ރ.އަތޮޅުރިޕޯޓް

އުއްމީދީ މެމްބަރު ވައްޑޭއަށް މަރުހަބާ!

ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ރެއަކީ ވަރަށް ޙާއްސަ ރެއެކެވެ. ދިވެހި ރާއްޖޭގެ ހަޔާތުގައި އުފެދުނު އެންމެ ބާރުގަދަ ރައްޔިތުންގެ މަޖިލީސް ކަމުގައި ސިފަކުރެވޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވި ރެއެވެ. ރައްޔިތުން ދިން ސުޕާ މެޖޯރިޓީއާ އެކު ވެރިކަން ކުރާ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދޭނެ ދައުރަކަށް މަޖުލީހުގެ މި ދައުރު ހެދުމަށް ރައްޔިތުންގެ ޚާދިމުން ރައްޔިތުންގެ ކުރިމަތީ މާތްﷲ ޤަންދީ ހުވާކުރި ރެއެވެ. ކޮންމެ އަކަސް މިރޭގެ ތަހުނިޔާގެ ލިސްޓު ދިގެވެ. އެ އެންމެނަށް ތަހުނިޔާ ފޮނުވަމުން މި ލިޔުން ޙާއްސަކޮށްލާނީ އެމްޑީޕީން ރައްޔިތުން މަޖިލީހުގައި ހޯދި ސްޕާ މެޖޯރިޓީގެ އަސްލު ކަމުގައިވާ އެޖެންޑާ 19 އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްފަރާތް، އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) އަށެވެ.

ދިވެހި ރައްޖޭގެ އެންމެހާ ރައްޔިތުންނެކޭ އެއްފަދައިން ރާއްޖޭގެ 3 ވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމުގައިވާ ރ.އަތޮޅުގެ ތަރައްޤީއާ ގުޅިވައިވާ އުނގޫފާރު ދާއިރާގެ ރައްޔިތުން ވެސް ވައްޑެއަށް ހިތުގެ ފުންމިނުން ހޫނު މަރުހަބާއެއް ކިޔަނީ ރައްޔިތުންގެ ފޮނި އުންމީދުތަކާއި ވައްޑެ ކުރެއްސެވި ތަރައްޤީގެ ތަސައްވުރު އެކުލެވޭ ފޮނި ހުވަފެންތަކާ އެކުއެވެ. ދެން ރައްޔިތުންނަށް އޮތީ އެ ތަރައްޤީގެ މިޝްރާބަށް ދަތުރު ކުރުމަށް ވައްޑެއްގެ ފަހަތްޕުޅުގައި ތިބެ އެހީތެރިވުމެވެ. ނުވަތަ އެ މިޝްރާބު ބަދަލުވެ އެހެން ދިމާލަކަށް ވަޑައިގަންނަވާނަމަ އެކަން ހަނދާންކޮށް ދިނުމެވެ. ވައްޑެ ލިޔުއްވި އެޖެންޑާ 19 ގެ އެއް މަޤުސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ މަޖިލީހަކަށް 19 ވަނަ މަޖިލީސް ވުން ކަމުގައި ވާތީ އެއީ މިދާއިރާގެ ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އެއް ހިއްހަމަ ޖެހުމެވެ. އެ މަޤުސަދު ޙާސިލް ކުރާނެ ރައްޔިތުންގެ އެކުވެރިއަކަށް ވައްޑެ ވާނެ ކަމީ މި ފެށޭ ދައުރުގައި އުނގޫފާރު ދާއިރާގެ ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށިގެން ދާއިރު އެހެން ދާއިރާ ތަކާ މި ދާއިރާ ތަފާތު ވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެއީ މުޅި ދިވެހި ރާއްޖެ ސިއްސުވާލާ، އަނިޔާވެރި ގޮތަށް ސަހީދުކޮށްލާ، އެ މެންބަރެއްގެ ލޭ ދިވެހި ފަސްގަނޑަށް އޮހުރުވާލި މެންބަރަކީ މި ދާއިރާގެ ކުރީގެ މެންބަރެވެ. ދާއިރާއެއްގެ އެންމެހާ ރައްޔިތުންގެ ހިތްތައް ކަތިލި އެ މަރަށް އިންސާފު ނުލިބި އެތައް އަހަރުތަކެއް ވޭތުވެފައި ވާ އިރު މި ފެށޭ ދައުރަކީ މި ދާއިރާގެ ރައްޔިތުންނަށާއި، ސަހީދު ޑރ.އަފްރާޝީމް ޢަލީގެ އާއިލާއަށް އިންސާފު ހޯދައިދޭނެ ދައުރަކަށް ވާނެ ކަމީ ރައްޔިތުން ކުރާ އެއް އުންމީދެއެވެ. މާތްﷲ ޝަހީދު ޑރ.އަފްރާޝިމް އަލީގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭވެ.

ރައްޔިތުން ބޭނުންވާ ތަރައްޤީއާއި، ރައްޔިތުން ބޭނުންވާ އިންސާފު ހޯދައި ދިނުމުގައި ކެރޭ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާ އަދި ނަޒާހާތްތެރި މެންބަރަކަށް ވުމުގެ ހެޔޮ ތައިފީގު މާތްﷲ މުޙައްމަދު ވަހީދަށް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރަމުން، ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމުގައި ސާބިތުވެ ހުންނެވުމަށް ހިއްވަރު ދެމުން އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އައް ދާއިރާގެ އެންމެހާ ރައްޔިތުންނާއި އުފާގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close