ރިޕޯޓް

މަޖިލިސް 19 އާ އެކު ރ.އަތޮޅުގެ އެންމެ އާބާދީ ކުޑަ ފައިނު ތާރީހުގެ ތެރެއަށް

މި ފެށުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ މެންބަރުން ކުރައްވާފައި ވާއިރު އެންމެ ބޮޑު ޝަރަފަކާއި އުފަލެއް ޙާސިލްކުރާނެ އެއް ބަޔަކީ މާޅޮސް މަޑުލު އުތުރުބުރީގެ އެންމެ އާބާދީ މަދު ރަށް ކަމުގައިވާ ފައިނުގެ ރައްޔިތުންނެވެ. އާބާދީގެ ނިސްބަތުން ތަޢުލީމީ ޒުވާނުން އެންމެ ގިނަ އެއް ރަށް ކަމުގައިވާ ފައިނު މި ވަނީ އަނެއްކާ ވެސް ތާރީހުން ޖާހަ ހޯދާފައެވެ. އެއް ޒަމާނެއްގައި ރ.އަތޮޅުގެ ވެރިކަން ކުރި ރ.ފައިނުގެ މީސްކޮޅު މަދު އާބާދީގެ ތެރެއިން ފައިނުގެ 2 ދަރިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިންނަވާނެ ކަމީ ފައިނުގެ ކޮންމެ ދަރިއަކަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެކެވެ. އާދެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެވެ.

މަޖިލީހުގެ ތަޅުމަށް 2 ބޭފުޅުން ވަޑައިގަތީ ތަފާތު 2 ފިކުރެއްގެ ތެރެއިންނެވެ. ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓުގައި ވައްޑެ މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވި އިރު އާދަމް ޝަރީފް ވަޑައިިގެންނެވީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕީޕްލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައެވެ. 2 މެންބަރުންގެ ސިޔާސީ ފިކުރު ކިތަންމެ ތަފާތު ވިޔަސް 2 މެންބަރުންނަކީ ވެސް މުޅި ފައިނު ފަހުރުވެރިވާނެ 2 ދަރިންނެވެ. 2 މެންބަރުންގެ ސިޔާސީ މިޝްރާބު ތަފާތު ވިޔަސް 2 މެންބަރުންނަކީ ޢާއިލީ ގޮތުން ވަރަށް ގާތް 2 ބޭފުޅުންނެވެ.  މުޙައްމަދު ވަހީދުގެ ބައްޕާފުޅާއި އާދަމް ޝަރީފް އަކީ 2 ބެއިންގެ 2 ދަރި ބޭފުޅުންނެވެ. 2 ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އިންސާފާ އިސްލާޙީ މަސައްކަތައް މަސައްކަތް ކުރެއްވި ފަހުރުވެރި އާއިލާއަކަށެވެ.

މުޙައްމަދު ވަހީދު އަދި އާދަމް ޝަރީފް ނިސްބަތްވެ ވަޑައިގަންނަވަނީ މަޝްހޫރު ތޮއްޑޫ އަލިަމަނިކުގެ ދަރިކޮޅަށެވެ. މުޢީނުއްދީންގެ ރަސްކަމުގެ ދުވަސްވަރު މާލޭގައި ހިންގި އިސްލާހީ ހަރަކާތްތަކުގެ މުގުލުގައި ހުންނެވީ މި ތޮއްޑޫ އަލި މަނިކެވެ. މި އިސްލާޙީ ހަރަކާތްތަކަށް “ބަޢާވާތެއްގެ” ނަން ދެވި ތޮއްޑޫ އަލި މަނިކު އަރުވާލެވުނެވެ. އަރުވާލައްވާފައި ހުންނެވި ދުވަސް ވަރު ތޮއްޑޫ އަލިމަނިކު ވަނީ އެކި ރަށްރަށަށް ބަދަލުކުރެވިފައިވެއެވެ. އެހެން ކަމުން ތޮއްޑޫ އަލިމަނިކު ވަނީ ވަރަށް ގިނަ ރަށް ރަށުން މީހުންނާ ކައިވެރި ބައްލަވާގެންފައެވެ. އާދަމް ޝަރީފް އުމަރަކީ މި ތޮއްޑޫ އަލިމަނިކުގެ ކުޑަ މަނިކުގެ ކާފަދަރިއެއް ކަމަށްވާ ފައިނު ޢުމަރު މަނިކު (ކަތީބު ޢުމަރު މަނިކު) ގެ ދަރިއެކެވެ. އަދި މުޙައްމަދު ވަހީދު (ވައްޑެ) އަކީ ތޮއްޑޫ އަލި މަނިކުގެ ކުޑަ މަނިކުގެ އާދަމް މަނިކުގެ އިބްރާހިމް މަނިކުގެ އައިސާ މަނިކެގެެ ދަރިއެކެވެ.

އެ ދުވަސް ފަދައިން މިއަދު ވެސް ތޮއްޑޫ އަލިމަނިކުގެ ޢާއިލާ އަކީ ދިވެހި ޤައުމަށް ޚިދުމަތްތެރި އިސްލާހާއި އިންސާފަށް ލޯބި ކުރައްވާ އާއިލާއެކެވެ. މި އާއިލާއަަށް ދިވެހި ޤައުމު ދުއް އެތައް ޚިދުމަތްތެރިންނެއް ނިސްބަތްވެއެވެ. މަޝްހޫރު ޅެންވެރިޔާ ޔޫސުފު މުޙައްމަދު ފުޅު (އެދުރުބެ) ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ މި އާއިލާއަށެވެ. އެންދެރިމާގޭ ބޭފުޅުންނަކީ ވެސް ތޮއްޑޫ އަލިމަނިކުގެ ދޮންމަނިކުގެ ދަރިކޮޅެވެ. ފައިނު އަދި ފައިނާއި ޖެހިގެން އޮންނަ އިނގުރައިދޫއަށް ނިސްބަތްވާ ފަރާތްތަކުގެ ނަމުގެ ފަހަތަށް “މަނިކު” އަދި “ފުޅު” އަންނަނީ ސާޚީ ޚާންދާނެއް ކަމުގައިވާ މަޝްހޫރު ހުރާގޭ ދަރިކޮޅާ މި ދެރަށުގެ ރައްޔިތުންގެ ނަސަބު ގުޅިފައި ވާތީއެވެ. ފަހުރުވެރި ތާރީހެއް އޮތް ފައިނު އަނެއްކާވެސް ތާރީހުން ޖާގަ ހޯދައިފިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close