ރިޕޯޓް

މުޅިހަށިގަނޑު ދުޅަވެފައިވާ ނާޒިލް އަށް ތިޔަ ފަރާތުގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައި

އެއީ އެހެން ކުދިންނެކޭ އެއްފަދައިން ކުޅެލާ، ދުވެލާ މަޖާކޮށްލަން އޭނާ އެންމެ ބޭނުންވި ދުވަސްވަރެވެ. ރައްޓެހިންނާ އެކު ހީ ސަމާސާކޮށްލަން ބޭނުންވިއެވެ. މަންމަގެ އަތުގައި ހިފައިގެން ހިނގައިގަނެވުމާއެކު އުދެހެން ބޭނުންވިއެވެ. އެހެން ނަމަވެސް ކުޑަކުޑަ ނާޒިލްގެ ހުވަފެންތަކަށް ހުރަސް އެޅީ ނޭނގި ހުއްޓާ އޭނާއަށް ދިމާވި ބަލިހާލަތެވެ. ރ.ހުޅުދުއްފާރު، ހިރުނދުމާގެ، އުމުރުން އެންމެ 7 އަހަރުގެ އިބްރާހިމް ނާޒިލް މުޙައްމަދު އަށް ބަލި އެނދު އިހުތިޔާރު ކުރަން ޖެހުނީ ކުރިން ހީވެސް ނުކުރާ ގޮތްނޭގޭ ބައްޔެއްގައި ނާޒިލްގެ މުޅި ހަށިގަނޑު ދުޅަވާން ފެށުމުންނެވެ. މިކަން ފެށުނު ގޮތް ނާޒިލްގެ މަންމަ ނާސިރާ އިބްރާހިމް އުނގޫފާރު.ކޮމް އާ ޙިއްސާކުރިއެވެ.

“އެންމެ ފުރަތަމަ މިހެން ދިމާވާން ފެށީ 2017 ވަނަ އަހަރުގެ، ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު، އޭރު އަޅުގަނޑު ދަރިފުޅުގެ އުމުރުން 5 އަހަރު” ދިރިއުޅުން ބަދަލުކޮށްލި ހިތްދަތިކަން ފެށުނު ދުވަސް ހަނދާން ކުރަމުން ނާސިރާގެ ވާހަކަ ފެށިއެވެ. “ފުރަތަމަ ނާޒިލްގެ ލޮލުގެ ބޮނޑިމަތި ދުޅަވާން ފެށީ. ނިދާ ހޭލާ އިރު ހުންނަނީ ދުޅަވެފައި. ދެން ހަފުތާއެއް ވަންދެން ވެސް ބަދަލެއް ނައުމުން އުނގޫފާރު ހޮސްޕިޓަލަށް ދެއްކީ. ދެއްކީމާ އެމީހުން ބުނީ ޓޮންސިލް ދުޅަވެގެން އޭގެ އަސަރު ކިނޑުނީއަށް ކޮށްފައޭ. އޭގެ ދުޅަގަނޑު ކިޑުނީއަށް ފައިބާފައޭ. އޭގެ ފަހުން ކޮންމެ ފަހަރަކު ވެސް މި ގޮތަށް ދުޅަވަނީ. އަހަރު 2 ފަހަރު އަދި 3 ފަހަރު ވެސް މިހެން ދިމާވޭ” ނާސިރާ ކިޔައިދިނެވެ.

ނާޒިލްގެ ހަށިގަނޑު ދުޅަވާން ފެށުމުން ކޮންމެ ފަހަރަކު ވެސް އޭނާ ދައްކަމުން އައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ނާސިރާ ބުނި ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ކުރުމަށް ފަހު ކޮންމެ ފަހަރަކު ވެސް ނާޒިލްގެ ދުޅަގަނޑު އެއްކޮށް ރަނގަޅުވެ، އާންމު ހާލަތައް ރުޖޫއަވާ ކަމަށެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާތާ ދެ އަހަރު ފަހުން އެ ހޮސްޕިޓަލުން ރިކޮމެންޑް ކުރީ ނާޒިލް އިތުރު ފަރުވާއަށް މާލެ ގެންދިއުމަށެވެ. މާލެ އައިސް އައިޖީއެމްއެޗް އަށް ނާޒިލް ދެއްކި ނަމަވެސް އައިޖީއެމްއެޗް އިން ލިބެމުންދާ ފަރުވާއާ މެދު ނާސިރާ އެހާ ހިތްހަމައަށް ނުޖެހެއެވެ.

 “މިތަނުގައަ ވަޞީލަތްތައް ފުރިހަމަ ނަމަވެސް އުނގޫފާރުން ލިބެމުންދިޔަ ފަރުވާއަށް ވުރެ މިތަނުން ލިބޭ ފަރުވާގެ ފެންވަރު ދަށޭ އަޅުގަނޑު ދަންނަވާނީ. އެއީ އުނގޫފާރުގައި ނަމަ ހަފުތާއެއް ތެރޭ ބަނޑުގައި އުފެދިފައިވާ ފެން ތިރިކޮށްދޭ. މިތަނުގައި މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް މި ވަނީ. އަދި ހަމަ ބަނޑުގެ ފެންގަނޑު ތިރިކޮށްދޭ ތަނެއް ނުފެނޭ. މޫނުމަތިން ކުޑަކޮށް ރީތި ވެލާފަ އަނެއްކާ ވެސް ހަމަ ދުޅަ ވަނީ. އެ ތަނުން (އުނގޫފާރުން) ފަރުވާ ލިބިލިބި އޮއްވާ މިހެން ވާންފެށީ. މިތަނުގެ ފަރުވާ އަޅުގަނޑަކަށް ކަމަކު ނުދޭ. އުނގޫފާރު ވެސް މިއަށް ވުރެ ރަނގަޅު” އުންމީދާ އެކު މާލެ އައި ނާސިރާ އޭނާއަށް ލިބުނު މާޔޫސްކަން ޙިއްސާކުރިއެވެ.

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ނާޒިލްއަށް އެތަނުން އަޅާލުން ކުޑަކަން ނާސިރާ ފާހަގަކުރިއެވެ. ނާޒިލްގެ ބަނޑުގައި އުފެދިފައިވާ ފެން ކުރިމަތި ފަރާތަށް ފައިބައި، އޭނާގެ ފައިވަޅު ވަނީ ފާރުވެފައެވެ. އަމިއްލައަށް ތެދުވެ އުޅެވޭ ވަރަށް ވުރެ މާބޮޑަށް ނާޒިލްގެ ހާލަތު ވަނީ ގޯސްވެފައެވެ. “މިވާހަކަ އެމީހުން ކައިރި ބުނުމުން މާބޮޑު ކަމެއް ނުކުރޭ. ކަނފަގަނޑެއް ޖައްސާފަ، ފޮތިގަނޑަކުން އައްސާފަ ބާއްވަނީ. އުނގޫފާރުގައި ހަދަނީ އެހެން ގޮތަކަށް. ވީހާވެސް ބާރު ބޮކްސާއެއް ލައްވަނީ. އޭރުން ކުރިމަތި ފަރާތުގަ ހުންނަ ފެންގަނޑު ބަނޑަށް ހިނދި ކުރިމަތި ފަރާތް ފަސޭހަވޭ.” ނާސިރާ އޭނާގެ ކަންބޮޑުވުންތައް ކިޔައިދެމުން ބުންޏެވެ.

ވީހާވެސް އަވަހަށް ނާޒިލް ގޮވައިގެން ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން އިރުސާދުދީފައި ވާއިރު ނާސިރާގެ އެހާ މާލީ ތަނަވަސް ކަމެއް ނެތެވެ. ނާޒިލްގެ ފަރުވާއަށް އިންޑިއާގައި މަޑުކުރަން ޖެހޭނެ ދުވަހެއް ލަފާކުރަން ނޭނގޭ އިރު އެކޮޅުގައި ކެއުމާއި ހުރުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެއެވެ. ނާސިރާގެ 2 ވަނަ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ނާޒިލްއަށް އޭނާގެ ބައްޕަގެ ފަރާތުން ވެސް މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. ނާސިރާގެ ކުރީގެ ކައިވެންޏަށް 2 ކުދިން ލިބިފައި ވާއިރު އެ ކުދިންނަކީ އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ވަރަށް ވުރެ ކުޑަކުދިންނެވެ. ކިޔަވާ ކުދިންނެވެ. ނާޒިލްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަކަށް އެދި އާދޭސްކުރުން ނޫން ގޮތެއް ނާސިރާއަކަށް ނެތެވެ.

މި ފަދަ އެހީއަކަށް ބޭނުންވާ ފަރާތްތަކަށް ކުޑަ ނަމަވެސް އެހީއެއް ވެ ދިނުމަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި އޭގެ ސަވާބު އެތައް ގުނައަކަށް އިތުރުވާނެ ކަމެކެވެ. ނާސިރާއަށް އެހީތެރިވާން ބޭނުން ފަރާތްތަކުން ނާސިރާގެ ކޮއްކޮ އިޝާޤު އިބްރާހިމްގެ އެކައުންޓު ނަމްބަރ އަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި އެހީތެރިވާން ބޭނުން ފަރާތްތަކުން ނާސިރާގެ ނަމްބަރު 9890736 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ. އެކައުންޓުގެ ތަފްޞީލް ތިރީގައި މި ވަނީއެވެ.

އަކައުންޓު ނަމްބަރު: 7730000153142 ، އަކައުންޓުގެ ނަން: ޢިއްޝާްޤް އިބްރާހިމް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close