ރިޕޯޓް

“ރިހި މާލަމް” – އުނގޫފާރު ރައްޔިތުންގެ އެއްބައިވަންތަކަމުގެ އަގުހުރި މިސާލެއް

ދުވަސްވަރަކީ 1992 ވަނަ އަހަރުގެ ފަހުކޮޅެވެ. އުނގޫފާރު ސުކޫލުގައި 4 ކުލާސްރޫމުގެ ބޮޑު އިމާރާތެއް އެޅުމުގެ މަސައްކަތް ފޯރީގައި ރަށު ރައްޔިތުންކުރަމުން ދަނީއެވެ. ކުޑައެއް، ބޮޑެއް، ޒުވާނެއ،ް މުސްކުޅިއެއ، އަންހެނެއ،ް ފިރިހެނެއް، ކިޔުމެއް ނެތި ރަށު ރައްޔިތުންކަހަލަ ގޮތަކަށް ފޯރީގައި ހަރަކާތްތެރިވަމުން ދިޔައީ މިމަސައްކަތުގައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން އިމާރާތުގެ ދެބައި ދެ ގުރޫޕުން ކުރަމުން ދިޔައީ ނުހަނު ވާދަވެރިކަމާއި އެކުގައެވެ. ގާތަޅާ މީހުން ގާތަޅާ އިރު ރާނާ މީހުން ރާނަނީއެވެ. ކޮންމެ ގުރޫޕެއްގެވެސް އަމާޒަކީ އަނެއް ގުރޫޕަށްވުރެ އަވަހަށް ރާނާ ނިންމާލުމެވެ. ނުހަނު ފޯރިޔާއި ވާދަވެރިކަމުގައި ފިރިހެންވެރިން ހަރަކާތްތެރިވަމުން ދިޔައިރު ރަށުގެ އަންހެންވެރިން ދިޔައީ ފިރިހެންވެރިންނަށް ކެއްކުމުގައި އަވަދި ނެތިއެވެ. މިފޯރިއާއި ރޫހު ރަށު ރައްޔިތުންގެ ހަށިން ނެރުނީ ހަމަގައިމުވެސް އެރައްޔިތުންގެ ހިތުގައި ރަށުގެ ތައުލީމަށް އޮތް ވަރުގަދަ ލޯތްބެއްގެ ސަބަބުންކަން ކަށަވަރެވެ. 18 ގަޑި އިރުތެރޭ މުޅި އިމާރާތް އެއްކޮށް ރާނާ ނިންމާލީ އުނގޫފާރު ބަދަވިންގެ ހިތްވަރާއި އެއްބައިވަންތަކަމުގެ މިސާލުދައްކަމުންނެވެ. މިއިމާރާތަކީ އުނގޫފާރުގެ ކާބަފައިން އުނގޫފާރުގެ ތައުލީމަށްޓަކައި ދޫކޮށްލި އަގުބޮޑު ތަރިކައެކެވެ.

ޒަމާނުއްސުރެ ރ.އުނގުފާރަކީ އެއްބައިވަންތަ، އެކުވެރި، ކެރޭ، ހިތްހެޔޮ، ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ފޫގަޅާލާ އެކަމެއް ނިންމުމަށްޓަކައި ބަދަހިކަމާއި އެކު ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންފެށިގެން އެންމެ މުސްކުޅިމީހާވެސް ނުކުންނަ، ރަށު ރޫހު ނުހަނު ބޮޑު ރަށެކެވެ. ރަށުގެ ރައޔިތުންގެ މެދުގައިމިވާ އެއްބައިވަންތަކަމަކީ މިރަށުގެ އެންމެ ހާއްސަ އެއްސިފައެވެ. މިގޮތުން އުނގޫފާރު ސުކޫލުގެ މިހާރުގެ ޖަލްސާކުރާ އިމާރާތް، “ރިހި މާލަމް” އަކީ މިފަދަ ދެވަނަ އެއް ނެތް ލާމަސީލު މިސާލެކެވެ. އެއިމާރާތް ކުރެވިގެންދިޔަ ގޮތުގެ ވާހަކައަކީ މިއަދުވެސް ދެކެވެމުން އަންނަ އަދި ކުރިޔަށް އޮތް ޖީލްތަކާއި ހަމަޔަށްވެސް ފޯރަންޖެހޭވަރުގެ އިބުރަތުން ފުރިގެންވާ ވާހަކައެކެވެ.

ދެން މިމަސައްކަތް ކުރެވުނު ގޮތަށް ބަލާލަމާތޯއެވެ. އޭރު ގުރޭޑް 7 ކާ ހަމައަށް ކިޔަވައިދެމުން ދިޔަ އުނގޫފާރު ސުކޫލުގައި ހުރީ އައި ހެޕު ގެ ހިލޭ އެހީގެ ދަށުން އަޅައިދިން އިމާރާތަކާއި އޮފީސްބައި ހިމެނޭ އިމާރާތެކެވެ. އުނގޫފާރު ސްކޫލަށް އޭރު ދިޔައީ އިންތިހާއަށް ޖާގައިގެ ދަތިކަން ކުރިމަތި ވަމުންނެވެ. އެހެންކަމުން އޭރުގެ ރަށު އޮފީހުން ގޮވާލި ގޮވާލުމަށް އިޖާބަދީ ރަށު ރައްޔިތުން ފޯރީގައި ނިކުތީ މިއިމާރާތް އެއްކޮށް ނިންމާފަ ނޫނީ ގެޔައް ނުދާން ތައްޔާރުވެގެންނެވެ. ރަށުގެ ކަމުވޮށިވެގެންވާ ރާނާމީހުންވެސް ނިކުތީ އެއްވެސް އުޖޫރައެއްކިޔުމެއްނެތި އުފަލުންނެވެ. ރަށުގެ އަންހެންވެރިން ކައްކާނެ ސާމާނާއިއެކު ނިކުތީ އެއްވެސް ވަރުބަލިކަމެއް ނެތި އެކަނބަލުންގެ މުރާލިކަމާއި ހިތްވަރު ދައްކަމުންނެވެ. ރަށު ރައްޔިތުންގެ އަމިއްލަ އަތްތަކުން މި ބޮޑު އިމާރާތް ބިނާ ކުރީ އެއްވެސް އަގެއް ކިއުމެއްނެތި، ހިލޭ ސާބަހަށެވެ. އެމީހުންގެ ހަމައެކަނި ހުވަފެނަކީ ތައުލީމީ ދަރިންތަކެއް ތަމްރީންކުރާނެ ގަނޑުވަރެއް ބިނާކުރުމެވެ. ތައުލީމީ އާ ހަރުފަތްތަކަކަށް އުނގޫފާރުވެސް ގެންދިޔުމެވެ.

އުނގޫފާރު ސްކޫލަށް ދަރިވަރުން ހާޒިރު ވަނީ

18 ގަޑި އިރުތެރޭ މުޅި އިމާރާތް އެއްކޮށް ރާނާ ނިންމާ، ސިމެންތިޖަހާ، އަދި ހަފްތާއެއް ތެރޭ މުޅި އިމާރާތް އެއްކޮށް ހިޔާކޮށް، އިމާރާތުގެ ކައިރީގައި ބަގީޗާގަސް އިންދަން ހާއްސަ ބައެއް ހަދާ ނިންމާލިއޭ ބުނުމުން ބައެއް މީހުންނަށް މިއީ ގަބޫލކުރަން ދަތި ވާހަކައަކަށް ވެދާނެއެވެ. ހުދު އަޅުގަނޑަށްވެސް މިވާހަކަ ގަބޫލުކުރަން އުނދަގޫވިއެވެ. އެހެންކަމުން އޭރު މިމަސައްކަތުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކާ ބައްދަލުކޮށްލާ އެ ބުރަ ފުރިހަމަ މަސައްކަތް ކުރިޔަށް ދިޔަ ގޮތް އެމީހުންގެ ދޫތަކުން އަނޑުއެހީމެވެ. އެމަސައްކަތް ފެށުނީއްސުރެ ނިމެންދެން ރަށުގެ ކުޑަބޮޑު، އެންމެން ހަރަކާތްތެރިވި ގޮތުގެ ވާހަކަ އަހާފައި އެ މަސައްކަތް އެހާ އަވަހަށް ނިންމާލެވުނީ ކީއްވެގެންކަން ވަރަށް ސާފުވެގެން ދިޔައެވެ. އެ ނުގުޑާފަދަ އަޒުމާއި ރޫހު އުނގޫފާރު ރައްޔިތުންގެ ހަށިތަކުން ނެރުނީ ރަށުގެ ތައުލީމަށާއި ރަށުގެ ތަރައްގީއަށް އެ ރައްޔިތުންގެ ހިތުގައި އޮތް ވަރުގަދަ ލޯތްބާއި ކުލުނުގެ ސަބަބުންނެވެ.

ރިހިމާލަމް ގެ ނަމުން މިހާރު ނަންދެވިފައިވާ މި އިމާރާތަކީ ހަމަގައިމުވެސް ރިހީގެ އަގުން މިނެކިރޭ ވަރަށް ވުރެ އަގު ބޮޑު އިމާރާތެއްކަމާއިމެދު ދެބަސްވާނެމީހަކު ނޫޅޭނެކަން ކަށަވަރެވެ. މިއަދު ތައުލީމީ ގާބިލު ރައްޔިތެއް އުޅެމުންދާ އުނގޫފާރުގެ ތައުލީމަށް ބޮޑު އިނގިލާބެއް ގެނެސްދިނީ އުނގޫފާރު ކާބަފައިންގެ މި އަގުބޮޑު މަސައްކަތުންނެވެ. އެތައް އެތައް ހުނަރުވެރި ގާބިލު މޭސްތިރިންތަކެއް ތަމުރީންވެ ފޯދިފުރިހަމަވެގެން ނިކުތީ މި ހަތަރު ފާރުގެ ތެރެއިންނެވެ. މިއަދު ރަށަށާއި ގައުމަށް ހިދުމަތްކުރާނެ ޝަހުސިއްޔަތުތަކެއްގެ ތައުލީމީ ބިންގާއެޅިގެންދިޔައީ މި އިމާރާތުންނެވެ. މިއަދުވެސް ފަހުރުވެރި ތާރީހެއް އޮތް އުނގޫފާރު ސުކޫލުގެ ދަރިވަރުން އެދަރިވަރުންގެ ޝުޢޫރުތައް ބޭރުކުރަމުން އަންނަނީ މި ފަހުރުވެރި ތައުލީމީ ހިޔާވަހިކަމުގެ ދަށުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Ahmed Recent comment authors
Ahmed
Guest
Ahmed

V salhi

Close