ދުނިޔެ

މުރުސީއާ އެކު މިސްރުން ޑިމޮކްރަސީއަށް ކުރި އުންމީދު ކަފުންކޮށް ވަޅުލައިފި

މިސްރުގައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބު ކުރެވުނު ހަމައެކަނި ރައީސް ޑރ. މުޙައްމަދު މުރުސީ ޢީސާ އަލް ޢާޔާތު އަވަހާރަވި ހަބަރާ އެކު މުޅި އިސްލާމީ އުންމަތް މި ދަނީ ކަރުނަ އަޅަމުންނެވެ. މިއަދަކީ ޑިމޮކްރަސީގެ ހަޔާތުގައި ލަދު، ހުތުރު ދުވަހެކެވެ. ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައެއް ބާރުގަދަ ފަރާތްތަކުން އެ ވަހާކަތައް ދައްކަނީ އެބައިމީހުންގެ މަސްލަހަތަށް ކަން އިތުރަށް ހާމަވެ، ބޭޒާރުވި ދުވަހަކެވެ. މިއީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އެ ފަރާތްތައް ލަދުވެތި ވާން ޖެހޭ ދުވަހެކެވެ.

މުރުސީއަކީ ހުސްނީ މުބާރަކުގެ 30 އަހަރުގެ ދިގު ހުދު މުހުތާރު އަދި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަން މިސްރުގެ އެތައް މިލިއަން ރައްޔިތުންނެއް އޭރު ރެޔާ ދުވާލު ކުރި މުޒާހަރާތަކާއި ކުރި އުންމީދުތަކަށް ނިމުމެއް ގެނެސް ޑިމޮކްރަސީގެ ދަންމަރު މިސްރުގައި ރޯކޮށް މިސްރުގެ ކުރިމަގު އުޖާލާކޮށް ދިން ލީޑަރެވެ. ހުސްނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް މިސްރުގެ އެތައް މިލިއަން ރައްޔިތުންނެއް މަގުތަކަށް ނިމުމެ މިސްރުގެ އައް ތަހުރީރު މައިދާން ފުރާލާ ކުރަމުން ދިޔަ މުޒާހަރާތަކަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އޭރު ތާއީދު ކުރިއެވެ. މިސްރުގެ ތާރީހު ބަދަލުކޮށްލި އިންޤިލާބު ގެނައި މި މުޒާހަރާތައް ލީޑު ކުރެއްވި އިޚްވާނުލް މުސްލިމީން ޕާޓީ ނުވަތަ މުސްލިމް ބްރަދާހޫޑްސް އަށް ވެސް އޭރު ހުޅަނގު ޤައުމުތަކުގެ ސަޕޯޓު ލިބުނެވެ.

ހުސްނީ މުބާރަކުގެ ވެރިކަން ވެއްޓި މިސްރުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިނިވަން އިންތިހާބު މުރުސީ ކާމިޔާބު ކުރެއްވުމުން ހުޅަނގުގެ ގައުމުތަކުން އެއީ ދުނިޔޭގެ ތާރީހުގައި ބޭއްވުނު އެންމެ ދެފުއް ފެންނަ، އެންމެ މިނިވަން ކަމާއެކު ބޭއްވުނު އެއް އިންތިހާބު ގޮތުގައި ސިފަކޮށް ހުޅަނގުގެ ލީޑަރުން ސަނާތައް އޭރު އޮހެމުން ދިޔައެވެ. އެހެން ނަމަވެސް އެމެރިކާ އާއި އިޒްރޭލުން އެދޭ ފަދައިން މުރުސީ އެމީހުންގެ އުނގަށް ވެއްޓި ވަޑައިގެން އެބައިމީހުންގެ ޕަޕެޓަކަށް ނުވިއެވެ. މަންޒަރު ބަދަލުވާން ފެށީ އެހިސާބުންނެވެ. އެމެރިކާ އާއި އިޒްރޭލްގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔައީ މުރުސީ އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި މިސްރާއި ގައްޒާ ގުޅޭ ބޯޑަރު ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހުޅުވާލައްވާ، ފަލަސްތީނާ އެކު ގާތްގުޅެމެއް ބާއްވަވާ، އިޒްރޭލުގެ ލާއިންސާނީ އަނިޔާތަކާ ފާޅުގައި ދެކޮޅު ހައްދައްވަން ފެއްޓުވުމުންނެވެ.

މުރުސީގެ ވެރިކަމުގައި އިޙްވާނުލް މުސްލިމޫން ޖަމާއަތުން މިސްރުގެ ބޮއްސުން ލާފައިވާ ޝަރުއީ ދާއިރާ އިސްލާހު ކުރަން ގިނަ މަސަކަތްތަކެއް އޭރު ކުރެއްވިއެވެ.  މުރުސީގެ ޝަރުކާރުން ޤާނޫނި އަސާސީ އިސްލާހުކޮށް ބީވެ ވަޅު ޖަހަމުން ދިޔަ އިސްލާމީ ޝަރީއަތް ދިރުވާ އިސްލާމީ އުސޫލްތައް އެ ޤައުމުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެއްވިއެވެ. މިކަން މިސްރުގެ ސެކިއުލާ ފިކުރުގެ މުސްލިމުންނަށް އެހާ ކަމުދާ ކަމަކަށް  ނުވިއެވެ. މުރުސީގެ ވެރިކަމަށް އެއް އަހަރު ވެފައި ވަނިކޮށް އަނެއްކާ ވެސް މިސްރުގެ ވެރިކަން ބަދަލުކުރަން ބަޔަކު ނިކުތުގެ އެއް ސަބަބަށް މިކަން ވިއެވެ.

އިސްލާމީ ޝަރިއަތް ޤާއިމް ކުރުމުން މިސްރުގައި ރާ ވިއްކާ ފަރާތްތަކުން އެބައި މީހުންގެ ވިޔަފާރި ހުއްޓިދާނެ ކަމަށް ބިރުގަތެވެ. ފަތުރުވެރިކަމަށް ހީނަރުކަން އައިސްދާނެ ކަމަށް ވެސް މިކަމާ ދެކޮޅުހެދި ފަރާތްތަކުން ބުނަމުން ދިޔައެވެ. އެހެން ނަމަވެސް އިޚްވާނުން މުސްލިމީން ޖަމާއަތުން ބޭނުންވީ މިސްރުގައި އިސްލާމީ ޝަރިއަތް ޤާއިމްކޮށް މިޝްރުގެ ވީދިފައި އިޖުތިމާއީ ފޭރާން ރަނގަޅު ކުރާށެވެ. “މުޖުތަމައަށް ލިބޭ ކޮންމެ ފައިދާއެއް ލިބެން އޮތީ ﷲ ގެ ޝަރީއަތް ޤާއިމްކޮއްގެންނެވެ.”  އިޚްވާނުން މުސްލިމޫންގެ ޑިރެކްޓަރ ޝެއިޚް އަބްދުއް ރަޙުމާން އަލް ބަރް ވިދާޅުވިއެވެ. މުރުސީ އިސްލާމީ ޝަރީއަތް ޤާއިމްކުރަން ކުރަމުން ދިޔަ މަސައްކަތްތަކަށް ދެކޮޅު ހެދި ފަރާތްތަކުން ބުނަމުން ދިޔައީ އަންހެނުން ބުރުގާ އެޅުން މަޖުބޫރުކޮށް އެމީހުންގެ މިނިވަންކަން ނަގާލަން މުރުސީގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. މުއިޒިކާއި މުނިފޫހި ފިލުވުން ހުއްޓުވާނެ ކަމަށެވެ. އޭގެ ރައްދުގައި އިޚްވާނުލް މުސްލިމޫން އިން ބުނަމުން ދިޔައީ އިސްލާމީ ޝަރިއަތް ގާއިމް ކުރަނީ މިސްރުގައި ވަކި ހިއްޕާލާފައިވާ ކަރަޕްޝަނާއި ޒަމާންވީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އަދުލު އިންސާފު ޤާއިމް ކުރާށެވެ. އަންހެނުން އައުރަ ނިވާކުރުން ފަދަ ކަންކަން ދިރުވާނީ ނަސޭހަތާއި ދަރުސްތަކުން ކަމަށެވެ. އެކަމަކީ ގަދަ ބާރުން ކުރަން އުޅެއްޖެ ނަމަ އެހާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް ވެސް އިޚްވާނުން މުސްލިމޫންގެ ވެރިން ބުންޏެވެ.

30 އަހަރުން ވީރާނަ ވެފައިވާ ޤައުމު އާރާސްތު ކުރަން އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް މުރުސީއަށް ނުލިބި އުޅެނިކޮށް އަނެއްކާވެސް މިސްރުގެ ސިޔާސީ މަސްރަހު ބަދަލުވިއެވެ. މިސްރުގެ އަސްކަރިއްޔާގެ އޭރުގެ ވެރިއާ އަދި މިހާރުގެ ރައީސް އަވްދުލް ފައްތާޙް އައްސީސީ އިސްވެ ހުންނަވާ ބޮޑު އަސްކަރީ ބަޤާވާތެއްކޮށް މިސްރުގެ އިންތިހާބީ ސަރުކާރު ވައްޓާލިއެވެ. އަސްކަރިއްޔާ އިސްވެ އޮވެ މިސްރުގެ ބައެއް ސިއާސީ ފަރާތްތަކާ އެކު ކުރި މި ބަޤާވާތައް އެމެރިކާ އާއި އިޒްރޭލްގެ މަދަދުގާރުންގެ ގޮތުގައި ހިމެނޭ ގަލްފުގެ ބައެއް ގައުމުތަކުން ފުރިހަމަ އެއްބާރުލުން ވެސް ލިބުނެވެ. އަބުދުލް ފައްތާހު އައް ސީސީ އިސްވެ ހުންނަވާ ގެނައި އަސްކަރީ ބަޤާވާތާ ދެކޮޅަށް ނިކުތް މިސްރުގެ އެތައް ހާސް ރައްޔިތުންގެ ތެރެއަށް ސަލާމަތީ ބާރުތަކުން އަރައިގަތީ އެއްވެސް ރަހުމެއް އިންސާނިއްޔަތުކަމެއް ނެތިއެވެ. މިސްރުގެ އެތައް ހާސް ބަޔަކު އަނިޔާވެރިކޮށް މަރާލާ ގެއްލުވާލި މި ހާދިސާ އެމްނެސްޓީ އިންޓަނޭޝަލް އިން ސިފަކޮށްފައި ވަނީ މުޒާހަރާއަކަށް ހަމަލާދީ ދުނިޔޭގެ ތާރީހުގެ އެންމެ ގިނަ ބަޔަކު އެއްދުވަހުން މަރާލި އެއް ހާދިސާ ކަމުގައެވެ.

ވެރިކަން ވެއްޓުމަށް ފަހު އިޚްވާނުލް މުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ގޮތުގައި ކަނޑައެޅުނެވެ. އަދި މުރުސީއާ ދެކޮޅަށް އެތައް ދައުވާއެއްކޮށް އޭނާ މަރަން ހުކުމް ކުރިއެއެވެ. އޭރު މަރުގެ ހުކުމާ ދެކޮޅު ހަދަމުން ދިޔަ ހުޅަނގުގެ ލީޑަރުން ތިބީ ހެވިފައި އަތް ޖަހާށެވެ. މިކަމާ ގުޅިގެން ހުޅަނގުގެ މުނާފިޤުކަން ސިފަކުރައްވަމުން މުރުސީއާ ގާތް ގުޅުމެއް ބޭއްވި ތުރުކީގެ ރައީސް ތައްޔިބު ރަޖަބު އުރުދުޤާން ވިދާޅުވީ “އެމީހުން އަމިއްލަ ޤައުމުގައި މަރުގެ ހުކުމާ ދެކޮޅު ހަދާއިރު މިސްރުގައި މަރުގެ ހުކުމް ތަންފީޒކުރާތަން ބަލަން އެމީހުން ތިބެނީ” ކަމަށެވެ.

މުރުސީ ޖަލައްލެވި ޖަލުގައި އެތަކެއް އަނިޔާތަކެއް ތަހައްމަލު ކުރަން ޖެހުނެވެ. މުރުސީގެ ސިއްޙީ އެތައް މަސައްލައެއް ހުރި ނަމަވެސް ބޭސްފަރުވާއިން އޭނާ މަހުރޫމް ކުރެވުނެވެ. މުރުސީ އޮންނެވި ޖަލުގައި އަވަހާރަޕުޅު ލެއްޕެވީ ކޮންކުރިޓުން ހަދާފައިވާ ތަޅުންގަނޑެއްގައެވެ. މުރުސީ ޖަލުގައި އޮންނެވި 6 އަހަރު ދުވަހު އާއިލާ ބައްދަލުކުރައްވަން ފުރުސަތު ލިބިވަޑައިތީ އެންމެ ފަހަރަކު އެވެ. މިސްރުގެ ޖަލުތަކަކީ ލާ އިންސާނީ އަނިޔާ ދިނުމާއި، ނަފުސާނީ އަދި ޖިސްމާނީ ގޮތުން އެތަކެއް ހާނިކައެއް ދިނުމުގެ ދިގު ތާރީހެއް އޮތް ޖަލުތަކެކެވެ. އެންމެ ފަހުން އަނިޔާތަކަށް ކެއްނުވެ އަވަހާރަވެގެން ވެއްޓި ވަޑައިގަތް އިރު ހިއުމަން ރައިޓް ވޮޗް އިން ދިޔައީ މުރުސީގެ ސިއްޙީ ހާލަތާ މެދު މިސްރުގެ ބަޤީ ސަރުކާރުން އިހުމާލުވެފައި ވާ ގޮތުގެ ރިޕޯޓެއް ވެސް ތައްޔާރުކޮށް ފައިނަލް ކުރަމުންނެވެ. ދުނިޔޭގެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ބޭސްފަރުވާ އިން މަހުރޫމުކޮށް މުރުސީ އަވަހާރަވާން ދޫކޮށްލީއެވެ. ކޮންމެއަކަސް މުރުސީ އާއެކު މިސްރުން ޑިމޮކުރަސީއަށް ކުރި އުންމީދު މަރުވީއެވެ. އެތައް ބައެއްގެ ލެއިން ގުރުބާންވެ ހޯދި މިނިވަންކަން އަނެއްކާ ވެސް އެމީހުނެގެ އަތުން ކަފުންކޮށް ވަޅުލީއެވެ. އެންމެ ކުޑަ މިނުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއް ވެސް މިހާރު މިސްރަކު ނެތެވެ. އެކަން ހާމަކުރަމުން އެމްނެސްޓީ އިންޓަނޭޝަނަލުން ނެރެފައިވާ ރިޕޯޓެއްގައި މިސްރު ސިފަކޮށްފައޮ ވަނީ “އޯޕަން އެއާ ޕްރިޒަން” އެއް ގޮތަށެވެ. މިކަމާ މެދު އެމެރިކާއިން އަދި ހުޅަނގަކުން ފާޑެއް ނުކިޔާނެއެވެ. އަބްދުލް ފައްތާޙް އަލް ސީސީ އިޒްރޭލްގެ އަނިޔާވެރިކަމަށް ރުހިގެން ހުރިހާ ހިނދަކުއެވެ. އިންސާފަކީ މިއީ ހެއްޔެވެ؟

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close