ކޮވިޑް-19

ޚަބަރު

ޒިލާން އަލިގަދަ ތަރި: 2 ވަނަ އަދި 3 ވަނަ އަށް ވެސް ބޮޑެތި ފައިސާގެ އިނާމްތަކެއް!

އުނގޫފާރު ފޯސްޓަރިންގް އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން އުނގޫފާރު އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑާ ގުޅިގެން “ޒިލާން އަލިގަދަ ތަރި 2019” މި ނަމުގައި މި ފެށޭ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން މުބާރާތުގެ 1 ވަނައިގެ އިތުރުން 2 ވަނަ އަދި 3 ވަނަ އަށް ވެސް ފައިސާގެ އިނާމެއް ދޭ ގޮތަށް ނިންމައިފިއެވެ.

މި މުބާރާތުގެ 1 ވަނަ އަށް ދޭން ކަނޑައަޅާފައިވާ 10000 ރ ގ ފައިސާގެ އިނާމުގެ އިތުރުން 2 ވަނަ އަށް ދާ ފަރާތަކަށް 5000ރ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 2000ރ ގެ ފައިސާގެ އިނާމެއް ދޭން މިހާރު ވަނީ ނިންމާފައެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަނެއް 3 މެއި 2019 ވަނަ ދުވަހު އުނގޫފާރު އޮންނާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ މި އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންނާ އެކީގައެވެ. އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންގެ ކިޔެވުން ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އޮންނާނެއެވެ.

10 ބައިވެރިންގެ ކިޔެވުމުން އުނގޫފާރު.ކޮމް އިން ވީޑިއޯކުރާނެއެވެ. ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނީ ބައިވެރިންގެ ކިޔެވުމަށް ޖަޖުން ދޭ މާކުހާއި ބައިވެރިން ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމުން ބެލުންތެރިން އެއަށް ދޭ ލައިކްސް އެއްކޮށްލުމަށް ފަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުނގޫފާރަށް ނިސްބަތްވާ ފަރާތްތަކަށާއި އުނގޫފާރުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވެވޭނީ 30 އޭޕްރިލް 2019 ގެ ނިޔަލަށް މީލާދީ ގޮތުން އުމުރުން 9 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުން މާދަމާގެ ރޭގަނޑު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ ބައިވެރިވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އުފަން ތާރީހު ހިމެނޭ ގޮތަށް 7940678 އަށެވެ. އަދި އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންނާއި 7940678 އަށް ވައިބާރ ކޮށްގެން ވެސް ނަންނޯޓު ކުރެވޭނެއެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7915615 އަށް ނުވަތަ 7441103 ނަމްބަރ ފޯނަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close