ޙަބަރު

އުނގޫފާރު ދާއިރާގެ ގޮނޑި ވައްޑެ ކާމިޔާބުކުރައްވައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓު މުޙައްމަދު ވަހީދު (ވައްޑެ) ކާމިޔާބުކުރައްވައިފިއެވެ. މިއީ އުނގޫފާރު ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި ވައްޑެ ކާމިޔާބު ކުރެއްވީ އުނގޫފާރު ދާއިރާގެ، 3 ރަށް، އުނގޫފާރު، ހުޅުދުއްފާރު އަދި މާކުރަތުގައި ބަހެއްޓި ވޯޓު ފޮއްޓާއި އަދި މާލޭގައި އުނގޫފާރު ދާއިރާއަށް ވޯޓުލުމަށް ބެހެއްޓި ފޮށިން ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

އުނގޫފާރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވައްޑެ ވަނީ 1062 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 48.19 އިންސައްތައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިހާބުގައި ވައްޑެ ވަނީ އެންމެ ގާތުން ވާދަކުރެއްވި އަމިއްލަ ކެނޑިޑޭޓު ޢަބްދުލް މަތީން މުޙައްމަދައްވުރެ ޖުމްލަ 310 ވޯޓު އިތުރަށް ހޯއްދަވާފައެވެ.

ވަކި ވޯޓު ފޮށިތަކަށް ބަލާއިރު އުނގޫފާރުގައި ބަހައްޓާފައިވާ 1 ނަމްބަރު ވޯޓު ފޮށިން ވައްޑެ ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވާފައެވެ. 909 މީހުންނަށް ވޯޓުލެވޭ މި ފޮއްޓަށް 800 މީހުން ވޯޓުލާފައި ވާއިރު ވައްޑެ ވަނީ މި ފޮށިން 353 ވޯޓު ހޯއްދަވާފައެވެ. އެންމެ ގާތުން ވާދަކުރެއްވި އަބްދުލް މަތީންއަށް މި ފޮށިން ލިބިލައްވާފައި ވަނީ 238 ވޯޓެވެ. އަދި ރައީސް ޔާމިންގެ ތާއީދާއެކު ޖުމްހުރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިލްހާމް އަހުމަދަށް ލިބިލައްވާފައި ވަނީ 126 ވޯޓެވެ.

އަމިއްލަ ކެނޑިޑޭޓު މަތީން ނިސްބަތްވެ ވަޑައިގަންނަވާ ރަށް ކަމުގައިވާ ހުޅުދުއްފާރުން ވެސް ވައްޑެ ވަނީ 320 ވޯޓު ހޯއްދަވާފައެވެ. މަތީންއަށް މި ފޮށިން ލިބިލައްވާފައި ވަނީ 263 ވޯޓެވެ. އަދި އިލްހާމަށް ލިބިލެއްވީ 49 ވޯޓެވެ.

މާކުރަތުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ވައްޑެ ވަނީ އެ ރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށިން 216 ވޯޓު ހޯއްދަވާފައެވެ. އަދި މަތީން އަށް މި ފޮށިން 113 ވޯޓު ލިބިލައްވާފައި ވާއިރު އިލްހާމަށް މި ފޮށިން ލިބިލެއްވީ 61 ވޯޓެވެ.

މާލޭގައި ބެހެއްޓި އުނގޫފާރު ދާއިރާގެ ވޯޓު ފޮށިން ވައްޑެ 160 ވޯޓު ހޯއްދަވާފައި ވާއިރު މަތީން އަށް ލިބިލައްވާފައި ވަނީ 132 ވޯޓެވެ. އަދި އިލްހާމަށް މި ފޮށިން ލިބިލައްވާފައި ވަނީ 91 ވޯޓެވެ.

ވަރަށް ފުރިހަމަ އަގުލަބިއްޔަތަކާ އެކު އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުޙައްމަދު ވަހީދު (ވައްޑެ) އަށް އުނގޫފާރު.ކޮމް އަދި އުފާ ގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ވައްޑެގެ ފަރާތުން ދާއިރާއަށް އިތުރު ކުރިއެރުމާ އުފާ ފާގަތިން ލިބުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި ދުޢާކުރަމެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close