ޙަބަރުމަޖިލިސް އިންތިހާބު 2019

ތިޔަބޭފުޅުންގެ ސުވާލުތަކުގެ ޖަވާބު މަތީނުގެ ދުލުން

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ޝާއިރުކުރެވުނު ލިއުމެކެވެ.

މި ލިޔުމުގައި މިވަނީ އުނގޫފާރު ދާއިރާގެ ކެންޑިޑޭޓު، ޢަބްދުލް މަތީން މުޙައްމަދު (ނާރެސް / ރ.ހުޅުދުއްފާރު) އަށް ދާއިރާގެ ރައްޔިތުން ޢާންމުކޮށް ކުރައްވާ ބައެއް ސުވާލުތަކުގެ ޖަވާބެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހޮވުމަށްފަހު އެގޮތުގައި ދެމިހުންނަވާނަންތޯ؟

މަތީން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްބައެއްގެ އަތްމައްޗަށް އަރައި، ބާރުތައް މަސްހުނިވެ، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ އެވެ. އެހެންކަމުން އެއީ “ހެޔޮ ވެރިކަމެއްގެ ސިފަ ގެއްލިގެންދާނެ ކަމެއް” ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންކަމުން ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނީ ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި އެހީތެރިވެ އެއްބާރުލުންދީ އަދި ސަރުކާރުން ކުރާ ގޯސް ކަންކަމާ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވޭނެ މިނިވަން މެމްބަރުންނަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މަތީން ވިދާޅުވި ގޮތުގައި މަޖިލިހަށް އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ، މަސައްކަތް ކުރައްވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދެއްވައިގެންނެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވަން އޭނާ ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

“މަޖިލީހުގެ އިންތިހާބުގައި ވޯޓުލާނެ މީހަކު ނިންމަން ވާނީ ތައުލީމާއި ގައުމީ ހިދުމަތުގެ ތަޖުރިބާ އަށް ބަލައިގެން. ކޮރަޕްޝަނާއި ފަސާދަ އިން ސަލާމަތްވެފައިވާ ނަޒާހަތްތެރި މަޖިލިހެއް އެކުލަވާލެވޭނީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ ނަޒާހަތްތެރިކަން ދަމަހައްޓައި މަޖިލިހަށް ރައްޔިތުން ފޮނުވާ މީހުންނަކީ ނަޒާހަތްތެރި މީހުންނަށް ހެދުމަށް ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދީގެން،” މަތީން ވިދާޅުވި އެވެ.

އޭނާއަކީ ނަޒާހަތްތެރި ބޭފުޅެއް ކަން ކަށަވަރުކޮށްދެއްވުމުގެ ބޭނުމުގައި މަތީން ހުންނެވީ ކޮންމެ އަހަރަކު އެއް ފަހަރު މާލީ ބަޔާން ހާމަކުރައްވަން ތައްޔާރަށެވެ. އަދި މަޖިލީހުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް އަހަރަކު އެއް ފަހަރު ދާއިރާގެ މީހުން އެއްކޮށް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމަވައިފަ އެވެ.

މަތީން ގަބޫލްކުރައްވާ ގޮތުގައި އަމިއްލަ ގޮތުން މަޖިލިހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އެހެން ޕާޓީތަކަށް ބަދަލުވުމުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދެ އެވެ. އެހެންކަމުން އޭނާ ދެއްވާ ޔަގީންކަމަކީ “ތަރައްގީގެ ފިކުރާއި ގައުމާއި ރައްޔިތުންގެ މަސްލަހަތުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ދައުރު ހަމަކުރާނެ” ކަމެވެ.

މާލީ ބަޔާން ހާމަނުކުރާ މެންބަރުންނާއިމެދު ޚިޔާލަކީ ކޮބާތޯ؟

އުފަންވެ ވަޑައިގެންނެވީއްސުރެ، މަތީން އާއި އުނގޫފާރު ދާއިރާއާ ދެމެދު ވަރަށް ބޮޑު ގުޅުމެއް ވަނީ އުފެދިފަ އެވެ. އެކަން އެ ދާއިރާ އަށް ގެނެސްފައި އޮތް ތަރައްގީ އަށް އެކަނި ބެލިޔަސް ހާމަވެ އެވެ. އެހެންވެ، މަތީންގެ އެންމެ ބޮޑު އެދުމަކީ މިއެވެ؛ ދާއިރާގެ ރައްޔިތުން ވިސްނަން ޖެހޭ އެއް ކަމަކީ އިތުބާރު ކުރެވޭ މީހާ އަށް ވޯޓުލުމެވެ. ވޯޓުލުމުގައި ކުލައަކަށް ނުވަތަ ފިކުރަކަށް ބެލުމުގެ ބަދަލުގައި ވޯޓު ދޭން ޖެހެނީ ނަޒާހާތްތެރި އިހުލާސްތެރި މީހާއަށެވެ.

މަޖިލިހަށް އިންތިހާބު ކުރަން ޖެހޭނީ ގާބިލް، ތެދުވެރި، ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ، މަތީން ވަނީ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވިއިރު މާޒީގައި މާލީ ބަޔާން ހާމަނުކުރައްވާ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

“އެ މެމްބަރުންނަށް ފުރުސަތު ދީފި ނަމަ، ރައްޔިތުން ބޭނުންވާ އިސްލާހީ ބަދަލެއް މަޖިލިހަކަށް ނާންނާނެ. މަޖިލިސް އިސްލާހުކޮށް ހެޔޮ ބަދަލެއް ގެނެވޭނީ އިތުބާރުކުރެވޭ އާ ބަޔަކަށް މަޖިލީހުން ޖާގަ ދީގެން،” މަތީން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބައެއް މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާއިރު އެފަދަ މީހުން އެއްފަރާތް ކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެވެ.

ރައްޔިތުންނާއި ސީދާ ގުޅުންހުރި ކަމެއްކަމުގައިވާ ބަޖެޓަށް ވޯޓު ދިނުމުގައި ވިސްނުމަކީ ކޮބާތޯ؟

ދާއިރާގެ ރަށްރަށުގައި ކުރަން ހުރި އަސާސީ ކަންކަމާއި ރައްޔިތުން ކުރަން ބޭނުންވާ ވަރަށް ކުދިކުދި ކަންކަން ވެސް ނުކުރެވި އެތައް އަހަރެއް ވެގެންދާ ތަން ދާއިރާގެ ރަށްރަށުން ފެންނަން ހުރި ކަމަށް މަތީން ވިދާޅުވި އެވެ. މިކަންކަމަށް ހައްލު ހޯއްދަވައިދެއްވަން ދައުލަތުގެ އަހަރީ ބަޖެޓަށް ވޯޓު ދެއްވުމުގެ ކުރިން ދާއިރާއާ މަޝްވަރާކުރައްވާނެ ކަމަށް މަތީން ވިދާޅުވެ އެވެ. މި މަޝްވަރާތަކުގައި ޒުވާނުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިކުރަން އިސްކަން ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްގީއާމެދު ވިސްނުމަކީ ކޮބާތޯ؟

މަޖިލިހުގެ ފަސް އަހަރުގެ ދައުރުގައި ދާއިރާގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށާއި އިޖުތިމާއީ ދުޅަހެޔޮކަން މަތިކުރަން ގުޅިގެން މަސައްކަތް ކުރައްވައި، މަޖިލިހުން ކަންކަން ނިންމުމުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަށް އިސްކަން ދިނުމަށް އަބަދުވެސް ބާރު އެޅުއްވުމަކީ މަޖިލިހުގެ މަސައްކަތުގެ އަމާޒެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

ދާއިރާގެ ގޮނޑީގައި އިންނަން ޖެހޭނި ދާއިރާގެ ޤާބިލް ދަރިއެއް؟

އެހެން ކެންޑިޑޭޓުންނާ ހިލާފަށް މަތީންގެ ވިސްނުން ތަފާތެވެ. ދާއިރާ ތަމްސީލް ކުރެއްވުމުގެ ފުރުސަތު ދޭން ޖެހޭނީ އެ ދާއިރާއެއް އެނގޭ، ގާބިލް އަދި ތައުލީމީ މީހުންނަށެވެ. މަތީން ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުންގެ ވިންދާއި އިހްސާސް އެނގޭނީ އެ ދާއިރާއަކަށް ނިސްބަތްވާ މީހަކަށެވެ. އެހެންކަމުން މަޖިލިހުގައި ރައްޔިތުންގެ ފަރާތުން ބަސް ބުނުން އެންމެ އައުލާކަން ބޮޑީ އެ ދާއިރާގެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“ޒަމާނީ ޑިމޮކްރަސީއާ އެންމެ ރައްޓެހި ގޮތަކީ ދާއިރާގެ ރައްޔިތަކު ދާއިރާގެ މަޖިލިސް ގޮނޑީގައި އިނުން،” މަތީން ވިދާޅުވި އެވެ.

އޭނާ ދެއްވާ ޔަގީން ކަމަކީ މި އެވެ: އުނގޫފާރު ދާއިރާގެ ރައްޔިތުން ވޯޓު ކަރުދާހުގެ ނަންބަރު އެކެއްގައި ޖަހާ ފާހަގައިގެ ސަބަބުން ރައްޔިތުންނަށް މާޔޫސްކަމެއް ކުރިމަތިނުވެ، ދާއިރާއަށް ރޯޝަންކަމާއި ފާގަތިކަން ގެނެސްދެއްވުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close