ޚަބަރު

ހިދުމަތްތައް ސަރުކާރަށް ބަދަލުކުރުމާ މެދު ރައްޔިތުންގެ ސިއްރު ވޯޓު ޖުލައި 6 ގައި

އުނގޫފާރު ރައްޔިތުންގެ ނަމުގައި އުނގޫފާރު ކައުންސިލުން ހިނގަމުން އަންނަ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ، ނަރުދަމާ އަދި ކުނިކޮށި ސަރުކާރުގެ ކުންފުންޏަކާ ހަވާލު ކުރުމާ މެދު އުނގޫފާރުގެ ރައްޔިތުން ނިންމާ ގޮތެއް ބެލުމަށް ބާއްވާ ސިއްރު ވޯޓު މި ފެށޭ ޖުލައި މަހުގެ  6 ވަނަ ދުވަހު ބޭއްވުމަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި އުނގޫފާރުގައި ރައްވެހިވެފައިވާ ފަރާތް ތަކުގެ މެދުގައި މި ނެގޭ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ދާނި 6 ޖުލައި 2019 ވާ  ހޮނިހިރު ދުވަހު ހެނދުނު 8:00 އިން މެންދުރު 14:00 އަށް އުނގޫފާރު ސްކޫލްގެ ރިހިމާލަމުގައެވެ. އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އުނގޫފާރު ސްކޫލްގައި 2 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައި ވާއިރު މާލޭގައި ވެސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި ވޯޓުގައި ވޯޓުލެވޭނީ 5 ޖުލައި 2019 ވާ ހުކުރު ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ބޭނުންވާ އުނގޫފާރުގެ ރައްވެހިން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން  ރަޖިސްޓާރ ވުމަށް އުނގޫފާރު ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މާލޭގައި ވޯޓު ލުމަށް ރެޖިސްޓަރ ވުމަށް އެދޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓަރ ވެވޭ ގޮތަށް އުނގޫފާރު ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން މާލޭގައި ވޯޓު ލުމަށް ރަޖިސްޓަރ ވުމަށް އެސްއެމްއެސް ކުރާނީ އައިޑީކާޑުގައިވާ ގޮތަށް ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައިޑީ ކަޑު ނަމްބަރު، އަދި މާލެ ޖެއްސެވުމަށް ފަހު 9892100 އަށެވެ.

އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުން އަންނަ، އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ، ނަރުދަމާ އަދި ކުނިކޮށި ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމާ މެދު އުނގޫފާރު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް އެހުމަށް އުނގޫފާރު ކައުންސިލުން ފާސްކޮށްފައި ވަނީ އެ ކައުންސިލްގެ 88 ވަނަ ބައްދަލުވުމުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close