ޚަބަރު

އުނގޫފާރު ސްކޫލުގައި ބައްޕައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަދު ފާހަގަކުރާ ދުނިޔޭގެ ބައްޕައިންގެ ދުވަސް އުނގޫފާރު ސްކޫލްގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އުނގޫފާރު ސްކޫލްގައި ވަނީ ފޯރި ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ ބައްޕައިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތައް އޮތީ މިއަދު ހަވީރު 16:30 އިން 18:00 އަށް އުނގޫފާރު ސްކޫލްގައެވެ.

ބައްޕައިންގެ ދުވަސް 2019 ފާހަގަކުރުމަށް އުނގޫފާރު ސްކޫލްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން – ފޮޓޯ: މައުރޫފު މޫސާ

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްގެ ފިރިހެން ބެލެނިވެރިން އެކި ގުރޫޕުތަކަށް ބަހާލައިގެން ގުރޫޕުތަކުގެ މެދުގައި އެކި ކަހަލަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ދަނޑިރޭހާއި، ބާލިދީއަށް ފެން އެޅުމުގެ ކުޅިވަރަކާއި އަދި ވެސް އެހެނިހެން ކުޅިވަރުތައް ކުރިއަށް ދިޔައެވެ. މި ކުޅިވަރުތަކުގައި އެކި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމުވެސް ދީފައިވެއެވެ.

ބައްޕައިންގެ ދުވަސް 2019 ފާހަގަކުރުމަށް އުނގޫފާރު ސްކޫލްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން އެކި ހަރަކާތްތަކުން ވަނަތައް ލިބުނު ފަރާތްތަކަށް އިނާމު ދިނުން – ފޮޓޯ: މައުރޫފު މޫސާ

މި ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ދިޔަ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ދަރިވަރުން ބައްޕައިންނަށް، ދުވަހުގެ ތަހުނިޔާ އާއި ހިތުގައިވާ ލޯބި ބަޔާންކޮށް ލިޔެފައިވާ ތަފާތު މެސެޖުތައް ހިމެނޭ ކާޑުތަކެއް އަތުރާލުމަށް ފަހު ބައްޕައިން އެ މީހެއްގެ ދަރިއަކު ލިޔެފައިވާ ކާޑު ހޯދަން ޖެހޭ ގޮތަށް ގެންދިޔަ ހަރަކާތެކެވެ. މި ކާޑުތަކުގައި ދަރިވަރުން ވަނީ ތަފާތު އެކި ކަހަލަ ޝުއޫރުތައް ފާހަގަކޮށްފައެވެ.

ބައްޕައިންގެ ދުވަސް 2019 ފާހަގަކުރުމަށް އުނގޫފާރު ސްކޫލްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ފަރާތުން ބައްޕައިންނަށް ދުވަހުގެ ތަހުނިޔާ އާއި އެކި ޝުއޫރުތައް ފާޅުކޮށްފައިވާ ކާޑުތަކެއް ވަނީ ބަހާގައި – ފޮޓޯ: މައުރޫފު މޫސާ

މިއީ އުނގޫފާރު ސްކޫލުން ބައްޕައިންގެ ދުވަސް ފާހަގަކުރި އަދި އުނގޫފާރުގައި ވެސް މިފަދަ ގޮތަކަށް ބައްޕައިންގެ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ. އުނގޫފާރު ސްކޫލުން މަޢުލޫމާތުދިން ގޮތުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ބައްޕައިންގެ ރޯލް ބޮޑުވެފައި ބައްޕައިން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ހިއްވަރު ދިނުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close