ކޮވިޑް-19

[covid-19-global-overview]
ޚަބަރު

ގްލޯބަލް ވެލްނެސް ޑޭ ފާހަގަކުރުމަށް އުނގޫފާރުގައި ޕްލޮގިން ރަން އެއް ބާއްވަނީ

މިއަދު ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރަމުންދާ ގްލޯބަލް ވެލްނެސް ޑޭ ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރުގައި “ޕްލޮގިން ރަން” ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތަކީ މަގުމަތީގައި ހުންނަ ކުނިތައް ނަގަމުން ކުރިއަށް ގެންދާ ދުވުމުގެ ހަރަކާތެކެވެ. މި ހަރަކާތުގައި ދުވަމުން ދާއިރު މަގުމައްޗަށް އަޅާފައިވާ ކުނި ކޮޅަކާ ދިމާވުމުން އެ ކުނި ކޮޅު ނަގާނެއެވެ.

ރ.އަތޮޅުގައި ބާއްވާ އެންމެ ފުރަތަމަ ޕްލޮގިން ރަން ކަމުގައިވާ މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ ރ.މުރަވަންދޫގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުންނެވެ. އަދި މި ހަރަކާތުގައި އުނގޫފާރުގެ ހުރިހާ މުއައްސަސާތަކެއް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:15 ގައި އުނގޫފާރު ސްޓޭޖް ސަރަހައްދުންނެވެ. ވީމާ މި ހަރަކާތުގައި ބާއިވެރިވާން ބޭނުން ފަރާތްތަކުން ޖޮގިން ކުރާ ހެދުމުގައި ސްޓޭޖް ސަރަހައްދަށް އައުމަށް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން އެދެއެވެ.

މި ހަރަކާތުގައި މުއްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އުނގޫފާރު ސްކޫލްގެ ގްރޭޑް 1 ން 12 ކިޔަވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ދުވަހަށް ޙާއްސަ ފިޔާތޮށި ކުލައިގެ ޓީޝާޓެއް ވެސް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރިސޯޓަކުން އިންތިޒާމްކޮށްގެން އުނގޫފާރުގައި މިފަދަ ހަރަކާކެއް ބާއްވާ ފުރަތަމަ ފަހަރަށް ވެފައި މި ހަރަތާކަކީ ސިއްޙަތުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި ރަށުތެރެ ސާފުކުރުން ވެސް ހިމެނޭ ހަރަކާތެއް ކަމުން މިކަމުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ.

ދުނިޔޭގެ 130 އަށް ވުރެ ގިނަ ގައުމުގައި ފާހަގަކުރާ ގްލޯބަލް ވެލްނެސް ޑޭ ފާހަގަކުރާ މީ 8 ވަނަ އަހަރެވެ. ސިއްޙީ ގޮތުން ރަނގަޅު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތައް ޕްރޮޕޯޓުކުރުމަށް ފާހަގަކުރާ މި ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގައި 2 ވަނަ އަށް އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2012 ވަނަ އަހަރު ތުރުކީގައެވެ. މި ދުވަހުގެ ޝިއާރަކީ “އެންމެ ދުވަހަކުން  މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެ” މިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close