ޚަބަރުރ.އަތޮޅު

އާސަރުތައް ހިމާޔާތްކުރާ ގޮތަށް ރ.ކޮތައިފަރުގައި ރިސޯޓު ތަރައްޤީކުރަނީ

ރިސޯޓު ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރ.ކޮތާފަރުގައިވާ އާސާރުތައް ހިމާޔަތް ކުރުމަށް އެ ރިސޯޓު ހެދުމުގެ މަސައްކަތް ކުރާ ކުންފުނި ކަމުގައިވާ މުމެންޓަމް އާއި ޓޫރިޒަމް މިނިސްޓުރީއާ ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ  ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ މި ރަށުގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ރާއްޖޭގެ ތާރީހާ  ގުޅޭ ގިނަ އަދަދެއްގެ އާސާރުތައް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ޤަދީމީ ތަންތަން ވެސް ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރ.ކޮތައިފަރުގައި ހިމެނޭ ބައެއް އާސާރުތައް – ފޮޓޯ: އާލާ އަލީ

ހެރިޓޭޖް މިނިސްޓްރީން ހާމަކުރި ގޮތުގައި ކޮތައިފަރުން ފެނުނު އާސާރުތަކުގެ ތެރޭގައި ދެ މިސްކިތެއްގެ ތަރާގަނޑު، ރާއްޖެއިން މީގެ ކުރިން ފެނިފާނުވާ ކުރެހުންތަކެއް ކަނޑާ ނަގާފައިވާ މަހާނަ ގާތަކަކާއި، 2 ގަބުރުސްތާނާއި 2 ޒިޔާރަތް ހިމެނެއެވެ. އެ ގޮތުން މި މަހާނަ ގާތަކަކީ ރާއްޖެ އިސްލާމު ވުމުގެ ކުރީގެ މަހާނަ ގާތަކެއް ކަމަށް ބެލެވެއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮތައިފަރުގައި ހިމެނޭ އާސާރުތައް ހިމާޔާތް ކުރާ ގޮތަށް ނޫނީ މި ރަށުގައި ރިސޯޓު ތަރައްޤީ ކުރުމުގެ ހުއްދަ ނުދޭނޭ ކަމަށެވެ. މި ރަށުން އާސާރުތައް ފެނުމައި ގުޅިގެން ހެރިޓޭޖު މިނިސްޓްރީން ވަނީ މި ރަށުގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓޫރިޒަމް މިނިސްޓުރީއާ އެކު ބައިވެރިވެފައެވެ. އަދި މި ރަށުގައި ރިސޯޓު ތަރައްޤީ ކުރާއިރު ހެރިޓޭޖު ސެންޓަރަކާއި އާސާރީ 2 ސައިޓު ހިމެނުމަށް ހެރިޓޭޖު މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮތައިފަރު އަދި ކުރޮށިގިރީގައި ރިސޯޓު ތަރައްޤީ ކުރުމަށް ހެދި އެންވާރަމެންޓު އެސެސްމެންޓު ރިޕޯޓު އީޕީއޭ އިން މި މަހު ކުރީ ކޮޅު ވަނީ ރ.އަތޮޅު ކައުންސިލްއާ ޙިއްސާކޮށްފައެވެ.

ރ.ކޮތައިފަރުގައި ހިމެނޭ ބައެއް އާސާރުތައް – ފޮޓޯ: އާލާ އަލީ

ބުނެވޭ ގޮތުގައި މީގެ 300 އަހަރު ކުރިން ކޮތައިފަރުގައި މީހުން ދިރިއުޅުނެވެ. އެ ރަށް ފަޅުވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެނގޭކަށް ނެތެވެ.

ކޮތައިފަރު އަދި ކުރޮށިގިރި ރިސޯޓެއް ގޮތުގައި ތަރައްޤީ ކުރުމަށް އެންމެ ފުރަތަމަ ދޫކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަން މެދުވެރިކޮށް އޮރިއެންޓް ރޯޒް ކިޔާ ކުންފުންޏަކަށެވެ. އެހެން ނަމަވެސް އެ ކުންފުނިން ކޮރައިފަރު ވަނީ މުމެންޓަމްއަށް ވިއްކާލާފާއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުޤީގު ރިޕޯޓުގައި އިކުޒިޝަން ކޯސްޓުގައި ދައުލަތައް ލިބެންޖެހޭ ރުފިޔާގެ ތެރެއިން ކޮތައިފަރާއި ކުރިށިގިލިން ދަޢުލަތައް ލިބެންޖެހޭ 5 މިލިއަން ޑޮލަރުވެސް ފާހަގަކޮށްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close