ރިޕޯޓްކުޅިވަރު

ބުރަ މަސައްކަތުން ލިބުނު ބޮޑު ކާމިޔާބީ!

ރ.އުނގޫފާރަކީ ޒަމާނުއްސުރެވެސް ފުޓްބޯޅައިގައި ފާހަގަކޮށްލެވޭވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ އަދި ހޯދަމުން އަންނަ ރަށެކެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ އުނގޫފާރުގެ ޒުވާނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަވީރު ބޮޑުދަނޑުގައި ވަރަށް ޖޯޝާއި ފޯރިއާއިއެކު ފުޓުބޯޅަ ކުޅެއެވެ. ޒުވާނުންގެ މެދުގައި ގަދަފަދަ އެކުވެރިކަމަކާއި ރޫހެއް އޮންނަ އުނގޫފާރަކީ ނިސްބަތުން މުބާރާތްތައް މަދު ރަށެކެވެ. 2016 ވަނަ އަހަރު އުނގޫފާރުގައިވެސް ރަނގަޅު ފެންވަރެއްގެ ފުޓްސަލް ދަނޑެއް ބިނާކުރެވި އެދަނޑުގައި ކުޅެވޭނެގޮތް ވެގެންދިޔުމަކީ އުނގޫފާރުގެ ޒުވާނުންނަސް ލިބިގެންދިޔަ ބޮޑު އުފަލެކެވެ. ނަމަވެސް ރަށުގެ ޒުވާނުން އެދޭ ގޮތަށް ވާދަވެރި މުބާރާތެއް އެދަނޑުގައި ނުބާއްވާ ގިނަދުވަސްތަކެއް ފާއިތުވެގެންދިޔައެވެ. އަބަދުވެސް ފުޓުސަލް މުބާރާތެއް ބާއްވާނެއިރެއްގެ އިންތިޒާރުގައި ތިބި އުނގޫފާރުގެ ހުރިހާ ޒުވާނުން ހެއްވާލީ އުނގޫފާރުގެ އެންމެ ކާމިޔާބު ޓީމް އާދެ! ތިޔަމަސްއެކްސް އިން މިއަހަރުގެ މާރޗް މަހުގެ 20 ވަނަދުވަހު ފުޓުސަލް މުބާރާތެއް ބާއްވާނެކަމުގެ އުފާވެރި ހަބަރު ދިން ހިސާބުންނެވެ.

މުބާރާތް އޮންނަ އަޑު ފެތުރުމާއި އެކު މުބާރާތަށް ފެންބޮވައިގަތްފައިވާ ޓީމުތަކުން މުބާރާތަށް ވާންޖެހޭ ތައްޔާރީތަށް އެންމެ ފުރިހަމައަށް ވާން ފެއްޓިއެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން  އެންމެ ޓީމްރޫހު ވަރުގަދަ އަދި މުބާރާތަށް އެންމެ ފުރިހަމަޔަށް ތައްޔާރުވި ޓީމަކީ އުނގޫފާރުގެ ފުޓުސަލްގެ ރަސްގެފާނުކަމަށް ނަންމަޝްހޫރުވެފައިވާ ގަދަފަދަ ޑިކްޓޭޓަރސް އެފްޓީ ބަލިކޮށް މުބާރާތުގެ ތަށި އުފުލާލި ކޭޑީ އެފްޓީއެވެ. އެއްވެސް މެޗަކުން ބަލިނުވެ ފަސޭހަކަމާއި އެކު ފައިނަލަށް ދަތުރުކުރި ގިނަ ތަރިންތަކެއް ހިމެނޭ ޑިކްޓޭޓާރސް ފައިނަލުގައި ކޭޑީ އިން ބަލިކުރީ ހަމަގައިމުވެސް އެހެން ޓީމްތަކަށްވެސް ނަމޫނާ ދައްކަމުންނެވެ. ގަދައަޅާ މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނެ ކަމުގެ ލާމަސީލުމިސާލު ދައްކަމުންނެވެ.

ޓީމުގެ އެކި އެކި މަގާމުތަކަށް މީހުން އައްޔަންކޮށް ކޮންމެ މަހަކު ވަޒީފާގައި އުޅޭ ކުދިން އަތުން މަދުވެގެން 100 ރުފިޔާ ނަގައިގެން މީގެ ކުރިންވެސް ޓީމް ބަލަހައްޓަމުން ދިއުމުގެ ނަތީޖާއަކަށްވީ މުބާރާތަށް ކޭޑީ ޓީމު ކުރިމަތިލީއިރު ޓީމުގައި ރަނގަޅު ބަޖެޓެއް އޮތުމެވެ. ޓީމުގެ ކޯޗު ހުސައިން ޙަމީދު (ތިއްތި) ބުނިގޮތުގައި މުބާރާތަށް ޓީމް ނިކުތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެންކަމަށާއި މުބާރާތުގައި ތަފާތު ކޭޑީ އެއް ނެރުމަށްޓަކައި ވަރަށް ބުރަކޮށް ޓީމުގެ މެނޭޖްމަންޓުން މަސައްކަތް ކުރިކަމަށާއި ޓީމުގެ ޓީމްވޯރކް ރަނގަޅުކުރުމަށްޓަކައި ދުރާލާ ޓީމް އެއްކޮށް އެއްތަނެއްގައި ކޭމްޕްކޮށް އެތަނުން ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ލިބޭނެގޮތް ހަމަޖެއްސިކަމަށެވެ. އަދި ކޮންމެ މެޗެއް ނިމުމަށްފަހު ޓީމު އެއްކޮށް ކޭމްޕުކުރުމަށް ހަމަޖެހިފައިވާ ތަނަށްގޮސް ކުޅެވުނު މެޗުގައި ވަކިވަކި ކުޅުންތެރިންނަށް ހެދިފައިވާ މިސްޓޭކްތައް ކިޔައިދީ ދެން އޮންނ ަމެޗެއްގައި އެކަން ރަނގަޅުކުރުމަށް ކުޅުންތެރިންނަށް ހިއްވަރުދިނުންވެސް ކުރިޔަށް ގެންދިޔަކަމަށް ކޭޑީއެފްޓީގެ ކޯޗު ވަނީ މަޢުލޫމާތު ދެއްވާފައެވެ. ފައިނަލްގައި ޑިކްޓޭޓަރސް އާ ދެކޮޅަށް ނިކުތުމުގެ ކުރިން އުނގޫފާރު.ކޮމް އަށް ދިން އިންޓަރވިއުއެއްގައި ކޭޑީގެ ކޯޗް ބުނެފައިވަނީ އެރޭގެ މެޗަށް ޓީމުއޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ތަފާތު ކުޅުމެއް ކުޅެ މުބާރާތުގެ ތަށި ނަގާނެކަމަށެވެ. ގިނަބަޔަކަށް އެކަން ގަބޫލުކުރަން ދަތިވިނަމަވެސް އެރޭ ތަށި ހިފައިގެން ދަނޑުން ފޭބީ ކޭޑީ އެފްޓީއެވެ.

ތެދެކެވެ. އެރޭ ކޭޑީފެނުނީ ގިނަބަޔަކު ހީކުރިގޮތާހިލާފަށް ތަފާތު މޮޅުކޮށެވެ. މުބާރާތުގައި ތަފާތު މޮޅުކުޅުމެއް ދެއްކި ޑިކްޓޭޓަރސް އަށް ކޭޑީ ކައިރީގައި ވަނީ އެމެޗުގައި މާރަނގަޅަށް ކުޅެވޭގޮތް ނުވެފައެވެ. ނަތީޖާއަކަށްވީ ޑިކްޓޭޓަރސް ބަލިކޮށް މުބާރާތުގެ ރަންމެޑަލް ކޭޑީއެފްޓީ އިން ހޯދުމެވެ. މިއީ މިމުބާރާތުގައި ބައިވެރިވި އެހެން ޓީމުތަކަށްވެސް ލިބުނު އިބުރަތެކެވެ. މުބާރާތުގެ ކުރިން މުބާރާތަށް ފުރިހަމަ ޕްރެކްޓިސް އެއްކުރި ހަމައެކެނި ޓީމަކަށްވެސް ވެފައިވަނީ ކޭޑީ އެވެ. ޓީމް ލޯތްބާއި ރޫހު ހިތުގައި އޮވެގެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ލިބިގެން އެދިޔައީ ވަރަށްވެސް ފޮނިކޮށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close