ޙަބަރުމަޖިލިސް އިންތިހާބު 2019

މާލޭގައި ހުންނަ އެމްޑީޕީ އުނގޫފާރު ޖަގަހާގައި ރޯކޮށްލަން މަސައްކަތްކޮށްފި

މާލޭގައި ހުންނަ އެމްޑީޕީ އުނގޫފާރު ޖަގަހާގައި ރޭ ބަޔަކު ރޯކޮށްލަން މަސައްކަތްކުރި ކަމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ވަހީދު (ވައްޑެ) ހާމަކުރައްވައިފިއެވެ.

ވައްޑެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ މިކަން ހިނގާފައި ވަނީ ރޭ މޫކައި ހޮޓަލުގައި ވައްޑެގެ ކެމްޕޭން ބައްދަލުވުމެއް ކުރިއަށް ދިޔަ ވަގުތުގައެވެ. އަދި މިކަން ކުރަން އުޅުނު މީހުން ހުއްޓުވާ ފުލުހުންނާ ހަވާލުކޮށްފައި ވާނޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވި ގޮތުގައި ރޯކޮށްލަން މަސައްކަތް ކުރި މީހާއަށް އެކަން ކުރުމަށް އުނގޫފާރު ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓެއްގެ ގާތް ބަޔަކު ފައިސާ ދިން ކަމަށް އެމީހާ ފުލުހުން ގާތު ވަނީ ބެނެފައެވެ. އެހެން ނަމަވެސް އެއީ ކޮން ކެނޑިޑޭޓެއް ކަމެއް ވައްޑެ ވެސް އަދި ފުލުހުން ވެސް ހާމައެއް ނުކުރައްވައެވެ. ވައްޑެގެ އިތުރުން އުނގޫފާރު ދާއިރާއަށް ވާދަކުރައްވަނީ ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓު އިލްހާމް އަހުމަދާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުލް މަތީން މުޙައްމަދު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ރަޝީދެވެ.

މި ޢަމަލު ކުއްވެރިކުރައްވާ ވައްޑެ ވަނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން އަޑީގައި ތިބެގެން މިފަދަ ނުރައްކާތެރި ދަށު ދަރަޖައިގެ ކަންކަން ނުހިންގާ ރިވެތި ގޮތުގައި ކެމްޕޭން މަސައްކަތް ހިންގުމަށް އިލްތިމާސްކޮށްފައެވެ. އަދި ފޮރުވިގެން ތިބެ ޒުވާން ކުދިން ފައިސާގެ އަވާގައި ޖައްސުވާ އެކުދިން ލައްވާ މިފަދަ ކުއްތަކަށް އަރައިގަނެ އެކުދިންނަށް ގެއްލުންދޭން މަސައްކަތް ނުކުރުމަށް ވައްޑެ ގޮވާާލެއްވިއެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންގެ ޖަގަހަތަކަށް ގެެއްލުން ދީފައިވެއެވެ. އެ ގޮތުން މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓު އަޙުމަދު ހައިތަމް އާއި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓު މީކާއިލް އަޙުމަދު ނަސީމްގެ ޖަގަހައަށް ވެސް ގެއްލުން ދީފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close