ރ.އަތޮޅު

އުނގޫފާރު ކައުންސިލުން މި އަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް މުޅިން ހިލޭ!

ކުރީ ފަހަރުތަކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުވެސް އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓް، އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް މުޅިން ހިލޭ ފޯރުކޮށްދޭން ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވުނު އެ ކައުންސިލްގެ 77 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

އުނގޫފާރު ކައުންސިލުން ނިންމާފައި ވަނީ ރޯދަ މަހުގެ ދުވަސްތަކާއި 6 ރޯދައިގެ ދުވަސްތައް ހިމެނޭނެ ގޮތަށް 6 މެއި 2019 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް ފޯރުކޮށްދޭ ކަރަންޓަށް އެއްވެސް އަގެއް ނުނަގާށެވެ. ކައުންސިލްގެ މި ނިންމުމާއެކު އެ ކައުންސިލުން ބުނި ގޮތުގައި މިފަދަ އިނާޔަތްތައް ރައްތިތުންނަށް ލިބިދިދޭ އިރު އެ ކައުންސިލުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން ކަރަންޓު ބޭކާރު ގޮތުގައި ބޭނުންކޮށް އިޝްރާފު ކުރާތީ ކަމަށާއި މި ގޮތަށް އެއްވެސް ފަރާތަކުން ކަންތައް ނުކުރުމަށް ކައުންސިލުން ނަސޭހަތްތެރިވާ ކަމަށެވެ. އަދި ވީ ވަރަކަށް ކަރަންޓް ޙަރަދު ކުޑަކުރުމަށް ވިސްނުން ބެހެއްޓުމަށް ކައުންސިލުން އެދިފައިވެއެވެ.

މީގެ އިތުރުން އުނގޫފާރު ކައުނސިލުން ބުނެފައި ވަނީ މިހާރު ސަރުކާރުން ކަރަންޓުގެ އަގަށް ގެނެސްފައިވާ ހެޔޮ ބަދަލާއި ގުޅިގެން ކައުންސިލުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަރަންޓުގެ އަގަށް ބަދަލެއް ގެންނަ ނަމަ އެކަން ޖުލައި 1 ވަަނަ  ދުވަހުގެ ކުރިން އާންމުކޮށް އަންގާ އިއުލާންކުރާނޭ ކަމަށެވެ. އުނގޫފާރަށް ކަރަންޓު ފޯރުކޮށްދޭ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ހިންގަނީ އުނގޫފާރު ކައުންސިލުންނެވެ.

މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭތާ 4 ވަނަ އަހަރެވެ. އުނގޫފާރު ކައުންސިލްގެ ހިސާބުތަކުން ދައްކާ ގޮތުގައި ކަރަންޓު ހިލޭ ފޯރުކޮށްފޭ ދުވަސްތަކުގައި އުނގޫފާރުގެ ރައްޔިތުން ބޭނުން ކުރާ ކަރަންޓަށް ކޮންމެ އަހަރަކު ވެސް 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ. ކަރަންޓު ހިލޭ ފޯރުކޮށްދިން ނަމަވެސް އެއްވެސް ފަރާތަކުން ބޭކަރުގޮތުގައި ކަރަންޓު ބޭނުން ނުކުރުމަކީ ރަމަޟާން މަހު އިޝްރާފު ކުރުމުން ދުރުހެލިވުމަށް އެޅޭނެ ފިޔަވަޅެއްގެ އިތުރުން ޖައްވަށް ބޭރުކުރެވޭ ކާބަން މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ދެވޭ އެއްބާރުލުމަކަށް ވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close