ޙަބަރު

37 އަހަރުގެ އަގުހުރި ޚިދުމަތަށް ފަހު ބަނޑޭރިބެ ވަޒީފާއިން މުސްކުޅިކޮށްފި

މުޙައްމަދު ޔޫސުފް، އަތަމާގެ، ރ.އުނގޫފާރު ގިނަ މީހުން ދަންނަނީ ބަނޑޭރި ނުވަތަ ބަނޑޭރިބެގެ ނަމުންނެވެ. އޮފީސް ތެރޭގައި ނަމަ އެއީ ސަރުދާރެވެ. މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބަނޑޭރިބެ އަކީ އަބަދުވެސް ހިނިތުންވެ ހުރެ މީހުންނާ މުޢާމަލާތްކުރައްވާ، ވަރަށް ފަސޭހައިން ކޮންމެ މީހަކު ވެސް ހެއްވާލުމުގެ ޤާބިލްކަން ލިބިފައިވާ، މަޖާ މިޒާޖެއްގެ އަދި އެހާމާ ހީވާގި ބޭފުޅެކެވެ. ފޫހި ކަމެއްނެތި ހީވާގިކަމާ އެކު 37 އަހަރާ 4 މަހާއި 17 ދުވަސް ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށް ފަހު އިއްޔެ ބަނޑޭރިބެ ވަނީ ވަޒީފާއިން މުސްކުޅިކޮށްފައެވެ.

އަންނަ އާދިއްތަ ދުވަހަށް އުމުރުން 65 އަހަރު ފުރޭ ބަނޑޭރިބެ ގިނަ މީހުން ދަންނަން ފެށީ ވެސް ދިވެހި ސަރުކާރުގެ ޚިދުމަތުގެ ތެރެއިންނެވެ. ބަނޑޭރިބެ އުނގޫފާރު.ކޮމް އާ ޙިއްސާކުރެއްވި ގޮތުގައި ބަނޑޭރިބެ އެންމެ ފުރަތަމަ ދިވެހި ސަރުކާރުގެ ވަޒީފާއަކަށް ނިކުންނެވީ މީގެ 37 އަހަރު ކުރިން ރ.އަތޮޅު ކައުންސިލް އިދާރާއަށެވެ. އޭރުގެ ނަމުން ނަމަ އަތޮޅު އޮފީހެވެ. “ބަނޑޭރިކަން” އެއީ އޭރު ދިވެހި ދަޢުލަތުގެ އޮފީސްތަކުގައި އޮންނަ ވަޒީފާއެކެވެ. ބަނޑޭރިބެ އެންމެ ފުރަތަމަ އަދާކުރެއްވީ އެ ވަޒީފާއެވެ.

ބަނޑޭރިބޭގެ ޚިދުމަތް ފެށުނު އިރު ހުންނެވި މަޤާމުގެ ނަމުން ބަނޑޭރިބެ އާ މުޙާތަބު ކުރެވުމަކީ އޭނާ އަށް ލިބޭނެ ޝަރަފެއް ކަން ޤައިމެވެ. ބަނޑޭރިބެ އަތޮޅު ކައުންސިލްގައި އަދާކުރެއްވި ވަޒީފާގެ ނަން ދެން ބަދަލުވީ “ސަރުދާރު” ގެ ނަމަށެވެ. ޢާންމުކޮށް އޮފީސްތެރޭގައި ބަނޑޭރިބެއަށް ސަރުދާރުގެ ނަމުން މުޙާތަބު ކުރެވެން ފެށީ އެހިސާބުން ކަމުގައި ބަނޑޭރިބެ މަޢުލޫމާތު ދެެއްވިއެވެ. ރ.އަތޮޅު ކައުންސިލުން ބަނޑޭރިބެގެ ޚިދުމަތް ދެން ބަދަލުވީ އުނގޫފާރު ކައުންސިލަށެވެ. އުނގޫފާރު ކައުންސިލަށް ވެސް ބަނޑޭރިބެ ވެންނެވީ ސަރުދާރުގެ މަޤާމަށެވެ.

އުނގޫފާރު ކައުންސިލްގައި މަސައްކަތް ކުރެއްވި ދުވަސް ވަރު “ސަރުދާރުން” ގެ މަޤާމު އުވުނެވެ. އެއަށް ފަހު އުފެދުނު މަސައްކަތު މީހުންގެ މަޤާމަށް ބަނޑޭރިބެ ބަދަލުކުރެއްވިއެވެ. ބަނޑޭރިބެ ބުނުއްވި ގޮތުގައި އޭނާ އަދާކުރެއްވި މަޤާމުގެ ބަދަލުވީ ހަމައެކަނި ނަމެވެ. މުސާރައާ ކުރައްވަމުން ގެންދިޔަ މަސައްކަތާ މެދު ބަހައްޓަވާ އަހަމިއްޔަތާއި، އެ މަސައްކަތުން ބަނޑޭރިބެއަށް ލިބިލައްވާ ހިތްހަމަ ޖެހުމާއި ޤައުމާއި ރަށަށްޓަކައި އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ސަރުކާރަށް ކުރެއްވި އަގު ނުކުރެވޭ ޚިދުމަތުގެ އިތުރުން ބަނޑޭރިބެ އަކީ އިޖުތިމާޢީ ރޮނގުން ވެސް އުނގޫފާރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. އުނގޫފާރުގައި ހިންގޭ އިޖުތިމާޢީ އެކި އެކި ހަރަކާތްތަކުގައި ޢަމަލީ ގޮތެއްގައި ބައިވެރިވެލައްވައެވެ. ބަނޑޭރިބެ މިއަދު ވަޒީފާއިން މުސްކުޅި ކުރެވިފައި ވީ ނަމަވެސް ބަނޑޭރިބޭގެ ތަރުބިއްޔަތުގެ ދަށުން ބޮޑުވި އެތައް ދަރިންނެއް މިއަދު ރަށަށް ޚިދުމަތް ކުރުމުގައި ދެމި އެބަތިއްބެވެ. އަދި ބަޑޭރިބެގެ ދަރިންނަކީ ވެސް ބަނޑޭރިބެ ހިންގެވި މަގުން ހިންގަވާ އިޖުތިމާޢީ ގޮތުން ރަށަށް ޚިދުމަތް ކުރެއްވުމުގައި ކެރޭ، ހީވާގި ދަރިންތަކެއް ކަން ފާހަގަކޮށްލަން ޖެއެވެ.

މުޙައްމަދު ޔޫސުފް (ބަނޑޭރިބެ) ވަޒީފާއިން މުސްކުޅި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން އުނގޫފާރު ކައުންސިލްގެ މުވައްޒަފުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން

އުނގޫފާރު ކައުންސިލުން ވަނީ ބަނޑޭރިބެ ޚިދުމަތުގެ އަގު ވަޒަންކޮށް ބަނޑޭރިބެއަށް ޝުކުރު އަދާކޮށްފައެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަނޑޭރިބެ ރަސްމީ ހައިސިއްޔަތުން ދަޢުލަތަށް ޚިދުމަތް ކުރެއްވުން ހުއްޓާލެއްވިޔަސް އުނގޫފާރު ކައުންސިލުން ބަނޑޭރިބެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މާތްﷲ ބަނޑޭރިބެ އަށް ފުރިހަމަ ސިއްޙާތާއި އާފިޔަތު މިންވަރު ކުރައްވާ، ކުރިއަށް އޮތް ދުވަސްތަކަކީ ބާއްޖަވެރި އަދި އުފާވެރި ދުވަސްތަކެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close