ޚަބަރު

މަދިރިއާ ދެކޮޅަށް އުނގޫފާރު ސާފުކުރުމުގެ ބޮޑު ހަރަކާތަކަށް ރައްޔިތުން ނިކުންނަނީ!

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ރައްޔިތުން ނިކުމެ މުޅި އުނގޫފާރު ސާފުކޮށްލުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެން އުނގޫފާރުގެ އެންމެހާ މުއައްސަސާތަކާއި، ކުލަބު ޖަމިއްޔާ ތަކާއި އަދި އެންމެހާ ރައްޔިތުން ގުޅިގެންނެވެ.

މި ބޮޑު ހަރަކާތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އުނގޫފާރު ކައުންސިލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، މުއައްސަސާތަކާއި، ކުލަބު ޖަމިއްޔާތަކުގެ އިސްވެރިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި ފާހަގަކުރި ގޮތުގައި މިކަމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި އުނގޫފާރަކީ ބަލިތައް މަދު ސާފު ތަނަކަށް ހެދުމެވެ. ސަބަބަކީ މި ދުވަސްވަރަކީ ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ މަދިރީގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ރައްޖޭގައި އެކި ހިސާބުތަކުގައި ހަލުވި ސްޕީޑުގައި ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު މިފަދަ ބަލިތައް އުނގޫފާރުގައި ވެސް ފުތުރުމުގެ ބިރުވެރިކަން އޮތީމައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އަދި ޗިކުންގުންޔާ ހަލުވި ސްޕީޑުގައި ފެތުރެމުންދާ ކަން ރިޕޯޓުކޮށްފައި ވާއިރު ހެލްތު މިނިސްޓްރީން ވެސް ދަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ. ކޮންމެ ފަރުދަކަށް ވެސް ބަލިތަކުގެ ނުރައްކާތެރިކަމާއި މި ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަމާ ބެހޭ މަޢުލޫމާތު އެނގިފައި ހުރުމަކީ މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ވުމާއެކު މި ބަލިތަކާ ބެހޭ ގޮތުން ކުޑަ މަޢުލޫމާތުކޮޅެއް ހޯދާލުން ކީއްތޯއެވެ؟

ޑެންގޫ އަދި ޗިކުންގުންޔާ  އަކީ ކޮބާ؟

ޑެންގީ އަދި ޗިކުންގުންޔާ އަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފުރާނައަށް ނުރައްކާކުރާ 2 ބައްޔެވެ. ޑެންގީ ނުވަތަ ޗިކުންގުންޔާ ޖެހިފައިވާ މީހެއްގެ ގައިގައި މަދިރި ހެފުމަށް ފަހު، އެހެން މީހެއްގެ ގައިގައި ހެފުމުން މި ބަލީގެ ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރެއެވެ. އީޑީސް މަދިރި ހަފަނީ އާންމުގޮތެއްގައި ދުވާލު ގަޑީގައި ކަމުގައި ވާއިރު އިރު އަރާ އަދި އިރު އޮއްސޭ ގަޑި އަކީ އީޑީސް މަދިރި އެންމެ ގިނަވާ ވަގުތެވެ.

ޑެންގޫ ޖެހުމުން ގަދައަށް ބޮލުގައި އަދި ގައިގައި ރިއްސައެވެ. އަދި 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަވުމަކީ މި ބަލީގެ އެއް އަލާމާތެވެ. މީގެ އިތުރުން ހުޅުހުޅުގައި ރިއްސުން، ބަނޑުގައި ރިއްސުން، މޭ ނުބައިކޮށް ހޮޑުލެވުން، ގައިގައި ރަތް ބިހިތަކެއް ނެގުމަކީ ވެސް ޑެންގީ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އަދި މިބަލީގެ އެންމެ ނުރައްކާތެރި އަލާމަތް ތަކުގެ ތެރޭގައި ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ހަށިގަނޑުގެ އެކިތަންތަނުން ލޭއައުން ހިމެނެއެވެ.

ޗިކުންގުންޔާ ޖެހުމުން ވެސް ގަދައަށް ބޮލުގައި އަދި ގައިގައި ރިއްސައެވެ. އަދި 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަވެއެވެ. މީގެ އިތުރުން ހުޅުހުޅުގައި ރިއްސުން، ބަނޑުގައި ރިއްސުން، މޭ ނުބައިކޮށް ހޮޑުލެވުން، ގައިގައި ރަތް ބިހިތަކެއް ނެގުމަކީ ވެސް ޑެންގީ  ފަދައިން ޗިކުންގުންޔާގެ ވެސް އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ މާބަނޑު އަންހެނުންގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މިބަލި ޖެހުމުންނެވެ. އަދި ތުއްތުކުދިނާއި އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެހެނިހެން ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި ބަލި ޖެހުމުން ވަރަށް ބޮޑުވަރުވެއެވެ.

ޑެންގޫ އަދި ޗިކުންގުންޔާއިން ރައްކާތެރިވާނީ ކިހިނެއް؟

މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން މި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ މަދިރި އުފެދޭ ގޮތަށް ނުވަތަ ފެން ހަރުލާ ގޮތަށް ހުންނަ ތަންތައް ނައްތާލުމެވެ. އެހެން ނަމަވެސް މިކަމުގައި ސަމާލުކަން ދޭންވީ ކަމަކީ އީޑިސް މަދިރި ބިސްއަޅާފައި ހުންނަ ތަކެތީން ފެން ހުސްކުރި ނަމަވެސް އެތަކެތީގައި މަދިރީގެ ބިސް ހަލާކުނުވެ 6 މަސް ދުވަހަށް ވުރެ ގިނަ ދުވަހު  ހުންނާނެ ކަމެވެ. އެހެން ކަމުން މިފަދަ ތަކެތިން ހަމައެކަނި ފެންފޮދު އުކާލުމަކުން ނުފުދޭނެއެވެ. ރަނގަޅަށް ސާފުކުރުމަކީ މުހިންމުކަމެކެވެ.

ސީދާ ހަރަކާތައް އެންމެން ތައްޔާރުތޯ؟

މި ހަރަކާތް އޮންނާނެ ދުވަހެއް އަންނަ ހަފުތާ އިއުލާންކުރާ ގޮތަށް ހަމަޖެހިފައި ވާއިރު އުނގޫފާރުގެ އެންމެހާ ރައްޔިތުންނާއި ކުލަބު ޖަމިއްޔާތަކާއި، މުއައްސަސާތައް ގުޅިގެން ސަފުތައް ރުކުރުވާންލަންވީ އެންމެން އެކީގައި ނުކުމުގެ އުނގޫފާރަކީ ބަލިތަކުން ރައްކާތެރި ސާފު ތަނަކަށް ހެދުމަށެވެ. އެންމެންގެ އަޒުމަކަށް ވާންވީ އެނބުރި ގެއަށް ދާއިރު މަދިރި އުފެދޭ ފަދަ ހަމަ އެންމެ ތަނެއްވެސް އުނގޫފާރުގައި ނެތުމެވެ. އުނގޫފާރުގައި ދުޅަހެޔޮ ވެއްޓެއް ޤާއިމްކުރުމަށް އިޖްތިމާޢ ޒިންމާގެ އިތުރުން ފަރުދީ ޒިންމާގެ މުހިންމުކަން ވެސް ދަނެ މިހާރުއްސުރު ކޮންމެ ފަރުދަކު ވެސް އަޒުމް ކަނޑައަޅަންވީ އެމީހެއްގެ ގޯތީގެ 4 ފާރު އެތެރޭގައި ވެސް މަދިރިއުފެދޭނެ ގޮތަށް ހުންނަ ތަންތަން ނައްތާލުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close