ސިޔާސީ

އިންސާފު ލިބުމަށް އެދި ކުރާ އާދޭސް ވައްޑެގެ ދުލުން

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވެފައިވާ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ވަހީދު މިއަދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުގައި ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރައްވަމުން އަސަރުން ފުރިގެންވާ މާނަ ފުން މެސެޖެއް ދެއްވައިފިއެވެ. ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން ހުށައަޅުއްވާފައިވާ، ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަށް ބަހުސްކުރައްވަން ލިބުނު ފުރުސަތުގައި ވައްޑެގެ ވާހަކަފުޅު ވެއްޓެވީ 2012 ވަނަ އަހަރު އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް ވަރަށް އަނިޔާވެރިކޮށް ޝަހީދުކޮށްލެވުނު ޑރ.އަފްރާޝީމް ޢަލީގެ ހަނދާން އާކުރައްވަމުންނެވެ.

” މިތާ އުނގޫފާރު ދާއިރާގެ ގޮނޑީގަ އަޅުގަނޑު މި އިންނަނީ ވަރަށް ބަރު ހިތަކާ އެކީ. ތަންކޮޅެއް ކުރިން މި ގޮނޑީގަ މިތާ އިންނެވި އިއްޒަތްތެރި މެންބަރަކު  ދައުރުގެ މެދުތެރެއިން އެއް ރެއެއްގެ ދަންވަރުގެ ތެރޭގަ ވަނީ ވަރަށް ވަރަށް ވަރަށް އަނިޔާވެރިކޮށް ޤަތުލުކޮށްލެވިފައ. އިއްޒަތްތެރި ރައީސް. އެ ބިރުވެރި، އެ ނުރައްކާތެރި ގަތުލު އައި އިރުގަ މަރުހޫމް ޑރ.އަފްރާޝީމް ޢަލީގެ ލޮބުވެތި ބައްޕާފުޅު ހަމަ ރީތިކޮށް ހެލިފެލިވެ ރަނގަޅަށް ހިނގާ ބިނގާވެ އުޅުނު ބޭކަލެއް. އެ ޝޮކުގަ، އެ ހިތާމާގަ ވާއެއް ނުވާއެއް ނޭގުމުގަ، އިންސާފު ލިބިމުގެ އުންމީދުގަ، ދުނިޔެ އަޅާ ގޮއްސި. އިއްޒަތްތެރި ރައީސް. އެ ހާދިސާ ހިނގި އިރު އަނެއް ދުވަހު ޖަނާޒާއިން ފެނުނު މަރްހޫމް ޑރ.އަފްރާޝީމް އަލީގެ ތުއްތު ދަރިފުޅު ތަސައްރަފު ފުރި މިދިޔަ 2 އިންތިޚާބުގަ ވޯޓުވެސް ދީފި، އަދިއަކު އިންސާފެއް ނުލިބޭ، އިއްޒަތްތެރި ރައީސް، 3 ރައީސުން އޭގެ ފަހުން ރާއްޖޭގެ ރައީސްކަން މިހާރު އެ ކުރައްވަނީ،  4 ހޯމް މިނިސްޓަރުން ބަދަލުވެއްޖެ، 3 ޕްރޮސެކިއުޓާރ ޖެނެރަލުން ބަދަލުވެއްޖެ. 5 ކޮމިޝަނާ އޮފް ޕޮލިސް އިން ބަދަލުވެއްޖެ. އަދިޔަކު އިންސާފެއް ނުލިބޭ.”

ވައްޑެގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ ޑރ.އަފްރާޝިމް އަލީ އަކީ ނިކަމެތި އާއިލާއަކުން އުފަންވެ އަމިއްލަ މަސައްކަތުން ދުނިޔޭގެ ފެންވަރަށް ކިޔަވާ މުޅި ރާއްޖެ ފަހުރުވެރިވާފަދަ ދަރިއަކަށްވި ބޭފުޅެއްކަމަށާއި އެހެން ނަމަވެސް ޑރ.އަފްރާޝީމް ވަނީ ބައެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައި ކަމަށެވެ.

” އިއްޒަތްތެރި ރައީސް. ދަރިއަކު ވިހާ، އެ ދަރިއަކާ ދޭތެރޭ އެތައް އުންމީދެއްކޮށް، އެތައް ގުރުބާނީއެއްކޮށް، ކޮންމެ ސިކުންތަކު ކޮންމެ މިނަޓަކު އަޅާލުން ދީގެން ބޮޑުކޮށް ފަގީރު ނިކަމެތި އާއިލާ އާއިލާގެ ކުދިން އަމިއްލަ މަސައްކަތުން ކިޔަވާ، ދުނިޔޭގެ ފެންވަރަށް ކިޔާވާ، މުޅި ގައުމު ފަހުރުވެރިވާ ފަދަ މީހަކަށް ވެގެން އައިސް އެއްރެއެއްގެ ދަންވަރު ހަމަ ކުއްލިއަކަށް ބައެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ މަރާލެވުނީ.” ވައްޑެ ވިދާޅުވިއެވެ.

އިންސާފު ނުލިބި ދިގުލައިގެން ދިއުމަކީ އިންސާފު ނުލިބުން ކަމުގައި ފާހަގަ ކުރައްވަމުން ވައްޑެ ވިދާޅުވީ މި ދިޔަ ދުވަސްތަކުގައި ގޮތް ނޭގޭ އެތައް މަރެއް ހިނގާފައިވާ ކަމަށެވެ. ވައްޑެ ވާހަކަފުޅުގައި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލެވުނު ހާދިސާއާއި ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލެވުނު ހާދިސާ ފާހަގަކުރައްވާފައެވެ. ” މުޅި ގައުމު، އަޅުގަނޑުމެން އެންމެން ފަހުރުވެރުވެރިވާ ފަދަ ނިކަމެތި އާދައިގެ އާއިލާތަކުން އުފަންވާ ކުދިން ވީނުވީއެއް ނޭނގި ގެއްލުން. އަމިއްލަ ގެއަށް، އަމިއްލަ މައިންބަފައިން ދެކެން ވަދެވަދެ ހުއްޓާ،  އެންމެ ފަހަރަކު ނޫނޭ އިނގޭތޯ، 40 ފަހަރު، އެކެއް، ދޭއް، ތިނެއް، ހަތަރެއް…ފަހެއް… 40 ފަހަރު ވަޅި ޖަހައިގެން ގަތުލުކޮށްލުން. މިއީ ފަރުޖައްސާލައިގެން، އަޅުގަނޑުމެން، ހަމަ މިހެން ވާހަކަދައްކާލައިގެން މިހެން ޓައިއަޅައިގެން ޕްލެޓްފޯމް އަންނަންދެން ތިބެން ޖެހޭ މައްސަލައެއް ނޫން އިއްޒަތްތެރި ރައީސް. އެތައް އާއިލާއެއްގެ މި ވޭނުގަ، މި ހިތާމާގަ އެތައް އާއިލައެއްގެ ހިތް ފާރުވެފަ މިއޮތީ. ގައުމު ފާރުވެފަ މިއޮތީ” ވައްޑެ ވިދާޅުވިއެވެ.

ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަކީ މިދިޔަ ދުވަސްތަކުގައި މަރާލެވުނު މީހުންނާއި ގެއްލުވާލެވުނު މީހުންގެ މައްސަލަތައް ބަލާ ތަހުޤީގު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ކޮމިޝަން ހިމެނޭ ގޮތަށް ރައީސް ޞާލިހު އުފައްދަވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލެވެ. ވައްޑެ ވަނީ އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ވައްޑެގެ ވާހަކަފުޅު

“އަޅުގަނޑުވެސް މި މަޖިލީހުގަ ވާހަކަދައްކާ ފުރަތަމަ ދުވަސް ކަމަށް ވުމާއެކުގަ އަލުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް، މާކުރަތު، އުނގޫފާރު އަދި ހުޅުދުއްފާރުގެ އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. އިއްޒަތްތެރި ރައީސް. މިތާ އުނގޫފާރު ދާއިރާގެ ގޮނޑީގަ އަޅުގަނޑު މި އިންނަނީ ވަރަށް ބަރު ހިތަކާ އެކީ. ތަންކޮޅެއް ކުރިން މި ގޮނޑީގަ މިތާ އިންނެވި އިއްޒަތްތެރި މެންބަރަކު  ދައުރުގެ މެދުތެރެއިން އެއް ރެއެއްގެ ދަންވަރުގެ ތެރޭގަ ވަނީ ވަރަށް ވަރަށް ވަރަށް އަނިޔާވެރިކޮށް ޤަތުލުކޮށްލެވިފައ. އިއްޒަތްތެރި ރައީސް. އެ ބިރުވެރި، އެ ނުރައްކާތެރި ގަތުލު އައި އިރުގަ މަރުހޫމް ޑރ.އަފްރާޝީމް ޢަލީގެ ލޮބުވެތި ބައްޕާފުޅު ހަމަ ރީތިކޮށް ހެލިފެލިވެ ރަނގަޅަށް ހިނގާ ބިނގާވެ އުޅުނު ބޭކަލެއް. އެ ޝޮކުގަ، އެ ހިތާމާގަ ވާއެއް ނުވާއެއް ނޭގުމުގަ، އިންސާފު ލިބިމުގެ އުންމީދުގަ، ދުނިޔެ އަޅާ ގޮއްސި. އިއްޒަތްތެރި ރައީސް. އެ ހާދިސާ ހިނގި އިރު އަނެއް ދުވަހު ޖަނާޒާއިން ފެނުނު މަރްހޫމް ޑރ.އަފްރާޝީމް އަލީގެ ތުއްތު ދަރިފުޅު ތަސައްރަފު ފުރި މިދިޔަ 2 އިންތިޚާބުގަ ވޯޓުވެސް ދީފި، އަދިއަކު އިންސާފެއް ނުލިބޭ، އިއްޒަތްތެރި ރައީސް، 3 ރައީސުން އޭގެ ފަހުން ރާއްޖޭގެ ރައީސްކަން މިހާރު އެ ކުރައްވަނީ،  4 ހޯމް މިނިސްޓަރުން ބަދަލުވެއްޖެ، 3 ޕްރޮސެކިއުޓާރ ޖެނެރަލުން ބަދަލުވެއްޖެ. 5 ކޮމިޝަނާ އޮފް ޕޮލިސް އިން ބަދަލުވެއްޖެ. އަދިޔަކު އިންސާފެއް ނުލިބޭ. އެ ސަބަބަށްޓަކައި ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޅުގަނޑުގެ އަޚް މުޙައްމަދު ރަޝީދު ހުސެއިން ހުށައަޅުއްވާފއިވާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލަށް ފުރިހަމައަށް އަޅުގަނޑު ތާއީދުކުރާ ވާހަކަ ދަންނަވަން. އިއްޒަތްތެރި ރައީސް. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ކޮންމެ މީހަކު ބޭނުން ވަރަށް އަސާސީ ހައްގެއް އެއީ ތެދު އޮޅުން ފިލުވުމުގެ ހައްޤު. ހަޤީގަތް އެނގުމުގެ ހައްގު. މި ރާއްޖޭގަ އަޅުގަނޑުމެން މުޅި ދުނިޔެއަށް އިސްތިހާރު މި ކުރަނީ ސަނީ ސައިޑު އޮފް ލައިފޭ ކިޔާފަ. ދުނިޔޭގެ އަވިދޭ ފަރާތް. ނުވަތަ ހަޔާތުގެ އަލި ލިބޭ ފަރާތޭ ކިޔާފަ. ދުވަސްތަކެއް ވެއްޖެ މި އަލި ލިބޭ ފަރާތް އަލި ނުވަންނަ އަނދިރި ދައުލަތެއް ގޮތުގަ ހިނގަމުންދާތާ. އަޑި ނޭނގޭ ބިރިވެރި ނާމާން އެތައް ކަމެއް ހިނގަމުންދާތާ . އަޅުގަނޑުމެންނަށް އަޑު އިވެނީ ޑރ.އަފްރާޝީމް އަލީއާ އެކީގަ، އެ މަރާ އެކީގަ އޭގެ ފަހުން އެތައް އެތައް މަރެއް އެމަރާ ގުޅިގެން ހިނގައިގެން ގޮސްފިކަމަށް. 40 އަކަށް މީހުން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ޤަތުލުކޮށް އެއްލާލެވިއްޖެ. އިއްޒަތްތެރި ރައީސް. ދަރިއަކު ވިހާ، އެ ދަރިއަކާ ދޭތެރޭ އެތައް އުންމީދެއްކޮށް، އެތައް ގުރުބާނީއެއްކޮށް، ކޮންމެ ސިކުންތަކު ކޮންމެ މިނަޓަކު އަޅާލުން ދީގެން ބޮޑުކޮށް ފަގީރު ނިކަމެތި އާއިލާ އާއިލާގެ ކުދިން އަމިއްލަ މަސައްކަތުން ކިޔަވާ، ދުނިޔޭގެ ފެންވަރަށް ކިޔާވާ، މުޅި ގައުމު ފަހުރުވެރިވާ ފަދަ މީހަކަށް ވެގެން އައިސް އެއްރެއްގެ ދަންވަރު ހަމަ ކުއްލިއަކަށް ބައެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ މަރާލެވުނީ. މުޅި ގައުމު، އަޅުގަނޑުމެން އެންމެން ފަހުރުވެރުވެރިވާ ފަދަ ނިކަމެތި އާދައިގެ އާއިލާތަކުން އުފަންވާ ކުދިން ވީނުވީއެއް ނޭނގި ގެއްލުން. އަމިއްލަ ގެއަށް، އަމިއްލަ މައިންބަފައިން ދެކެން ވަދެވަދެ ހުއްޓާ،  އެންމެ ފަހަރަކު ނޫނޭ އިނގޭތޯ، 40 ފަހަރު، އެކެއް، ދޭއް، ތިނެއް، ހަތަރެއް…ފަހެއް… 40 ފަހަރު ވަޅި ޖަހައިގެން ގަތުލުކޮށްލުން. މިއީ ފަރުޖައްސާލައިގެން، އަޅުގަނޑުމެން، ހަމަ މިހެން ވާހަކަދައްކާލައިގެން މިހެން ޓައިއަޅައިގެން ޕްލެޓްފޯމް އަންނަންދެން ތިބެން ޖެހޭ މައްސަލައެއް ނޫން އިއްޒަތްތެރި ރައީސް. އެތައް އާއިލާއެއްގެ މި ވޭނުގަ، މި ހިތާމާގަ އެތައް އާއިލައެއްގެ ހިތް ފާރުވެފަ މިއޮތީ. ގައުމު ފާރުވެފަ މިއޮތީ..”

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close