ޙަބަރުރ.އަތޮޅު

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށައިފި

އުނގޫފާރު ސްކޫލްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. އުނގޫފާރު ސްކޫލްގައި 1 ދަންފަޅިއަށް ކިޔަވައިދެމުން ދިއުމާއެކު މި ޕްރޮގްރާމްގައި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބިގެންދާނެއެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައެވެ.

އުނގޫފާރު ސްކޫލްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް ބީލަން ހުށައެޅި 3 ފަރާތުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައި ވަނީ ޔައުޤޫބް ޔޫސުގް، ފަންގި ރ.އުނގޫފާރުގެ މެހެމާން އިންވެސްޓްމެންޓް އިންނެވެ. ޔައުގޫބް ޔޫސުފް އަކީ މީގެ ކުރިން އުނގޫފާރުގައި ރެސްޓޯރެންޓެއް ހިންގާ ފުޅާ ދާއިރާއެއްގައި ކެޓަރިން ޚިދުމަތް ދީފައިވާ ފަރާތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް މެނޫތަކެއް ތައްޔާރުކޮށްފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މި މެނޫތައް ތައްޔާރުކޮށްފައި ވަނީ ޔުނިސެފްގެ އެހީއާ އެކުއެވެ. މި މެނޫތަކުގައި ހިމެނެނީ ރޮށި، ޕާން، ބިސްގަނޑު، ކިރު، ފަތު މަސްހުނި، ބަށި މަސްހުނި، ބަރަބޯ މަސްހުނި، ތަރުކާރީ މަސްހުނި،  ބޭކަޑްބީންސް، ސޭންޑްވިޗް، ޗީޒް ސޭންޑްވިޗް، އަދި ޕީނަޓްބަޓަރއެވެ.

އަނގޮޅިތީމް ސްކޫލްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ފަށާފައި

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ތާޖުއްދީން ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޙާއްސަ ހަފުލާއެއްގައި ނައިބު ރައީސް ފައިސަން ނަސީމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވަނީ މި ޕްރޮގްރާމުގެ އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިރު ނުކުއިން ނަތީޖާ ޙިއްސާކުރައްވާފައެވެ. އެ ގޮތުން ގަޑި ޖެހިގެން އަންނަ ކުދިންގެ އަދަދު މަދުވުމާއި، ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން އިތުރުވުމާއި، އެސެންބުލީގައި އަަނބުރައިގަނެގެން ވެއްޓުމާއި، ބަނޑާއި ބޮލުގަ ރިއްސުން ފަދަ ކަންކަން މަދުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދެކެވެ. މީގެ ކުރިން މި ޕްރޮގްރާމުގެ އަޖުމަ ބެލުމުގެ ގޮތުން ކޮންމެ އަތޮޅެއްގެ ވެސް ކޮންމެ ވެސް 1 ސްކޫލެއް ހިމެނޭ ގޮތަށް 25 ސްކޫލަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ތައާރަފުކޮށްފައިވެއެވެ. މި ގޮތުން ރ.އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރ.މީދޫގައި ހުންނަ ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close