ޚަބަރުރ.އަތޮޅު

ކޮމްބިނޭޝަން ޤުރްއާން މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ވިފާދާ

ދުވާފަރުގައި ކުރިއަށް ދިޔަ ކޮމްބިނޭޝަން ޤުރްއާން މުބާރާތް 1440 ގެ އެންމެ މޮޅު ބައިވެރިއަކަށް ފާޠިމަތު ވިފާދާ ވިޝާމް، އޯކިޑްވިލާ، ރ.ދުވާފަރު ހޮވިއްޖެއެވެ. މުބާރާތުގެ ފަހުރުވެރި 1 ވަނަ އަށް ނަވާ ހައްޖު އެންޑް އުމްރާގެ ފަރާތުން ހުށައަޅާފައިވާ އުމްރާ ދަތުރާއި، ދުވާފަރު ދާއިރާގެ އިންތިޚާބީ މެންބަރު އިސްމާޢިލް އަހުމަދު ފަރާތުން ހުށައަޅާފައިވާ ޓްރޮފީއާ، ކޮމްބިނޭޝަންގެ ފަރާތުން ހުށައަޅާފައިވާ 500 ޑޮލަރު، ޓްރޮފީ، ސެޓްފިކެޓް އަދި އިނާމް ގެ އިތުރުން ދުވާފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވާ އިނާމް ހަވާލުކޮށްފައި ވަނީ ރޭ ރ.އަތޮޅު މަދަރުސާގައި ކުރިއަށް ދިޔަ މުބާރާތުގެ ނިންމުގެ ރަސްމިއްޔާތުގައެވެ.

މުބާރާތުގެ 2 ވަނައަށް އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައި ވަނީ އިބާނާ އިބްރާހިމް، ސީސަންގެ، ރ.ދުވާފަރެވެ. މުބާރާތުގެ 2 ވަނަ އަށް ލިބިފައި 10000ރ ގެ ފައިސާގެ އިނާމާއި، ޓްރޮފީއާއި، ސެޓްފިކެޓްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުށައަޅާ އިނާމާއި އަމިއްލަ ފާރާތްތަކުން ހުށައަޅާފައިވާ އިނާމެވެ. އަދި މި މުބާރާތުގެ 3 ވަނަ އަށް ހޮވިފައި ވަނީ މަރްޔަމް މައިސާ އިބްރާހިމް، އަސަރީގެ، ރ.ދުވާފަރުއެވެ. މުބާރާތުގެ 3 ވަނަ އަށް ލިބިފައި ވަނީ 5000ރ ގެ ފައިސާގެ އިނާމާއި، ޓްރޮފީއާއި، ސެޓްފިކެޓްގެ އިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ އިނާމެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފިޔަވާ އަނެއް 3 ބައިވެރިންނަށް 2000ރ ގެ ފައިސާގެ އިނާމް ލިބިފައިވެއެވެ. ގަދަ 6 ގައި ހިމެނޭ އަނެއް 3 ބައިވެރިންނަކީ އާމިނަތު އިމްނާ، ހަތިހާ، ރ.ދުވާފަރު، ފާޠިމަތު ޔޫޙާ ޔޫސުފް، އަލަމާގެ، ރ.ދުވާފާރު އަދި މަރްޔަމް މުޙައްމަދު ފިނިވާގެ ރ.ދުވާފަރު އެވެ.

މުބާރާތުގެ އުމުރު ފުރާތަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގައި ބަލާފައި ވަނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުޤައްރަރުގައި ކަނޑައަަޅާފައިވާ މިންގަނޑަށް މާކުސް ލިބުނުތޯއެވެ. އެހެންކަމުން ބައެއް އުމުރުފުރާ ތަކުން ބައެއް ވަނަތަކަށް އެއްވެސް ބައިވެރިއަކު ހޮވިފައެއް ނުވެއެވެ. 11 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ލިބިފައި ވަނީ ފާޠިމަތު ޔޫހާ ޔޫސުފް، އަލަމާގެ، ރ.ދުވާފަރު އަށެވެ. 13 އަހަރާއި 15 އަހަރާ ދެމެދުގެ އުމުުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ އަށް މަރްޔަމް މައިސާ އިބްރާހީމް، އަސަރީގެ، ރ.ދުވާފަރު ހޮވިފައި ވާއިރު މި އުމުރުފުރާއިން ބަަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ އަށް ހޮވިފައި ވަނީ އާމިނަތު އިމްނާ، ހަތިހާ، ރ.ދުވާފަރު އެވެ.

17 އަހަރާއި 19 އަހަރާ ދެމެދުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޮވިފައި ވަނީ މި މުބާރާތުގެ ފަހުރުވެރި 1 ވަނަ ވެސް ހޯދާފައިވާ ފާޠިމަތު ވިފާދާ ވިޝާމްއެވެ. މިބައިން 3 ވަނަ ހޯދާފައި ވަނީ އިބާނާ އިބްރާހިމް، ސީސަންގެ، ރ.ދުވާފަރު އެވެ. މީގެ އިތުރުން 19 އަހަރުން މަތީގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައި ވަނީ މަރްޔަމް މުޙައްމަދު، ފިނިވާގެ، ރ.ދުވާފަރުއެވެ.

މި މުބާރާތުގެ ވަނަތަކުގެ އިތުރުން ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓާ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި މުބާރާތަށް އެކި ގޮތް ގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހަނދާނީ ލިޔުން ވެސް ރޭގެ ހަފުލާފައި ވަނީ ހަވާލުކޮށްފައިވެއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދީފައި ވަނީ މަހަލްދީބު ފައުންޑޭޝަންގެ ނައިބް ރައީސް އައްސައިޚް އަބުދުﷲ ރަޝީދުއެވެ.

ރ.އަތޮޅުގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އަަދި އެންމެ ފުރިހަމަ ޤުރްއާން މުބާރާތް ގޮތުގައި ފާހަގަކުރެވޭ މި މުބާރާތަކީ ދުވާފަރުގެ އިޖްތިމާޢީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ގުރޫޕެއް ކަމުގައިވާ ކޮމްބިނޭޝަން އިން އިސްނަގައިގެން ދުވާފަރު ޒުވާނުންގެ ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ކޮމްބިނޭޝަން އިން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގެ މަޤުސަދަކީ ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ރީތިކޮށް ކިޔަވާ، ކީރިތި ގުރްއާނަަަށް ލޯބިކުރާ ޖީލެއް ދުވާފަރުގައި ބިނާކުރުމަށް ހިއްވަރު ދިނުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close