ކުޅިވަރު

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގަ ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މާލެސިޓީ އަދި ފޯއްމުލައް ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 1 ޓީމަށް އަދި މާލެ ސިޓީ އާއި ފޯއްމުލައް ސިޓީގެ ކޮންމެ އަވަށަކުން 1 ޓީމަށް ލިބެއެވެ. ކޮންމެޓީމަކަށްވެސް ކުޅެވޭނީ ޓީމް ބައިވެރިވެފައިވާ ރަށް ނުވަތަ އަވަށެއްގައި ރެޖިސްޓްރީ ވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ. ނަމަވެސް ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް މާލޭގެ ކޮންމެ އަވަށަކަށްވެސް ކުޅުމުގެ ފުރުސަތު ލިބެއެވެ.

މި މުބާރާތަކީ، ގޯލްޑެން ފްޓްސަލް އެސޯސިއޭޝަން އިން މުޅިރާއްޖެއަށް ހުޅުވައިލައިގެން މާލޭގައި ކުރިއަށްގެންދާ ފްޓްސަލް މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު ފްޓްސަލް މުބާރާތުގެ ގޮތުގައި މިމުބާރާތް ސިފަކުރެވޭއިރު މުބާރާތަށް ލިބެންދާ ސަޕޯޓްވެސްް އަހަރަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. މިމުބާރާތުގެ ޗެމްޕިއަން ތީމަށް 65،000.00 (ފަސްދޮޅަސް ފަސްހާސް ދިވެހި ރުފިޔާ) ދޭއިރު ރަނައަޕް ޓީމަށް 25،000.00 (ފަންސަވީސް ހާސް ދިވެހި ރުފިޔާ) ދެއެވެ. އަދި ފެއާރޕްލޭ ޓީމަށާއި، ބެސްޓް ސަޕޯޓިންޓީމަށް 2،500.00 (ދެހާސް ފައްސަތޭކަ ދިވެހި ރުފިޔާ ) ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ ޝަރަފްވެރި މަޤާމްތަކަށް ތައްޓާއި މެޑަލް ކަނޑައެޅިފައިވެއެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށް ދަނީ، ފުރަތަމަ ބުރު ގައި އަތޮޅުތަކުން ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައެވެ. ލީގުއުސޫލުން ކުޅެ އެއްމެ ގިނަ ޕޮއިންޓް ހޯދާ ޓީމް އަތޮޅު ޗެމްޕިއަންގެ ޝަރަފާއި އެކު ޒޯންބުރައް ދަތުރުކުރެއެވެ. މުބާރާތުގައި ކޮންމެ އަތޮޅެއްގެ މޮޅުކުޅުންތެރިޔާ އަދި ޓޮޕް ސްކޯރަރ ވެސް ހޮވައެވެ.

މިމުބާރާތުގެ ދެވަނަ ބުރު ކުރިއަށް ދަނީ 8 ޒޯންއަކަށް ބަހާލައިގެންނެވެ. ޒޯން ބުރުވެސް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ޒޯން ބުރުން އެއްމެ ކުރިހޯދާ ޓީމެއް ޒޯން ޗެމްޕިއަންގެ ޝަރަފާއި އެކު ގަދަ 16 އަށް ދަތުރުކުރިއިރު، ޒޯންގެ 2 ވަނަ ޓީމުވެސް ގަދަ 16 އަށް ދަތުރުކުރެއެވެ. މުބާރާތުގައި ކޮންމެ ޒޯނެއްގެ މޮޅުކުޅުންތެރިޔާ އަދި ޓޮޕް ސްކޯރަރ ވެސް ހޮވައެވެ. މުބާރާތުގެ ސެމީ ފައިންލްއިން ފެށިގެން ކުޅެނީ ނޮކް އައުޓް އުސޫލުންނެވެ.

2016 ވަނަ އަހަރުގެ މުބާރާތުގައި ސޮނީ ސްޕޯޓްސް އިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވާއިރު  2017 އަދި 2018  ޓައިޓަލް ސްޕޮންސާރ އަކީ، ސޮނީ ސްޕޯޓްސް އެވެ. މިއަހަރުގެ މުބަރާތުގެ ސްޕޮންސަރުންނަށް ވުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައި ވާއިރު މިހާތަނަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މުބާރާތުގައި ބައިވެރި ވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރެއްގެ ގޮތުގައި ކަނޑަ އަޅާފައިވަނީ 9994470 އެވެ. މިނަންބަރަށް ރަށުގެ ނަން ޖައްސަވާފަ ވައިބަރ ކުރެއްވުމުން މުބާރާތުގައި ބައިވެރިވާ ފޯމް ލިބިހެން ދާނެއެވެ.

7 ޖެނުއަރީ  2016 ގައި ވުޖޫދުވި  ގޯލްޑެން ފްޓްސަލް އެސޯސިއޭޝަން އިން، މިހާތަނަށް ގޯލްޑެން ފްޓްސަލް ސިލްސިލާގެ ގެ 3 މުބާރާތް ކުޅެފައިވާއިރު 48 ޓީމް ބައިވެރިވި 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ، ތިމަރަފުށިންނެވެ. 50 ޓީމް ބައިވެރިވި 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ، ހެންވޭރު އެވެ. އަދި 55 ޓީމް ބައިވެރިވި 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާފަންނުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close