އުފައްދަނީ ވިޔަފާރީގެ އުޞޫލުން ފައިދާ ހޯދުމަށް ކަމަށް ވާތީ މިކަން މި ގޮތަށް ކުރަން ނިންމީ ވިޔަފާރީގެ ވިސްނުމުއްގައި މިކަމުން ބޮޑު ފައިދާއެއް ހޯދޭނެތީއެވެ.

އައްޔަ އިތުރަށް ބުނި ގޮތުގައި މި ފުރުސަތު ހުރިހާ ކެނޑިޑޭޓުންނަށް ވެސް އޮންނާނޭ ކަމަށާއި މިއީ ވަކި ކެނޑިޑޭޓަކަށް މަންފާ ހޯދައިދިނުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.

މިކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

ވިޔަފާރީގެ ވިސްނުމަކުން ބަލާއިރު މިއީ ފިލްމުގެ ޓީމަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ނަމަވެސް މިކަމުގައި ޢާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ މި ފިލްމަކީ 18 އަހަރުން މަތީގެ ބޭފުޅުން ބެލުމަށް ހުއްދަ ދެވިފައިވާ ފިލްމެއް ކަމުގައި ވާތީއެވެ. ފިލްމު ޕްރޮމޯޓު ކުރަމުން ދިޔައީ ވެސް 18 އަހަރުން މަތީގެ ފިލްމެއް ގޮތުގައެވެ. އެހެން ކަމަށް ވާ ނަމަ އާންމު ތަނެއްގައި މި ފިލްމު އެޅުވުމުން ފިލްމު ނުބަލާނެ ކުޑަ ކުއްޖަކު ވެސް ނުހުންނާނެތީއެވެ.

ނަން ނުޖެހުމަށް ޝަރިތުކޮށް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިކަމަކީ އިޖުތިމާޢީ އެތައް މައްސަލަ ތަކެއް ނުކުންނާނެ ކަމެއް ކަމަށާއި ފިލްމު އިންޑަސްޓްރީގެ ތާރީހުގައި އަލަށް ކުރާ ކަމެއް ކަމަށާއި މިއީ އިންޑަސްޓްރީ އަށް ހުރި ހުތުރެއް ކަމަށެވެ.

“އަޅުގަނޑު އެ ފިލްމު ބެލިން. އޭގައި އެބަހުރި ކުޑަކުދިންނާ އެއް ގޮތަކަށް ވެސް ނުގުޅޭ ލަދުވެތި ބަސްތަކާއި މަންޒަރުތައް. މިއީ މައިންނާ ދަރިން އެއްތާ ތިބެގެން ބަލަން ހެޔޮވާ ވަރު ފިލްމެއް ނޫން. ފިލްމު ކިތަންމެހާ ވެސް ފުރިހަމަވެފައި ރީތި. އެހެން ނަމަވެސް މި ފިލްމު ފެންނަން ޖެހޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަނި” އާންމު ތަނެއްގައި ފިލްމު އެޅުވުމާ ދެކޮޅަށް ވާހަކަދެއްކި މީހަކު ބުންޏެވެ.

ފިލްމު ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދޫކުރުމަކީ މައްސަލަ އެއް ނޫނެވެ. އެހެން ނަމަ ވެސް ކެނޑިޑޭޓުން އެ ފިލްމުގެ އޯޑިއެންސް ކަމުގައިވާ 18 އަހަރުން މަތީގެ ފަރާތްތަކަށް ފިޔަވާ އިތުރު ބަޔަކަށް އެ ފިލްމު ފެންނާނެެހެން އެޅުވުމަކީ އެއްގޮތަކަށް ވެސް ކޮއްގެން ވާނޭ ކަމެއް ނޫނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close