ދީން

ތިޔައީ ކޮން ކަހަލަ ލޯތްބެއް ހެއްޔެވެ؟

އަގު ބޮޑެތި ޖަވާހިރާއި ބުރަ މަސައްކަތްކޮށްގެން ހޯދާ ރުފިޔާ ކޮޅު ފޮރުވައިގެން ތިޔަ ގެންގުޅެނީ ކީއްވެހެއްޔެވެ؟ ތިބާގެ އަތުގައި ހުރީ ކިހާވަރެއްގެ އަގުހުރި ޖަވާހިރެއްކަން މީހަކަށް އެނގިދާނެތީ ބޮޑު ފޮއްޓަށް ލައިގެން ފޮރުވައިގެން ގެންގުޅޭ ފަދައިން ތިބާގެ ހަލާލު އަނބިމީހާގެ އައުރަ ނިވާނުކޮށް މަގުމައްޗަށް ތިޔަ ނެރެނީ ތިބާ އެހާ ލޯބިވެގެން ކައިވެނިކުރި ހަލާލު އަނބިމީހާގެ އެއްވެސް އަގެއް ނެތީހެއްޔެވެ؟ ނޫނީ އަނބިމީގާ މަތިން ފޫހި ވަނީ ހެއްޔެވެ؟ ނޫނީ ތިބާގެ ބޮޑައިކަމާއި ކިބުރުވެރިކަމުން ތިބާގެ އަނބިމީހާގެ ރީތިކަން ހިލޭ ފިރިހެނުންގެ މެދުގައި އިސްތިހާރު ކުރަން ބޭނުންވަނީ ހެއްޔެވެ؟ ނިކަން ވިސްނާލަ ބަލާށެވެ. އައުރާ ނިވާ ނުކުރާ އަންހެނާއަށް ސުވަރުގޭގެ ވަސްވެސް ނުޖެހޭނެ ކަން ހަދީޘްތަކުން ސާބިތުވެގެން އެނގެން އޮންނައިރު ތިބާ އެހާ ލޯބިވާ ދޫނި ނަރަކައިގެ އަލިފާނުގައި އަނދައަނދާ އޮންނަން ތިބާ ބޭނުންވަނީ ހެއްޔެވެ؟ ތިޔައީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟

އަންހެނުން އައުރަ ނިވާކޮށް ފިރިހެނުން ބެލުންތައް ތިރިކުރުމަށް އަންގަވާފައި ވީނަމަވެސް މި މުތުތަމަޢު މި ދަނީ މި އަމުރުފުޅުތައް ބޮލާލާ ޖަހަމުންނެވެ. ރަށުގެ މީހުން ބުރުގާ އަޅާތީ، ބުރުގާ ނާޅާ ހުރުމުން ކިޔާފާނެ ފާޑު ކިޔުމަކަށް ލަދުގަނެ، އެކަމުން ސަލާމަތްވުމަށްޓަކައި އެކި ޒާތުގެ ކުލަޖައްސާ، ގައިގެ ހަމުގެ ކުލަ ފާޅުވެ އެނގުންވާ ގޮތަށް، ހަށިގަނޑުގެ ވަނާތައް ފާޅުވާގޮތަށް، ތިޔަ ބުރުގާ އަޅަނީ ތިމަންނަ މިހުރީ އައުރާ ނިވާކޮއްގެންނޭ ބުނަން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ތިޔަ ހީކުރެވެނީ ކުއްހީއެވެ. ތިޔަ ކުރެވެނީ ދީނަށް މަލާމާތެވެ. ތިޔަ ދަނީ ޤުރްއާނާ ރަސޫލާގެ ހަދީޘްތަކަށް ގޮންޖަހަމުންނެވެ. ލޯބިވާންވީ ދުނިޔެވީ އުފާތައް ދެކެއެއް ނޫނެވެ. ދެ ދުނިޔޭގެ ވެސް އުފާތައް ދެކެއެވެ. ހެޔޮނުވާނެއެވެ. ތިބާގެ ހަލާލު އަނބިމީހާ މަގުމައްޗަށް ނެރޭ ހިނދު ނުބައި ނުލަފާ ލޯތަކުން ސަލާމަތްކުރާށެވެ. އަނބިމީހާއަށް  2 ދުނިޔޭގައި ވެސް ހެޔޮގޮތް ވުމަށް ނޭދޭ ނަމަ ތިޔަ ވަނީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟

އޭ ކަނބަލުންނޭވެ. ތިޔަ ކަނބަލުންގެ ޒީނަތްތައް ހަލާލު ފިރިމީހާގެ ކުރިމަތީގައި ފިޔަވާ ފާޅުކުރުން ހަރާންވެގެން ވާއިރު ހިތުގައި އެއްވެސް ބިރެއް ނެތި ހިތުހުރި ގޮތަކަށް ހެދުން އަޅައިގެން ހިލޭ ފިރިހެނުން ކުރިމަތީގައި ތިޔަ އުޅެނީ ނަރަކައިގެ އަޒާބަށް ބިރު ނުގަންނާތީހެއްޔެވެ؟ ތިބާގެ އައުރަ ނިވާ ކުރަންވީ ފިރިމީހާއަށްޓަކައި ނުވަތަ މަންމައަށްޓަކައެއް ނޫނެވެ. ތިބާ ހެއްދެވި ތިބާގެ ރައްބު ﷲ އަށްޓަކައެވެ. ތިބާގެ އައުރަ ނިވާކޮށްގެން ތިބާގެ ކިބައިން އުނިވާނެ އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ތިބާގެ އައުރާ ހިލޭ ފިރިހެނުންނަށް ފާޅުކޮށްގެން ހަމަ ގައިމުވެސް ވޭންދެނިވި އަޒާބު ލިބޭނެ ކަން ދަންނާށެވެ. ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. މަރުވުމުގެ ކުރިން ހެޔޮ ތައުބާއަކުން ތައުބާވެ އިސްލާމީ ޒިޏަތުން ޒީނަތްތެރިވާށެވެ. ބޮޑުވެގެންވާ ކާމިޔާބާ ނަސީބު ލިބެން ހުރީ އޭރުންނެވެ. މިފަދަ ބޮޑު ނަސީބެއް ލިބެން އޮއްވާ ފިރިން އެމީހުންގެ އަނބިން ނަރަކައިގެ ދަރަށް ތިޔަ ހަދާލަނީ ލޯބިވާތީ ހެއްޔެވެ؟ ތިޔައީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close