ޚަބަރު

ޒުވާން ޓީމަކާ އެކު އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިފުތިތާހުކޮށްފި

އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިފުތިތާހު ކުރުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު 14:00 ގައި ކުލަބު ޔޫތު ސްޓާރގެ ހޯލުގައެވެ.

އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ 5 މެންބަރުންނަކީ މިދުހަތު އަބްދުލް މަންނާން، ވެނީލާ، ރ.އުނގޫފާރު، އައިޝަތު ފަޒްލީނާ، ރިހިވެލި، ރ.އުނގޫފާރު، އައިޝަތު ސުފައިލާ، އައްސޭރި، ރ.އުނގޫފާރު، ހިދާޔާ ހަމީދު، ބީޗް ހެވަން، ރ.އުނގޫފާރު އަދި ތަހިއްޔާ ޙުސެއިން، ފެންފިޔާޒުގެ، ރ.އުނގޫފާރު އެވެ. އަންހެނުންގެ ކޮމިޓީއަށް އިންތިހާބުވެފައިވާ ޒުވާން މި ޓީމުގެ މެންބަރުންގެ އުމުރަކީ 28 އަހަރާއި 20 އަހަރާ ދެމެދެވެ.

މި ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރުންނަށް ހުވާ ލައިދެއްވާފައި ވަނީ އުނގޫފާރު ސްކޫލްގެ އިސްލާމް ޓީޗާރު، އަލްފާޟިލް އަލީ މާހިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަލަފުޅު ދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާޞިރު ޢަލީ ވިދާޅުވީ އުނގޫފާރު ރައްޔިތުންގެ މާލިއްޔަތު ފުޅާ ކުރުމުގެ ހަޤީޤީ މޭސްތިރިންނަކީ އުނގޫފަރު ރައްޔިތުން ކަމަށާއި، އޭރު މި ރަށުގެ ރައްޔިތުން ފަށާފައި ވަނީ އެންމެ 10000ރ އިން ކަމަށާއި އެހެން ނަމަވެސް އެ އަދަދު މިއަދު މިލިއަނުން ގުނާ ލެވެނީ ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ހުވާ ކުރުމަށް ފަހު އުނގޫފާރު ކައުންސިލްގައި ބޭއްވި މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ މި ކޮމެޓީގެ ރައީސް އަދި ނައިބު ރައީސް ވެސް ހޮވާފައެވެ. ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރައީސް ކަމަށް ކުރިމަތި ލާފައި ވަނީ މިދުހަތު އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާފައި ވަނީ ހިދާޔާ އެކަންޏެވެ. އެހެން އަންހެނުންގެ ކޮމެޓީގެ ރައީސް ކަމަށް މިދުހަތު އަދި ނައިބު ރައީސް ކަމަށް ހިދާޔާ ކޮމެޓީގެ އަގުލަބިއްޔަތުން ވަނީ ހޮވިފައެވެ. މިދުހަތު ވަނީ މިދިޔަ ދައުރުގައުރުގައި އުނގޫފާރު ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މިދުހަތު (ވާއަތުން ދެވަނަ)، އަދި ނައިބު ރައީސް ހިދާޔާ (އެންމެ ވާއަތަށް)

އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުވި 5 މެންބަރުންނަށް މަރުހަބާ ދަންނަވަމުން އުނގޫފާރު ކައުންސިލުން ބުނެފައި ވަނީ ފާއިތުވި ތަނުގައި އުނގޫފާރުގެ ތަރައްޤީއަށް އަންހެން ކަނބަލުން ކޮށްދެއްވާފައިވާ އަގު ނުކުރެވޭ ފަދަ ޙިދުމަތްތައް އެ ކައުންސިލުން ފާހަގަ ކުރާ ކަމަށެވެ. އަދި އަލަށް މި ކޮމެޓީއަށް އިންތިހާބުވި މެންބަރުން ވެސް އެފަދަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ހީވާގި ކަމާއި ކެރުންތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރާ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close