ރަށު ކުޅިވަރުކުޅިވަރު

ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕް 2019 ގެ ޗެންޕިއަންކަން ހޭހަން ރިކުރިއޭޝަން ކުލަބު ހޯދައިފި

އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް “ޕޮލިސް ޔޫތު ފުޓްސަލް ކަޕް 2019” ގެ ޗެންޕިއަންކަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހޭހަން ރިކުރިއޭޝަން ކުލަބު ހޯދައިފިއެވެ. ހޭހަން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓްސަލް ދަނޑުގައި އޮތް މި މުބާރާތުގެ ފައިނަލް މެޗުގައި ރ.އަތޮޅު ކައުންސިލްގެ އަރުތަ ރިކުރިއޭޝަން ކުލަބާ ވާދަކޮށް 3-1 ން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗު ފެށިގެން 3 ވަނަ މިނެޓުގައި ހޭހަން ރިކުރިއޭޝަން ކުލަބުން ލީޑު ނެގި އިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަމްދޫހު އަމްދުލް ޤާދިރުއެވެ. އެހެން ނަމަވެސް އޭގެ ކުޑައިރުކޮޅެއް ކުރިން މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަރުތަ ޓީމުގެ މުޙައްމަދު މުއީން ހުށިޔާރު ކަމާއެކު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ހާފުގައި 2 ޓީމުގެ ފަރާތުން ވެސް ފޯރިގަދަ އަދި މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

ހޭހަން ރިކުރިއޭޝަން ކުލަބުން މުޅި ގޭމް އެޓީމުގެ ކޮޅަށް އަނބުރާލީ 2 ވަނަ ހާފުގައެވެ. ފައިނަލް މެޗުގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުން ދިޔަ ހޭހަން ރިކުރިއޭޝަން ކުލަބުގެ ހަލުވި ފޯވާޑު މަމްދޫހު އަބްދުލް ޤާދިރު ހިފެހެއްޓުމަށް އަރުތަ ޓީމަށް ބޮޑު އުދަނގުލެއް ކުރިމަތިވިއެވެ. ނަތީޖާއަކަށްވީ މަމްދޫހު އިތުރު 2 ލަނޑު ޖަހާ ހެދި ހެޓުރިކާއެކު މުބާރާތް އެ ޓީމުން ކާމިޔާބު ކުރުމެވެ.

ފައިނަލް މެޗަށް ފަހު ކުރިއަށް ދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިޔާތުގައި ވަނީ މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި އަދި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާފައެވެ. މުބާރާތު އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ އަތޮޅު ކައުންސިލް އަރުތަ ރިކްރިއޭޝަން ކުލަބުގެ އަލީ އުނައިސް، މުޙައްމަދު ސާއިފު، އެ ޓީމުގެ ގޯލް ކީޕަރ ހަސަން އާސިފު ގެ އިތުރުން ހޭހަން ރިކްރިއޭޝަން ކުލަބުގެ މުޙައްމަދު މުއީން އަދި އަލީ އުނައިސްއެވެ.

ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕް 2019 ގެ އެންމެ މޮޅު 5 ކުޅުންތެރިން – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ވެސް ކާމިޔާބު ކުރި ހޭހަން ރިކްރިއޭޝަން ކުލަބުގެ މުޙައްމަދު މުއީންއެވެ.

ޕޮލިސް އެންޑް ޔޫތު ފުޓްސަލް ކަޕް 2019 ގެ އެންމެ މޮޅު ކުޅުންތެރިޔާ، މުޙައްމަދު މުއީން – ފޮޓޯ: މުޙައްމަދު ފަޒްލީން (އެމްޑީ)

މި މުބާރާތުގެ  ނިންމުމުގެ ރަސްމިޔާތުގައި ވަނީ  މި މިބާރާތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކުގެ އިސްވެރިންނާއި ޓީމުތަކުގެ ކުޅުންތެރިންނާ އެކު ތާރީހީ ފޮޓޮއެއް ވެސް ނަގާފައެވެ. މި މުބާރާތަކީ އުނގޫފާރު ފުލުހުންނާއި އުނގޫފާރު ކޮމިއުނިޓީ ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ޖުމްލަ 5 ޓީމު ބައިވެރިވިއެވެ. އެއީ އުނގޫފާރު ޕޮލިސް ސްޓޭޝަން، ރ.އަތޮޅު ކައުންސިލް، އުނގޫފާރު ކައުންސިލް، ހޮސްޕިޓަލް އަދި ސީބީސީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close